• އިންސްޓިޓިއުޓަށް ދަރިވަރުން ވަނުމަށް އެދި ހުށަހެޅުން:
  • އިންސްޓިޓިއުޓުން ކުރިޔަށް ގެންދާ ކުލާސްހަކަށް ވަނުމަށްޓަކައި އިންސްޓިޓިއުޓްގެ އޮންލައިން އެޕްލިކޭޝަން ފޯމް ފުރުމަށް ފަހު ހުށަހަޅަން ޖެހޭނެއެވެ.
  • އެދިލައްވާ ކޮންމެ ކުލާހަށްވެސް ޖެހޭނީ ކޮންމެ ދަރިވަރަކުވެސް ރެޖިސްޓަރ ވާށެވެ. އެގޮތުން އެޕްލިކޭޝަން ފޯމް ހުށަހެޅުމުން އިންސްޓިޓިއުޓުން ރެޖިސްޓަރ ވުމަށް އަންގާނެއެވެ. ރަޖިސްޓަރ ވުމަށް އެންގުމުން ރެޖިސްޓްރޭޝަން ފޯމް ފުރުމަށް ފަހު ރެޖިސްޓްރޭޝަން ފީއަށްވާ -/100ރ ( ސަތޭކަ ރުފިޔާ ) ދައްކާލަން ޖެހިލައްވާނެއެވެ.
  • ކުލާހުގައި ދަރިވަރު ރަޖިސްޓަރކޮށް ޕޯޓަލްގައި ރެޖިސްޓަރކުރާނީ ރެޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ.

 

 

  • ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު:
  • ހިފްޡު ޕްރޮގްރާމުގައި ފިޔަވައި އެހެން ކުލާސްތަކުގައި، އެއް ކުލާހެއްގައި ގިނަވެގެން ކިޔަވާނީ 16 ދަރިވަރުންނެވެ. މަދުވެގެން ކިޔަވާނީ 10 ދަރިވަރުންނެވެ.
  • ޙިފްޡު ޕްރޮގްރާމުގައި ގިނަވެގެން އެއް ކުލާހެއްގައި ކިޔަވާނީ 20 ދަރިވަރުންނެވެ. އަދި މަދުވެގެން ކިޔަވާނީ 10 ދަރިވަރުންނެވެ.

 

  • ޕްރޮގްރާމް ފެށުމާއި ހުއްޓާލުން:
  • އިންސްޓިޓިއުޓްގައި ފަށާ ހުރިހައި ޕްރޮގްރާމެއްވެސް ފެށޭނީ އެ ޕްރޮގްރާމަކަށް އިޢުލާނު ކުރުމަށްފަހު، މަދުވެގެން އެ ޕްރޮގްރާމެއްގައި ތިބޭނެ ޢަދަދަށް ކުދިން ހަމަވުމުންނެވެ.
  • މީލާދީ މަހެއްގެ މެދު ތެރެއިން ވެސް ޕްރޮގްރާމް ފެށިދާނެއެވެ.
  • ޕްރޮގްރާމެއް ފެށުމަށްފަހު ހުއްޓާލާނީ ކުލާހުގައި މަދުވެގެން ތިބެން ޖެހޭ ޢަދަދަށްވުރެ ކުދިން މަދުވުމުން އެ ޕްރޮގްރާމްގެ އެހެން ކުލާހަކަށް ކުދިން ބަދަލުކުރެވެން ނެތް ޙާލަތުގައެވެ.

 

  • ކިޔަވައިދޭ ދުވަސްތަކާއި ބަންދު ދުވަސްތައް:

 

