އިންސާނުންނަކީ އަބަދުވެސް ކަންކަމުގައި އެންމެ ފަސޭހަގޮތްތަށް ހޯދުމަށް ޒަމާނުންސުރެ ވެސް މަސައްކަތްތައް ކުރަމުން އަންނަ ބައެކެވެ. އެޒަމާނެއްގައި ލިބެން ހުރި އެންމެ ރަނގަޅު ވަޞީލަތްތަށް ބޭނުން ކޮށްގެން އެކިކަހަލަ އީޖާދުތައް ކުރަމުން، އެކި ކަހަލަ އުފެއްދުންތައް އުފައްދައިން އިންސާނުން ދިޔައީ ތަޖުރިބާ ކުރަމުންނެވެ. ޒަމާންތައް ފާއިތުވަމުން ގޮސް މި ހިސާބަށް އައި އިރުވެސް ކަންހިނގަމުން މިދަނީ ހަމަ އެފަދައިންނެވެ. އަބަދުވެސް އާ ހޯދުންތައް ހޯދަމުން ފީނަމުން ގޮސް، 21 ވަނަ ޤަރުނު ފެށުނުއިރު އަޅުގަނޑުމެންނާއި ކުރިމަތިވެ ވަށާލެވިފައި މިވަނީ ދުނިޔޭގައި ކުރިން އުޅުނު ބަޔަކު ހީ ނުކުރާފަދަ ތަފާތު ވަޞީލަތްތަކެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އައިސްފައި މިވަނީ ޓެކްނޮލޮޖީއަށެވެ. ޓެކްނޮލޮޖީއަކީ އާދަޔާ ޚިލާފަށް މިހާރު ކުރިއަރަމުން ދާ ވަޞީލަތެކެވެ. ވަކި ދާއިރާއެއް އިސްތިސްނާ ނުވާގޮތައް ޓެކްނޮލޮޖީ މިވަނީ ހުރިހައި ދާއިރާއަކާއި ގުޅިލާމެހިފައެވެ.
އެގޮތުން އުނގެނުމާއި އުނގައިންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުން ވެގެން ދިޔައީ އުނގަންނައި ދިނުން އާ ހަރުފަތަކަށް ގެންގޮސްދިން ކަމަކަށެވެ. އުނގަންނައި ދިނުމުގައި އަދި އުނގެނުމުގައި، 21 ވަނަ ޤަރުނުގެ ޓެކްނޮލޮޖީ އަކީ ވަރަށް މުހިންމު އެއްޗަކަށް މިވަނީ ވެފައެވެ. އުނގެނުމާއި އުނގަންނައިދިނުން ފުރިހަމަ ކުރުމަށްޓަކައި 21ވަނަ ޤަރުނުގައި ޓެކްނޮލޮޖީއަށް އަހުލުވެރިވާން ޖެހެއެވެ.
އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ.
އުނގަންނައި ދިނުމުގައި ކުރިންސުރެ ތަފާތު އެކި ވައްތަރުގެ ޓެކްނޮލޮޖީތައް ބޭނުން ކުރަމުން އައިސްފައި ވެއެވެ. ކީރިތި ޤުރްއާން އުނގަންނައިދިނުމަށް ރަސޫލާގެ ޒަމާނުގައި ލިޔެ އުޅުނު ބައެއް އާލާތްތަކުގެ ވާހަކަ އަޅުގަނޑުމެން އަހަމުއެވެ. އޭރުގައި ލިޔެ އުޅުނުތަކެއްޗައް ބަލާއިރު ޖަނަވާރުންގެ ކަށްޓާއި، ހިލަޔާއި، އަދި ލަކުޑި ވެސް ހިމެނެއެވެ. އެއީ އެ ޒަމާނުގައި ކިޔަވައި ދިނުމަށް ބޭނުން ކުރެވުނު ޓްކްނޮލޮޖީއެވެ.
މައިކަލް ހެރަން ހާމަކުރައްވާ ގޮތުގައި 1800 ގެ އަހަރު ތަކުގައި އަކުރު އުނގަންނައި ދިނުމަށް ސޭންޑް ބޮކްސް ބޭނުން ކުރަމުން އައެވެ (ހެރަން, 2015) . އެއީ ދިވެހިން ބޭނުންކުރަމުން އައި ވެލި ދޮލަނގާއި ހަމަ އެކައްޗެކެވެ. މިހާރުވެސް ދިވެހިން ކޮންމެވެސް ވަރަކަށް ޘަޤާފަތާއި ގުޅުވައިން ޤުރްއާން ކިޔަވައިދިނުމަށް އަކުރު އަންގައިދޭން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.
