އަހަރެންގެ ތިލާވާކުރުން ރީތިކުރާނީ ކިހިނެތް؟
الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.
ފެށުން.
އަމިއްލަ ނަފްސާ ސުވާލުކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. އަބަދުވެސް ނަފްސު ހިސާބުކުރަން ޖެހެއެވެ. އެހެނީ އެއީ މާދަމާއަށްޓަކައި ކުރެވޭނެ އެންމެ ބުއްދިވެރި އަދި އެންމެ ބޮޑު ކަމެވެ. އިސްލާމްދީނުގައި އަމިއްލަ ނަފްސު ޙިސާބުކުރުމަށް ބާރުއަޅާފައިވެއެވެ. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. “ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ “ މާނައީ ”އަދި ކޮންމެ ނަފްސެއްމެ، މާދަމާއަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލާފާހުށިކަމެވެ.“ ( ޙަޝްރު18).
ކިޔަވާ ކުއްޖެއް ނުވަތަ ޢިލްމު އުނގެނޭ ކުއްޖެއްނަމަ މި ބީދާއިން ތިމާއަށް ދެވޭ މިޞްރާބާއި ތިމާ މިހާރު ހުރިހިސާބަކީ ކޮބާތޯ އަމިއްލައަށް ޙިސާބުކޮށް އަމިއްލަ ނަފްސާއި ސުވާލުކޮށް ބަލަން ޖެހެއެވެ. އެއީ ކުރިއަށް ދިއުމުގައި ކުރެވޭނެ އެންމެ މޮޅު އެންމެ ބުއްދިވެރި އެއްކަމެވެ. މިދެންނެވި ފަދައިން ޙިސާބުކުރާ ދަރިވަރެއް ނަމަ އެކުއްޖަކަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަކީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެނީ އެކުއްޖަކު އަމިއްލަ އައިބުތައް ރަނގަޅުކުރަން މަސައްކަތް ކުރާނެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ޤުރްއާން އުނގެނޭ ދަރިވަރުންގެ ހިތުގައި އުފެދޭ ސުވާލެއް އޮވެއެވެ. އެހެނަސް އެ ސުވާލުގެ ޖަވާބު ގިނަ ދަރިވަރުންނަށް ދެނެގަންނަށް އުނދަގުލެވެ. އަދި އެކަމުގައި ދެން ޢަމަލުކުރަންވީ ކޮންގޮތަކަށް ކިހިނެތް ކަމާއިމެދު ސުވާލު އުފެދެއެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެން ޤާރީކޯސްތައް ހަދައިފީމެވެ. ނުވަތަ ޤުރްއާނުން ޑިގްރީ ހަދައިފީމެވެ. ނުވަތަ މާސްޓަރސް ވެސް ހަދައި މި ނިމުނީއެވެ. މަޚްރަޖުތައް އިނގެއެވެ. ތަޖުވީދުގެ ޙުކުމްތަކާއި ޤުރްއާނާއި ގުޅޭ އެތައް މަޢުލޫމާތެއް އެބަހުއްޓެވެ. ނަމަވެސް އަމިއްލައަށް ރެކޯޑް ކޮށްލައިން އަހަރެންގެ ކިޔެވުން އަހަރެންނަށް އަޑުއަހާލަން ނުކެރެއެވެ. ނުވަތަ ލަދުގަނެއެވެ. ދެން އަހަރެންގެ ކިޔެވުން ނުވަތަ ތިލާވާކުރުން ރީތިކުރާނީ ކިހިނެތްހެއްޔެވެ؟
އަޅުގަނޑު މި ލިޔުމުގައި މި ބަލާލަނީ އަކުރުތަކުގެ މަޚްރަޖާއި، ތަޖުވީދުގެ ޤަވައިދުތައް އެނގޭ ބޮޑެތިބޭފުޅުންގެ ކިޔެވުން ރީތިކުރުމަށް ކުރެވިދާނެ ކަންތައްތަކަށެވެ. ނުވަތަ ކޯސްތައްހަދައި ނިމިފައި ތިބި ބޭފުޅުންގެ ކިޔެވުން ރީތިކުރުމަށް ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކަށެވެ.
- ޢަމަލީގޮތުން ތަޖުރިބާ ކޮށްގެން.
ތިލާވާ ކުރުމަކީ ޢަމަލީ ކަމެކެވެ. ތިލާވާކުރުން ރީތިކުރެވޭނީ ޢަމަލީގޮތުން ތަޖުރިބާތަކެއް ކުރެވިގެންނެވެ. ނުވަތަ ލިބިގެންނެވެ. ދެން އުފެދޭ ސުވާލަކީ މި ތަޖުރިބާތައް ހޯދާނީ ކިހިނެއްހެއްޔެވެ؟ މި ތަޖުރިބާތައް ހޯދަން ކުރަންވީ ކޮންމަސައްކަތެއް ހެއްޔެވެ؟
މި ތަޖުރިބާ ލިބުމަށް ބޭނުންވަނީ ތަޖުރިބާހުރި ކިޔެވުން ރީތި އަދި ކިޔެވުމުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަށް، މައްސަލަޖެހެން މެދުވެރިވާ ސަބަބު ބުނެދީ މައްސަލަ ޙައްލުކުރަން ބުނެދޭން އެނގޭ މުދައްރިސުންގެ ގާތުން ކިޔެވުމާއި ، ރީތިކޮށް ކިޔަވައި ޤާރީންގެ ކިޔެވުން ގިނަގިނައިން އަޑުއެހުމެވެ. ދެން އެއަށް ފަހު ދަރިވަރުގެ މަސައްކަތް ތަކުރާރުކޮށްގެންނެވެ. މީގެ އިތުރުން ދަރިވަރުންނަށް ކިޔަވައިދީގެން ވެސް އިތުރު ތަޖުރިބާތައް ހޯދިދާނެއެވެ. އެއީ ދަރިވަރުންގެ ކިޔެވުމުގައި ހުންނަ މައްސަލަތައް ދެނެގަނެ، އެކަންކަމާއިމެދު ފިކުރުކޮށް ވިސްނައި ބަލައި، ދިރާސާކޮށް އެކަން ޙައްލުކުރާނެގޮތް ހޯދައިބަލައި ދެނެގަނެގެންނެވެ.