  • ހުކުރު އަދި ހޮނިހިރު ފިޔަވައި ހުރިހަ ރަސްމީ ދުވަސްތަކުގައި މި އިންސްޓިޓިއުޓަށް ޙާޞިރުވެ ކިޔަވާ ކުދިންގެ ކިޔެވުން އޮންނާނެއެވެ. ޖުމްލަ ހަފްތާއަކު 5 ދުވަހު ކިޔަވައިދެވޭނެއެވެ.
  • ރަސްމީ ބަންދު ހުރިހައި ދުވަސްތަކުގައި ބަންދުވާނެއެވެ.
  • ރަމަޝާން މަހުގައި ބޭއްވޭ ޚާއްޞަ ޕްރޮގްރާމެއް ފިޔަވައި ޢާންމު ހުރިހައި ކުލާހެއްވެސް ރަމަޟާންމަހު ބަންދުވާނެއެވެ.
  • ފިޠުރު ޢީދުގެ މުނާސަބާގައި 5 ދުވަސް ބަންދުވާނެއެވެ. އަދި ޙައްޖުދުވަހާއި ، އަޟުޙާ އީދުގެ މުނާސަބާގައި 5 ދުވަސް ބަންދުވާނެއެވެ.
  • ސްކޫލުތަކުގެ ފުރަތަމަ ސެމިސްޓަރ ޗުއްޓީ އަށް 2 ހަފްތާ ބަންދުވާނެއެވެ. އަދި ދެވަނަ ސެމިސްޓަރ ޗުއްޓީގައި 1 މަސް ދުވަސް ބަންދުވާނެއެވެ.
  • ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ނުވަތަ ރަށުން ކަރަންޓު ކެނޑުން ފަދަ ޙާލަތެއްގައި، ކުލާސްތައް ބަންދު ކުރުމާއި، ކިޔަވައިދިނުން ބިނާވާނީ އެއިރެއްގެ ޙާލަތައް ބެލުމަށް ފަހުއެވެ.

 

  • ކުލާހެއް ކެންސަލްވުމާއި ކެންސަލް ކުރުން:

 

  • މުދައްރިސަށް ކުއްލި ޙާލަތެއް މެދުވެރިވެގެން އަދި އިންސްޓިޓިއުޓްގެ ފަރާތުން ޓީޗަރެއް އެގަޑިއަށް ހަމަ ނުޖެއްސި، އެކުލާހުގެ ކިޔެވުން ކުރިޔަށް ނުގެންދެވިއްޖެނަމަ ކެންސަލްވި ގަޑި ހުކުރު ހޮނިހިރު 2 ދުވަހުން ދުވަހެއްގައި ނަގައިދެވޭނެއެވެ.
  • އެއްވެސްކަމެއް ދިމާވެގެން އިންސްޓިޓިއުޓްގެ ފަރާތުން ކުލާހެއް ކެންސަލް ކުރާނަމަ ކުލާސް އޮންނަ ގަޑި ޖެހުމުގެ 45 މިނެޓް ކުރިން ދަރިވަރުންނަށް ނުވަތަ ބެލެނިވެރިންނަށް އެކަން މެސެޖަކުން ނުވަތަ ގުޅައިން އަންގާނެއެވެ.
  • މުޤައްރަރު އަދި ކުލާސް ކުރިޔަށް ގެންދިއުން: 
  • ކޮންމެ ޕްރޮގްރާމެއްގައި ވެސް ކިޔަވައިދޭނެ މުޤައްރަރާއި ކިޔަވައިދޭނެ އުޞޫލު ކަނޑައަޅާނީ އިންސްޓިޓިއުޓުންނެވެ.
  • ޤިރާއަތު ކޯސްތަކުގައި ކިޔަވައިދޭނީ އެމް.ކިއު.އޭ އިން ކަނޑައަޅާފަވާ މުޤައްރަރާއި އެއްގޮތަށެވެ.
  • އިންސްޓިޓިއުޓުން ހިންގާ ހުރިހައި ކޯސްތަކާއި ޕްރޮގްރާމް ތަކެއްގައި، އެ ޕްރޮގްރާމަކާއި ގުޅޭ ޤަވާއިދަކާއި އުޞޫލުތަކެއް ކަނޑައެޅިފައިވާނެއެވެ. އެ ޕްރޮގްރާމްގެ ޤަވާއިދުތައް އެ ޕްރޮގްރާމެއްގައި ކިޔަވާ ދަރިވަރުން ނުވަތަ ދަރިވަރުންގެ ބެލެނިވެރިންނާއި ޙިއްސާ ކުރެވޭނެއެވެ.
  • ކިޔަވައިދޭ މުދައްރިސާއިމެދު ނުވަތަ އުޞޫލާއިމެދު ހިންހަމަނުޖެހޭ ނަމަ ދަރިވަރުން ނުވަތަ ބެލެނިވެރިންގެ ޚިޔާލު، ހުށަހެޅުމުގެ ފުރުޞަޠު އޮންނާނެއެވެ. ނަމަވެސް އިންސްޓިޓިއުޓުން އެ ޚިޔާލާއިމެދު ނުވަތަ ހުށަހެޅުމާއިމެދު ގޮތެއް ނިންމާނީ އިންސްޓިޓިއުޓުގެ ސީނިއަރ ޓީޗަރުންނާއި އިސްވެރިން މަޝްވަރާ ކުރުމަށްފަހު، އެއީ ރަނގަޅު ޚިޔާލެއް ކަމަށް ފެންނަ ނަމައެވެ.