އެޔަށްފަހު ތަފާތު ވަޞީލަތްތަށް ބޭނުނުން ކުރަމުން އައެވެ. ދެން އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ ބްލެކްބޯޑް ބޭނުން ކުރަން ފެށުމެވެ. 1841 ގައި އެންމެ ފުރަތަމަ ކަޅު ބޯޑުގައި ޗޯކުބޭނުން ކޮށްގެން ލިޔެގެން އުނގަންނައިދޭން ފެށިއެވެ. އެހެން ނަމަވެސް ފުރަތަމަ ޗޯކް ބޯޑް ބޭނުން ކުރަން ފެށުނު އިރު ވަރަށް ގިނަ ޓީޗަރުންނަށް އެއިން ކުރާނެ ބޭނުމެއް ނޭނގި ގިނަ ދިވަސްތަކެއް އެހައި ބޭނުންތެރި އެއްޗެއްގޮތުގައި ޞިފަކުރެވިފައެއް ނުވެއެވެ. ނަމަވެސް އޭގެ ބޭނުން ކުރަންވީ ގޮތް ވިސްނުނު ހިސާބުން ޗޯކުބޯޑަކީ ދާދި ފަހަކާއި ޖެހި 20 ވަނަ ޤަރުނުގައި ވެސް ބޭނުން ކުރަމުން އައި ޓެކްނޮލޮޖީއެކެވެ. (ހެރަން, 2015)
20 ވަނަ ޤަރުނަށް އެޅުނު އިރު ފަންސުރާއި ކަރުދާސް ފޮތް ތަޢާރަފުވެގެން ދިޔައެވެ. މިއީ ދަރިވަރުންނަށް ވެސް އިތުރު ފަސޭހައަކަށް ވެގެންދިޔަ މަރުޙަލާއެކެވެ. އަދި ހަމަ އެފަދައިން ކަރުދާހުގައި ޓައިޕް ކުރުމަށް ޓައިޕްރެޓަރ ތަޢާރަފް ވެގެން އައުމުން މުދައްރިސުންނަށް އަދި ދަރިވަރުންނަށް ފަސޭހަތަކެއް ވެގެންދިޔައެވެ. އެގޮތުން ދަރިވަރުންނަށް ޓައިޕްރައިޓަރުން ލިޔަން ދަސްކޮށްދޭ ކުލާސްތައްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި 20 ވަނަ ޤަރުނުގައި ދަރިވަރުންނަށް މަންޒަރާއިއެކު އަޑު އިއްވުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޕްރޮޖެކްޓަރާއި ޓީވީ ވެސް ބޭނުން ކުރަން ފެށުނެވެ. އެގޮތުން ކިޔަވައިދިނުމަށް ޕްރޮޖެކްޓަރ ތަޢާރަފް ވެގެން އައިސްފައިވަނީ 1930 ވަނަ އަހަރުއެވެ. އަދި ޓީވީ އެންމެ ފުރަތަމަ ތަޢާރަފް ވެފައިވަނީ 1939 ގައެވެ. މި ދުވަސް ވަރު ބޭރު ދުނިޔޭގައި 1950 އާއި ހަމައަށް ޓެލެވިޒަން ދިޔައީ ކުރިއަރަމުން ބޭނުން ކުރަމުންނެވެ. (ހެރަން, 2015)
