އޮންލައިން ޙިފްޡު ކުލާސް

ތަޢާރަފް:

މި ކުލާހަކީ ކީރިތި ޤުރްއާން ބަލައިން ކިޔަވަން އެނގޭ ކުދިންނަށް ޤުރްއާން ހިތުދަސް ކުރުމަށާއި ދަސްވެފައިވާ ބައި މުރާޖަޢާ ކުރުމަށް އެހީވެދޭ ކުލާހެކެވެ.

  • މި ކުލާހުގައި ތަޖުވީދު ފިލާވަޅުތަކެއް ކިޔަވައި ނުދޭނެއެވެ. ދަރިވަރު ކިޔަވަމުން ދާވަގުތު ޖެހޭ ތަޖުވީދުގެ ކުށްތައް ކިޔެވުމުގެ ތެރެއިން އިޞްލާޙް ކޮށްދެވޭނެއެވެ.

  • މި ކުލާހުގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާނެއެވެ.

  • މި ކުލާހުގައި ކޮންމެ ދެ މަހަކުން ދަރިވަރުންގެ ނަތީޖާއަށް ބަލައި ޙާޞިލްކުރަން ޖެހޭ މިންވަރު ޙާޞިލް ނުވާ ކުދިން ކުލާހުން ވަކިކުރެވޭނެއެވެ.

  • ހިތު ދަސްކުރުމަށް އެދަރިވަރަކު ބޭނުން ކޮޅަކުން ކިޔެވޭނެއެވެ. އަދި ކުރިން ދަސްކޮށްފައިވައި ހިސާބަކުންވެސް ފެށިދާނެއެވެ.

  • ކުލާހުގެ ބައިވެރިން ކޮންމެ 2 މަހަކުން މަދުވެގެން ½ ފޮތް ހިތު ދަސްކުރަން ޖެހޭނެއެވެ. ދެމަހުން ½ ފޮތް ޤަވާއިދާއި އެއްގޮތަށް ހިތު ދަސްނުވާ ކުދިން ކުލާހުން ވަކިކޮށް، އާ ކުދިންނަށް ފުރުޞަތު ދެވޭނެއެވެ.

  • ކުލާހުގެ ދިގު މިނަކީ ދުވާލަކު 1 ގަޑި އިރެވެ.

  • ކުލާހެއްގައި ގިނަވެގެން ކިޔަވާނީ 8 ކުދިންނެވެ. މަދުވެގެން 4 ކުދިންނެވެ.

  • ކުލާހުގައި ފިލާވަޅު އަދި މުރާޖަޢާތައް މުދައްރިސަށް ކިޔައިދޭ ވަގުތު ހުންނަންވާނީ ވީޑިއޯ އޮންކޮށްފައެވެ. އަދި ކިޔަވަން ވާނީ ލޯ މަރައިން އިނދެއެވެ.

  • ވީޑިއޯ ނުޖައްސާ ނުވަތަ އަޅައިގަތުމުން ވީޑިއޯ ކަނޑާނަމަ ފޮތް ބަލައިން ކިޔާކަމަށް ބަލައި ދަސްނުވާކަމަށް ބެލޭނެއެވެ. މިގޮތަށް އެކަން ތަކުރާރު ވާނަމަ 2 ފަހަރު ނަޞޭޙަތްތެރިވުމަށް ފަހު އިޞްލާޙް ނުކުރާނަމަ ދަރިވަރު ކުލާހުން ވަކި ކުރެވޭނެއެވެ.

  • މަޤްޞަދު:

    ދަރީންގެ ހިތުގައި ކީރިތި ޤުރްއާނަށާއި ޤުރްއާން ހިތުދަސްކުރުމަށް އޮންނަ ލޯބި އިތުރުކުރުމާއި ތަޖުވީދުގެ ހަމަތަކުގެ މަތީން ކީރިތިޤުރްއާން ފަޞާޙާތްތެރި ކަމާއިއެކު ޙަދަރުކޮށް ހިތުން ކިޔަވަން ދަސްކޮށްދިނުމެވެ.

  • ޙާޞިލްވާނެ މިންވަރު:

  • ކީރިތި ޤުރްއާނުގައިވާ 30 ފޮތުން މަދުވެގެން ½ ފޮތް ކޮންމެ 2 މަހަކުން ހިތު ދަސްކުރާނެއެވެ.