 

  • ފިރިހެން ކުދިން ހެދުން އެޅުމާއި ޒީނަތްތެރި ވުމުގެ މިންގަޑު:
  • ކުލާހަށް ޙާޟިރުވާން ވާނީ އިސްލާމީ މިންގަޑަށް ފެތޭފަދަ ހެދުމެއްގައެވެ.
  • ފިރިހެން ކުދިން ކުލާހަށް ޙާޞިރުވާނީ ޤަމީސް / ގިރުވާނުލީ ޓީ ޝާރޓާއި، ފަޓުލޫން ނުވަތަ ޖީންސް ލައިގެންނެވެ.
  • ގަޔަށް މާ ބާރު ފިޓް ކޮން ހުންނަ ޓީ ޝާރޓް/ ޤަމީސް އަދި ޖީންސް/ ފަޓުލޫން ލައިގެން ކުލާހަށް ޙާޟިރުވެގެން ނުވާނެއެވެ.
  • ބުދު ޖެހި އަދި ތަންތަންކޮޅުން ވީދިފަ ހުންނަ އެކި ފާޑުގެ ޓީ ޝާރޓް/ ޤަމީސް އަދި ޖީންސް/ ފަޓުލޫން ލައިގެން ކުލާހަށް ޙާޟިރުވެގެން ނުވާނެއެވެ.
  • ކުލާހަށް ޙާޟިރުވާއިރު ފެންފައިވާން/ އާދައިގެ ނައިލޯން ފައިވާން ލައިގެން ކުލާހަށް ޙާޟިރުވެގެން ނުވާނެއެވެ.
  • ޤުރްއާން ކުލާހަށް އަންނަ އިރު ތާކިހާ އެޅުން އެދެވިގެންވެއެވެ. ނަމަވެސް ތާކިހަ އެޅުންމަޖުބޫރެއް ނޫނެވެ.
  • ކުލާހަށް ޙާޞިރުވާއިރު ފެންވަރާއި ޒީނަތްތެރިވެ މީރުވަސްދުވާ ހުވަނދެއް ބޭނުން ކުރުން އެދެވެގިންވެއެވެ.
  • އަންހެން ކުދިން ހެދުން އެޅުމާއި ޒީނަތްތެރި ވުމުގެ މިންގަޑު:
  • ކުލާހަށް ޙާޞިރުވާން ވާނީ ކުލާހަށް އައުމަށް އެކަށީގެންވާ ހެދުމެއްގައެވެ.
  • އަންހެން ކުދީން ކުލާހަށް ޙާޟިރުވާންވާނީ އަތްދިގުހެދުމެއްލައިގެންނެވެ. އެންމެ ކުޑަ މިނުން ކަކޫ ނިވާވަރުގެ ހެދުމަކަށްވާންވާނެއެވެ. އަދި ބުރުގާ އަޅައިގެންނެވެ.
  • ގަޔަށް މާބަރު ހެދުން ޓީ-ޝަރޓް އަދި ޖީންސް ނުވަތަ ސްކިނީ ލައިގެން ކުލާހަށް ޙާޟިރުވެގެން ނުވާނެއެވެ
  • ކުލާހަށް ޙާޟިރުވާން ވާނީ ތަނބިކަށި ނިވާ ވާ ވަރުގެ އިސްތާކީން ލައިގެންނެވެ.
  • ކީ ސްޓޭޖް 3 ގެ ދަރިވަރުން ކުލާހަށް ޙާޟިރުވާ އިރު ބޮޑެތި ޝޯލް ނުވަތަ ބުރުގާ އެޅުން އެދެވިގެންވެއެވެ.
  • އަލި ކުލަތަކުގެ ބަދަލުގައި ކަޅު ނުވަތަ ގަދަ ކުލައިގެ ހެދުން އަދި ކަޅުބުރުގާ އެޅުން އެދެވިގެންވެއެވެ.