ކިޔެވުން ރީތި މުދައްރިސުން ގާތުން ކިޔެވުމަކީ އަކުރުތަކުގެ ރީތި ފުރިހަމަ އަޑު ދަސްވެ، ފިލިތަކުގައި ހަމަ ހިފެހެއްޓުމާއި، ސުކުންތަކާއި ތަޝްދީދުގައި ހޭދަވާ ވަޤުތުތައް ފުރިހަމަ ކުރާގޮތުގެ އަޑު ދަސްވާކަމެކެވެ. ނުބައިވާ ސަބަބު ބުނެދިނުމަށްފަހު އެކަން ޙައްލު ކުރަން ބުނެދޭ މުދައްރިސުންގެ ގާތުން ދަސްވާނީ ކިޔުމުގައި ނުބައިވި ގޮތް ދޫކޮށްލައި އައު ތަޖުރިބާއެއްކޮށް އަޑު ދަސްކުރާށެވެ. ރީތިކޮށް ކިޔަވައި ޤާރީންގެ ކިޔެވުން އަޑުއެހުމަކީ ރީތިރާގުތަކަށް ކިޔެވުމުގައި އަޑު ގެންގުޅެން ދަސްވާކަމެކެވެ. އެއަށްފަހު ދެން މުދައްރިސުގެ ގާތުން ލިބުނު ތަޖުރިބާގެ އަލީގައި އެކަންކަމަށް ފިކުރު ހިންގައި ދަރިވަރުން އެކަންކަން ތަކުރާރުކޮށް މަސައްކަތް ކުރުމުން މި ތަޖުރިބާތައް ދާނީ އިތުރުވެ ކިޔެވުމަށް ކުރިއެރުން ލިބެމުންނެވެ. ކިޔަވައިދީގެން އިތުރުތަޖުރިބާތައް ކުރެވޭ ސަބަބަކީ ކިޔެވުމުގައި ތަފާތު އެކި މައްސަލަތައް ހުންނަ ކުދިންނާއި ދިމާވެ، އެކަންކަން ރަނގަޅުކޮށްދިނުމަށް ތިމާއަށް މަޖުބޫރުވުމުން އެކަންކަމާއިމެދު ފިކުރު ހިންގަން މަޖުބޫރުވުމެވެ. އަދި އަމިއްލައަށް އެކަންކަން ރަނގަޅުކުރަން މަސައްކަތްކުރަން މަޖުބޫރުވުމާއި، އެކި ގޮތްގޮތަށް ބުނެދޭން ޖެހުމުން އެކި ކުދިންނަށް ބުނެދީ ތަފާތު އުކުޅުތައް ދަސްވުމެވެ.
އަޅުގަނޑުމެން ތަޖުރިބާގެ ވާހަކަ ދައްކާއިރު ހަނދާން ބަހައްޓަން ޖެހޭ ވަރަށް މުހިންމު ކަންކަން އެބަހުއްޓެވެ. އެއީ ތަޖުރިބާއަކީ ހަމަ ހުރެފައި ލިބޭ އެއްޗެއްނޫން ކަމެވެ. އަދި ތަޖުރިބާ ހޯދުމަށް އަމިއްލައަށް ކަންކަން ދިރާސާ ކުރުމެވެ. އަމިއްލައަށް ކަންކަމާއިމެދު ފިކުރުހިންގައި ކަމެއް ގޯސްވުމުން އެއީ ކީއްވެ، ކިހިނެއްވެގެން ވީ ކަމެއްތޯ ބަލައި އަމިއްލައަށް ދިރާސާ ކުރުމެވެ. މުދައްރިސަކު ކަމެއް ފާހަގަ ކޮށްދިނުމުން ނުވަތަ ގޯސްވެއްޖެކަން ފާހަގަ ކޮށްދީ، އަދި ގޯސްވީ ސަބަބު ބުނެދިނުމަށްފަހު މުދައްރިސް ބުނި ހިސާބުން ދޫކޮށްނުލުމެވެ. އަމިއްލައަށް އިތުރަށް ހޯދައި ބަލާށެވެ. އަދި ކިޔަވައިދޭ ދަރިވަރަކު ކުށެއް ކިޔުމުން އެކަންކަމާއިމެދު ވިސްނާ ފިކުރުހިންގައި އެކަން ދިމާވި ސަބަބު ދެނެގަނެ، ނުބައިކޮށް ކިޔުން ސަބަބާއި ރަނގަޅުކުރަން ކުރަންވީ މަސައްކަތް އެކި އުކުޅުބޭނުން ކޮށްގެން ބުނެދޭން މަސައްކަތްކުރާށެވެ. އޭގެ ސަބަބުން އިމިއްލަ ނަފްސަށް ކަންކަން އިޞްލާޙް ކުރެވެން ފަށާނެއެވެ.
ނުނިމޭ!