ފިލާވަޅު:

  • ފިލާވަޅު ނަގައިދިނުން:ފިލާވަޅުގެ ގޮތުގައި މުދައްރިސް އަޑުދަށުން ކިޔުއްވާ އެއްވެސް ފިލާވަޅެއް މިކުލާހުގައި ނަގައި ނުދޭނެއެވެ. ނަމަވެސް ކުރިޔަށް ދަސްކުރަން އޮންނަ ފިލާވަޅު ދަސްކުރުމުގެ ކުރީން މަދުވެގެން އެއްފަހަރު މުދައްރިސަށް ބަލައިގެން ކިޔައިދޭންވާނެއެވެ. އަދި ތަޖުވީދުގެ ކުށްތަކާއި ދެލިގަނޑު ކުށްތައް އިޞްލާޙް ކުރަންވާނެއެވެ. މި ގޮތަށް ބަލައިން އެއްދުވަހެއްގައި ކިޔައިދެވޭނީ ގިނަވެގެން ½ ޞަފްޙާއެވެ. ދަސްކުރަންވީ ފިލާވަޅު މުދައްރިސް ކަނޑަ ނާޅާނެއެވެ. އެ ކުއްޖަކަށް ދަސްކުރެވުން މިންވަރެއް ½ ޞަފްޙާ އަށް ވުރެ ކުރު ނޫން މިންވަރެއް ދަސްކުރާނީއެވެ.

  1. ކޮންމެ ދުވަހަކު ފިލާވަޅު ދަސްވީކަމަށް ލިޔެދޭނީ ކުރުމުރާޖަޢާގެގޮތުގައި ކަނޑައެޅިފައިވާބައި ޤަވާއިދާއި އެއްގޮތަށް ކިޔައިދިނުމުންނެވެ.

  2. ފިލާވަޅު ދަސްވީކަމަށްބަލައި ޝީޓްގައި ލިޔެދޭނީ ފިލާވަޅު ކިޔައިދިނުމަށް ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށް ފިލާވަޅު ކިޔައިދިނުމުންނެވެ.

  • ފިލާވަޅު ކިޔައިދިނުން:– އާފިލާވަޅު ކިޔައި ދިނުމުގެކުރިން ކޮންމެ ދުވަހަކު ކުރުމުރާޖަޢާ ކިޔައިދޭންވާނެއެވެ. ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށް ކުރު މުރާޖަޢާ ކިޔައިދިނުމުން މެނުވީ އާފިލާވަޅު ކިޔައިނުދެވޭނެއެވެ.

  1. އާފިލާވަޅުގެ ގޮތުގައި ކޮންމެ ދުވަހަކު ވެސް ކޮންމެ ދަރިވަރަކު މަދުވެގެން ½ ޞަފްޙާ ކިޔައިދޭންވާނެއެވެ.

  2. އާފިލާވަޅުގެ ގޮތުގައި ގިނަވެގެން ކޮންމެ ދަރިވަރަކަށް ވެސް ކިޔައިދެވޭނީ ދުވާލަކު 2 ޞަފްޙާއެވެ.

  • ފިލާވަޅުން ކުށްޖެހުން އަދި އަޅައިގަތުން:-

  1. ފިލާވަޅުގެ ގޮތުގައި ½ ޞަފްޙާ ނުވަތަ 1 ޞަފްޙާ ކިޔައިދޭ ނަމަ ބަލާނީ މުދައްރިސް ބުނެދޭން ޖެހޭ ވަރުގެ 1 ކުށަށެވެ. 1 ކުށަށް ވުރެ އިތުރު ވެއްޖެ ނަމަ ފިލާވަޅު ދަސްވި ކަމުގައި ނުބަލާނެއެވެ.

  2. ފިލާވަޅު ގެ ގޮތުގައި ½ ޞަފްޙާ ކިޔައިދޭ ނަމަ ބަލާނީ 1 ކުށުގެ އިތުރުން 1 އަޅައިގަތުމަށެވެ. ކުށެއް ނުޖޭނަމަ 2 އަޅައިގަތުމަށެވެ. މި އަދަދަށްވުރެ އިތުރު ވެއްޖެ ނަމަ ފިލާވަޅު ދަސްވި ކަމުގައި ނުބެލެވޭނެއެވެ.