 

  • ކުލާހަށް ތަކެތިވެއްދުން:
  • ކުލާހަށް ބޭނުން ނުވާ ބޭކާރު ތަކެތި ކުލާހަށް ވެއްދުން މަނާވާނެއެވެ.
  • ބުދު ޖެހި ފޮތް، ފަންސޫރު، ގަލަން، ފެންފުޅި އަދި ދަބަސް ނުވަތަ ޕާސް ޤުރްއާން ކިޔަވާ ކުލާހަށް ވެއްދުން މަނާވާނެއެވެ.
  • ބުދު ޖަހާފައިވާ އެއްޗެއް ކުލާހަށް ވައްދާ ނަމަ އެ އެއްޗެއް ޞިފަ ނުކުރެވޭ ގޮތަށް ކަނޑާލަން ވާނެއެވެ. ނުވަތަ އެހެންކަހަލަ ސްޓިކާއެއް ނުނައްޓާ ގޮތަށް ތަތްކުރެވިފައި ހުންނަންވާނެއެވެ.
  • ދަރިވަރުން އެއްވެސް ކަހަލަ ކާއެއްޗެއް ކުލާހަށް ވެއްދުމާއި ކުލާހުގައި ކެއުން މަނާވާނެއެވެ.
  • ދަރިވަރުން އެއްވެސް ކުޅޭ އެއްޗެއް ކުލާހަށް ވެއްދުން މަނާވާނެއެވެ.
  • ރޯގާތަކާއި، ވައިރަލް ފީވާފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކޮންމެ ދަރިވަރަކު ވެސް ބޯފެން ފުޅިއެއް ގެނައުން އެދެވިގެން ވެއެވެ.

 

  • ފީ ދެއްކުން:
  • ކޮންމެ ކުލާހަކަށް ކަނޑައެޅިފައިވާ ފީ ކޮންމެ މީލާދީ މަހެއްގެ ކުރިޔަށް ދައްކަވަންވާނެއެވެ.
  • 10 ވަނަ ދުވަހުގެ ކުރިން ފީ ދެއްކުމަށް އުޒުރުވެރިވާ ފަދަ ކަމެއް ދިމާވެއްޖެނަމަ 07 ވަނަ ދުވުގެ ރޭގަނޑު 00:00 ގެ ކުރިން އެޑްމިންއަށް އެކަން އަންގަންވާނެއެވެ.
  • އެއްވެސް އުޒުރެއް ދިމާވެގެން އެންގުމަކާއި ނުލައި 10 ވަނަ ދުވަހުގެ ކުރިން ފީ ނުދައްކައިވާނަމަ އެކަން ބެލެނިވެރިޔާއަށް އެންގުމަށް ފަހު 11 ވަނަ ދުވަހުން ފެށިގެން އެދަރިވަރަށް ކުލާހަށް ވަދެވޭނީ ފީދެއްކުމުންނެވެ.
  • އެއްވެސް އުޒުރެއް ދިމާވެ ފީ ނުދައްކައި ދަރިވަރަކަށް ކުލާހުގައި ކިޔެވޭނީ 40 ދުވަސް ނުވަތަ 1 މަހާއި 10 ދުވަސް ވަންދެނެވެ. 1 މަހާއި 10 ދުވަސް ހަމަވުމުން ފީ ނުދައްކާ ނަމަ އެކަން ބެލެނިވެރިޔާއަށް އަންގައި އެ ދަރިވަރަކު ކުލާހުން ވަކި ކުރެވޭނެއެވެ. އަދި ކުރިން ފީ ނުދައްކައި އޮތް މަސްދުވަހާއި އެކު ހިނގަމުން ދާ މަހުގެ 10ވަނަ ދުވަހާ ހަމައަށް ދުވާލަކަށް ޖެހޭ މިންވަރު ބަލައި އެ 10 ދުވަހުގެ ފީވެސް ވީ އެންމެ އަވަހަކަށް ދައްކަވަންވާނެއެވެ.
  • އެއްވެސް ކަމެއް ދިވާވެގެން ކުލާހުން ދަރިވަރު ވަކި ކުރާއިރު ފީ ނުދައްކާވާނަމަ އެ ދަރިވަރަކު ކުލާހުން ވަކި ކުރި ދުވަހާއި ހަމައަށް ފީ ދައްކައި ޚަލާޞް ކުރަންވާނެއެވެ.
  • ކޮންމެ މަހަކު ފީ ދެއްކުމަށް ފަހު ޕޭމަންޓް ފޯމް ފުރަންވާނެއެވެ. ޕޭމަންޓް ފޯމް edhurumv.com މި ވެބްސައިޓްގެ ޓޮޕް މެނޫގައި ވާނެއެވެ.
  • ފީގެ ގޮތުގައި ނަގުދު ފައިސާގެ ބަދަލުގައި އޮންލައިން ޓްރާސްފަރ ކުރުން އެދެވިގެންވެއެވެ. ޓްރާސްފަރ ކުރެވެން ނެތްޙާލަތެއްގައި ނަގުދު ފައިސާއިން ފީ ދެއްކޭނެއެވެ.