ޓެކްނޮލޮޖީ ދިރާސާކުރަމުން ފަސޭހަތައް ހޯދަމުން އައިސް އެންމެ ފުރަތަމަ ކިޔަވައިދިނުމަށް ކޮމްޕިއުޓަރ ތަޢާރަފް ވެފައި ވަނީ 1960 ވަނަ އަހަރުއެވެ. އެއީ މެއިން ފްރޭމް ކޮމްޕިއުޓަރެވެ. އެޔަށް ފަހު މެއިން ފްރޭމް ކޮމްޕިއުޓަރ ބޭނުން ކުރުމުގައި ދަތި ތަކެއް ހުރުމުން އެކަން ކަމަށް ޙައްލު ހޯދާ 1970 ވަނަ އަހަރު މައިކްރޯ ކޮމްޕިއުޓަރ ވަނީ ތަޢާރަފްވެގެން އައިސް ފައެވެ. މި ބަދަލާއި އެކު 1980 ފެށުނުއިރު އޮފީސްތަކާއި، ވިޔަފާރީގެ ތެރެއަށް ވެސް ކޮމްޕިއުޓަރ ވަނީ ތަޢާރަފްވެގެން ގޮސްފައެވެ. އެހެން ކަމުން ވަޒީފާގެ މާޙައުލަށް ދަރިން ނުކުތުމުގެ ކުރިން ކޮމްޕިއުޓަރަށް އަހުލުވެރި ކުރުމަށް ވަނީ ހުޅަނުގުގެ ޤައުމުތަކުގައި ދަރިވަރުންނަށް ކޮމްޕިއުޓަރ ކިޔަވައިދޭން ފަށާފައެވެ. އެގޮތުން އޭރު ދުނިޔޭގެ ބާރުތަކުގެ ކުރިމަތީ އެމެރިކާ ޓެކްނޮލޮޖީގައި ތަންކޮޅެއް ފަހަތުގައި އޮތްކަން ފާހަގަވުމުން، އެކަމަށް ޙައްލު ހޯދުމަށް ދަރިވަރުންނަށް ކޮމްޕިއިޓަރ ކިޔަވައިދޭން ފަށާފައިވާކަމަށް ޖެމްސް ސީ ހަންޓަރ އަށް ހަވާލާދީ ހެރަން ބަޔާންކޮށްފައިވެއެވެ. (ހެރަން, 2015)
އެޔަށް ފަހު މިހާރު މިވަނީ ކޮމްޕިއުޓަރުގެ ޢާއިލާއިން ލެޕްޓޮޕް ވެސް ތަޢާރަފްވެ އެއްތަނުން އަނެއްތަނަށް އުފުލައި ގެންގުޅުމަށް ވެސް ފަސޭހަވެފައެވެ. އަދި އޭގެ ފަހުން މިވަނީ ބްލެކް ބޯރޑްގެ ބަދަލުގައި ސްމާރޓް ބޯޑު ވެސް ބޭނުން ކުރަން ފަށާފައެވެ. މައިކްރޯ ކޮމްޕިއުޓަރ ތަޢާރަފު ވުމާއި ހަމައިން ފެށިގެން ތަފާތު ސޮފްޓްވެއަރ ތަކާއި ޕްރޮގްރާމްތައް ވެސް ދިޔައީ އެޑިއުކޭޝަން ދާއިރާއަށް ތަޢާރަފް ވަމުންނެވެ. ދަރިވަރުން އުނގެނުމާއި އުނގަންނައި ދިނުމަށް މިފަދަ އެޕްލިކޭޝަންތަކާއި ސޮފްޓްވެއަރ ތަކުން ނުހަނު ފައިދާވެގެން ދިޔައެވެ.
އުނގެނުމުގައި ޓެކްނޮލޮޖީ
ޓެކްނޮލޮޖީގެ މި އިންގިލާބީ ކުރިއެރުމުގެ ސަބަބުން ދުނިޔެއަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. ލިޔަން ކިޔަން ދަތުމާއި އެއްފަދައިން ޓެކްނޮލޮޖީ އެނގުން މިހާރު މިވަނީ މަޖުބޫރުކަމަކަށް ވެފައެވެ. ސަބަބަކީ އުނގެނުމުގެ އިތުރުން ޢާންމު ދިރިއުޅުމުގައި ވެސް އެޔާއި ނުލައި ނޫޅެވޭ ވަރަށް ދިރިއުޅުމާއި ޓެލްނޮކޮޖީ ގުޅިފައި ވުމެވެ. މީގެ 5 ވަރަކަށް އަހަރު ކުރިޔަށް ބަލާލި ކަމުގައި ވިޔަސް މިހާބޮޑު ބަދަލެއް އަތުވެދާނޭ ވެސް ހީނުކުރާނެއެވެ.