  3. ފިލާވަޅުގެ ގޮތުގައި 1 ޞަފްޙާ ކިޔައިދޭ ނަމަ ބަލާނީ 1 ކުށުގެ އިތުރުން 2 އަޅައިގަތުމަށެވެ. ކުށެއް ނުޖޭނަމަ 2 އަޅައިގަތުމަށެވެ.  މި އަދަދަށްވުރެ އިތުރު ވެއްޖެ ނަމަ ފިލާވަޅު ދަސްވި ކަމުގައި ނުބެލެވޭނެއެވެ.

  4. ފިލާވަޅުގެ ގޮތުގައި 2 ޞަފްޙާ ކިޔައިދޭ ނަމަ ބަލާނީ ބުނެދޭން ޖެހޭ ވަރުގެ 2 ކުށަށެވެ. މި އަދަދަށްވުރެ އިތުރުވެއްޖެ ނަމަ ފިލާވަޅު ދަސްވީ ކަމުގައި ނުބެލެވޭނެއެވެ.

  5. ފިލާވަޅުގެ ގޮތުގައި 2 ޞަފްޙާ ކިޔައިދޭނަމަ ބަލާނީ 2 ކުށުގެ އިތުރުން 2 އަޅައިގަތުމަށެވެ. ކުށެއް ނުޖޭނަމަ 4 އަޅައިގަތުމަށެވެ. މި އަދަދަށްވުރެ އިތުރު ވެއްޖެ ނަމަ ފިލާވަޅު ދަސްވި ކަމުގައި ނުބެލެވޭނެއެވެ.

ނޯޓް: މުދައްރިސް ބުނެދޭނީ އަޅައިގަތުމުން ކުރީ އާޔަތް 3 ފަހަރު ތަކުރާރު ކުރުމަށްފަހު، 3 ފަހަރުން ކުރިޔަށް ނުގޮސްފި ނަމަ އެއީ ބުނެދޭ ވަރުގެ ކުށެއްކަމަށް ބަލާފައެވެ. އަދި 2 ނުވަތަ 1 ފަހަރުން ކުރިޔަށް ގޮސްފި ނަމަ ބަލާނީ އެއީ އަޅައިގަތުމެއް ކަމަށެވެ. ނުބައިކޮށް ކިޔުމުން އަމިއްލައަށް ރަނގަޅު ކޮށްފިނަމަ އަޅައިގަތުމެއް ކަމަށް ނުބަލާނެއެވެ.

ކުރު މުރާޖަޢާ:

ކުރު މުރާޖަޢާއަކީ ކުރީ ދުވަހުގެ ފިލާވަޅެވެ. އަބަދުވެސް ކުރު މުރާޖައާގެ ގޮތުގައި ބަލާނީ އެންމެ ފަހުން ދަރިވަރު ކިޔައިދީފައިވާ ފިލާވަޅެވެ. ކުރުމުރާޖަޢާ ކިޔައިދިނުމުގައި ބަލާނީ:

  1. ކުރުމުރާޖަޢާ ގޮތުގައި ½ ޞަފްޙާ ކިޔައިދޭ ނަމަ އެއްވެސް އަޅައިގަތުމެއް އަދި ބުނެދޭން ޖެހޭވަރުގެ އެއްވެސް ކުށެއްވެސް ޖެހިގެން ނުވާނެއެވެ.

  2. ކުރުމުރާޖަޢާގެ ގޮތުގައި 1 ޞަފްޙާ ކިޔައިދޭނަމަ ބަލާނީ 1 އަޅައިގަތުމަށެވެ. އަދިއެއްވެސް ބުނެދޭން ޖެހޭވަރުގެ ކުށެއްޖެހިގެން ނުވާނެއެވެ.

  3. ކުރު މުރާޖަޢާގެ ގޮތުގައި 1 ޞަފްޙާއަށް ވުރެ ގިނައިން ނުވަތަ 2 ޞަފްޙާ ކިޔައިދޭ ނަމަ ބަލާނީ 2 އަޅައިގަތުމަށެވެ. އަދި އެއްވެސް ބުނެދޭން ޖެހޭ ވަރުގެ ކުށެއް ޖެހިގެން ނުވާނެއެވެ.