 

  • ފީ އިން އުނިކުރުމާއި ރީފަންޑު ދިނުން:
  • ސަރުކާރު ބަންދު ދުވަސްތަކާއި ޢީދު ފަދަ މުނާސަބަތުތަކާއި ގުޅިގެން ކުލާސް ބަންދުވާ ދުވަސްތަކަށް ފީއިން އެއްވެސް މިންވަރެއް އުނި ނުކުރެވޭނެއެވެ.
  • ރަށުން ކަރަންޓު ކެނޑުން ނުވަތަ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ކުލާސް ބަންދުވާ ދުވަސްތަކަށް ޙާލަތަށް ރިޢާއަތްކޮށް އިންސްޓިޓިއުޓުން ކަނޑައަޅާ ފީއެއް ދައްކަވަންވާނެއެވެ.
  • ކުލާސް ކުރިޔަށް ދިޔަ ނަމަވެސް ދަރިވަރު އުޒުރުވެރިވެގެން ކުލާހަށް ޙާޟިރު ނުވާ އެއްވެސް ދުވަހަކަށް ފީއިން މިންވަރެއް އުނި ނުކުރެވޭނެއެވެ.
  • އިސްކޫލު ބޮޑު ޗުއްޓީއަށް ކުލާސް ބަންދުވި ނަމަވެސް ކުލާހުގެ ފީ އިން މިންވަރެއް އުނި ނުކުރެވޭނެއެވެ.
  • އިންސްޓިޓިއުޓްގެ އަމިއްލަ ބޭނުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ކުލާހެއް ކެންސަލް ކުރާނަމަ އެ ގަޑިތަކަށް ނިޞްބަތުން ޖެހޭ މިންވަރު ބަލާ ފީއިން އުނިކުރެވޭނެއެވެ.
  • ދަރިވަރަކަށް ބޮޑު ބައްޔެއް ޖެހުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ހަށިގަނޑުގެ ގުނަވަނެއް ބިނދުން ފަދަ ބޮޑު ކަމެއް ދިމާ ވެގެން ކުލާހަށް ޙާޟިރު ނުވެވޭނަމަ ޙާޟިރު ނުވެވުނު ދުވަސްތަކަށް އެ ދަރިވަރަކު އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
  • ކުލާހަށް ރެޖިސްޓަރ ވުމަށް ފަހު މަހުފީ ދައްކާފައިވަނިކޮށް އެއްވެސް ކަމެއް ދިމާވެގެން އެންމެ ކުލާހަށްވެސް ޙާޟިރު ނުވެވި ވާ ނަމަ މަހުފީ ރީ ފަންޑު ކުރެވޭނެއެވެ.
  • ކުލާހަށް ރެޖިސްޓަރވުމަށްފަހު 1 ކުލާހަށް ޙާޞިރުވެފައި ކުލާހަށް ޙާޟިރުވުމަށް އުޒުރުވެރިވެ ކުލާހުން ވަކިވި ނަމަވެސް މަހުފީ ރީފަންޑު ނުކުރެވޭނެއެވެ.

 

 

  • ކުލާހުން ދަރިވަރު ވަކިކުރުން:
  • ޤުރްއާން ކުލާހުން ދަރިވަރުން ވަކި ކުރެވޭނީ ކަނޑައެޅިފައިވާ ޤަވާއިދު ތަކާއި އުޞޫލުތަކަށް ޢަމަލު ނުކުރާ ނަމަ 2 ފަހަރު ނަޞޭޙަތްތެރި ވުމަށްފަހު އިޞްލާޙް ނުކުރެވިއްޖެ ނަމައެވެ.
  • ފީ ދެއްކުމުގެ ޤަވާއިދުގެ ދަށުން އެއްވެސް އެނގުމަކާއި ނުލައި 10 ވަނަ ދުވަހުގެ ކުރިން ފީ ނުދައްކާނަމަ ނަޞޭޙަތްތެރި ވުމަކާއިނުލައި އެ ދަރިވަރު ވަކި ކުރެވޭނެއެވެ.
  • އެއްވެސް އެންގުމަކާއި ނުލައި 15 ދުވަހަށް ވުރެ ގިނަ ދުވަހު ދަރިވަރަކު ކުލާހަށް ޙާޟިރު ނުވާނަމަ ކުލާހުން ދަރިވަރު ވަކި ކުރެވޭނެއެވެ.