ދިގު މުރާޖަޢާ:

ދިގު މުރާޖާއަކީ ½ ފޮތް ދަސްވުމުން ކުރާ މުރާޖާއެކެވެ. ދިގުމުރާޖާގެ ގޮތުގައިބަލާނީ އަބަދުވެސް ފޮތެއްގެ ދެ ބައިކޮށްފައި އެއްބައެވެ. ކޮންމެ ބައިފޮތް ނިމުމުން ދިގު މުރާޖަޢާ ކިޔައިދޭން ވާނެއެވެ. އަދި ½ ފޮތް ދަސްވުމަށްފަހު ކޮންމެ މަހަކު 2 ފަހަރު މުދައްރިސް އަންގާ ގޮތެއްގެމަތީން ދިގުމުރާޖަޢާ ކިޔައިދޭންވާނެއެވެ. ދިގުމުރާޖަޢާ ކިޔައިދޭނީ މުދައްރިސް އަންގާ ދުވަސްތަކެއްގައި މުދައްރިސް އަންގާ ކުދިންނެވެ.

ދިގު މުރާޖަޢާ ކިޔައިދިނުމުގައި ބަލާނީ:..

  1. ބުނެދޭން ޖެހޭ ވަރުގެ 1 ކުށަކަށެވެ. އަދި 2 އަޅައިގަތުމަށެވެ. ޢަދަދަށްވުރެ އިތުރުވެއްޖެ ނަމަ ދަސްވި ކަމުގައި ނުބެލެވޭނެއެވެ.

  2. ބުނެދޭން ޖެހޭވަރުގެ ކުށެއް ނުޖެހޭ ނަމަ 4 އަޅައިގަތުމަށެވެ. ޢަދަދަށްވުރެ އިތުރުވެއްޖެ ނަމަ ދަސްވި ކަމުގައި ނުބެލެވޭނެއެވެ.

  3. ދިގު މުރާޖަޢާ ގެ ގޮތުގައި ކިޔައިދޭ ½ ފޮތް 15 މިނެޓްތެރޭ ކިޔައިދެވެން ވާނެއެވެ.

ފޮތްމުރާޖަޢާ:

ފޮތް މުރާޖަޢާއަކީ ކޮންމެ ފޮތެއް ނުވަތަ ޖުޒުއުއެއް ނިމުމުން ކުރާ މުރާޖަޢާއެކެވެ. މި ގޮތުން ފޮތް މުރާޖައާގައި ދުވާލަކު މަދުވެގެން ފޮތެއް ކިޔައިދޭންވާނެއެވެ. ފޮތް މުރާޖަޢާގައި ބަލާނީ..

  1. ބުނެދޭން ޖެހޭވަރުގެ 1 ކުށެވެ. އަދި 2 އަޅައިގަތުމެވެ. އަދަދަށްވުރެ އިތުރުވެއްޖެ ނަމަ ދަސްވީ ކަމުގައި ނުބަލާނެއެވެ.

  2. ބުނެދޭން ޖެހޭވަރުގެ ކުށެއް ނުޖެހޭ ނަމަ 4 އަޅައިގަތުމެވެ. އަދަދަށްވުރެ އިތުރު ވެއްޖެ ނަމަ ދަސްވީ ކަމުގައި ނުބެލެވޭނެއެވެ.

  3. ފޮތް މުރާޖައާގެ ގޮތުގައި ކިޔައިދޭ ކޮންމެ ފޮތެއް 20 މިނެޓާއި 35 މިނެޓާއި ދޭތެރެ ކިޔައިދެވެންވާނެއެވެ. ފޮތް މުރާޖަޢާ ކިޔައިދޭން ކުލާހަށް ވަންނަ ކޮންމެ 35 މިނެޓްގެ ޕީރިއަޑަކަށް 50ރ ދައްކަން ޖެހޭނެއެވެ.

  4. ފޮތް މުރާޖަޢާ ކިޔައިދޭނީ މުދައްރިސް ކަނޑައަޅާ ޚާއްޞަ ގަޑިއެއްގައި ވަކިން ކުލާހަށް އެޓެންޑްވެއެވެ. ކުލާހުގެ ރަސްމީ ގަޑީގައި ފޮތް މުރާޖަޢާ ކިޔައި ނުދެވޭނެއެވެ.

  5. ފޮތް މުރާޖަޢާ ދަސްވީކަމަށް ބެލެވޭނީ މުރާޖަޢާ ކުރި ފޮތުން މުދައްރިސް ކުރާ 5 ސުވާލަށް ޖަވާބު ދެވުމުންނެވެ.