އުނގަންނައިދިނުމާއި އެއްފަދައިން އުނގެނުމުމުގައިވެސް ޓެކްނޮލޮޖީގެ ބޭނުން މުހިންމެވެ. އަދި ބޭނުން ކުރަން މިބަނީ ޖެހިފައެވެ. ޚާއްޞަ ގޮތެއްގައި މި ޒަމާނުގައި ބައެއް ކަހަލަ ޢިލްމުތަކުގެ މަޢުލޫމާތު އަމިއްލައަށް ހޯދައި އުނގެނުމަކީ ކޮންމެ ކަމަކަށް ކޯސް ހެދުމުގެ ބަދަލުގައި ޚަރަދުވެސް ކުޑަވާނެ ކަމަކަށް ވުމެވެ. އެގޮތުން މި ޒަމާނުގައި އިންޓަރނެޓް މެދުވެރިކޮށް ވެބްސައިޓްތަކާއި އެކިއެކި ޕްލެޓް ފޯމްތަކުން މަޢުލޫމާތު ހޯދެއެވެ. ޔޫ ޓިއުބު ފަދަ ޕްލެޓް ފޯމް ތަކަކީ މިގޮތުން ވީޑިއޯ އާއިއެކު މަޢުލޫމާތު ހިމަނާފައިވާ ޕްލެޓްފޯމްތަކެވެ. އަދި ބޭސިކް ކޯސްތައް ހިލޭ ވެސް ބަލާލެވޭ ގޮތަށްހުރި ޕްލެޓްފޯމެކެވެ. ހަމަ އެފަދައިން އެތައް ޢިލްމީ ލިޔުންތަކާއި ދިރާސާތައް، ބޭނުން މީހަކަށް ވެބްސައިޓްތަކަށް ވަދެ ބަލާލައި ކިޔާލެވޭ ގޮތަށް މިހާރު މިވަނީ މަގު ފަހިވެފައެވެ. މިފަދަ ފަސޭހަތަކުގައި ހިފައި ކުރިއަށް ދިއުމަކީ މި ޒަމާނުގައި ޓެކްނޮލޮޖީ ކުރިއަރާފައި ވާއިރު މުހިންމު ބޭނުންތެރި ކަމެކެވެ.
މިފަދަ ދުނިޔެއަކަށް ހުޅުވިފައިވާއިރު ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމުގައި ވިސްނާލަން ޖެހޭ ނުކުތާތަކެއް އެބަހުއްޓެވެ. އެއީ ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަޚްލާޤާއި މިންތަކާއި ، އިންތަކާއި ، ހުދޫދު ތަކެއް ވެއެވެ (ޝާފިޔާ, 2020). އެޔާއި އެއްގޮތައް ޢަމަލުތައް ބަހައްޓައިން ޓެކްނޮލޮޖީ ބޭނުން ކުރާނަމަ އެއީ އެންމެ ރަނގަޅު ގޮތެވެ. އެހެން ކަމުން ރަނގަޅު ގޮތުގައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޢިލްމު އުނގެނެވިދާނެ ތަފާތު ގޮތްތައް ހުރެއެވެ. އެގޮތުން ޓެބްލެޓަކަށް ތަފާތު ފައިދާ ކުރަނިވި ފޮތްތަށް އެޅުން. ހުސްވަގުތުގައި ޓެބްލެޓްއިން ފޮތްކިޔުން. ނުވަތަ ޕްރޮޑަކްޓިވީޓި އެޕްލިކޭޝަންތައް ވެސް ބޭނުން ކުރެވިދާނެއެވެ. (ބްރެންޓްލޭޖެންސީ, n.d.)
ޓެކްނޮލޮޖީ ގެނެސްދިން ފަސޭހަ
21 ވަނަ ޤަރުނާއި އަޅުގަނޑުމެން ބައްދަލު ކުރި އިރު މިވަނީ ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެއަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. ކުރީގައި އެތަކެއް ވަގުތު ހޭދަ ކުރަން ޖެހުނު ކަންކަން މިވަނީ އަވަސްވެފައެވެ. ޒަމާނީ ހައި ސްޕީޑް ދުއްވާ އުޅަނދު ތަކުން ދަތުރު ފަތުރު އަވަސް ވެއްޖެއެވެ. މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުރުގައިވައި ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރިންނަށް ފޮނުވަން ބޭނުންވާ މެސެޖް ސިކުންތު ކޮޅެއްގެ ތެރޭ ފޯރުކޮށްދެވެއެވެ. އަދި ކުރިން އެތަކެއް ބުރައެއް އުފުލަން ޖެހުނުކަންކަން މިވަނީ ފަސޭހަވެފައެވެ. ތަފާތު އެކިކަހަލަ މެޝިން ތަކުގެ އެހީގައި މަސައްކަތްތައް އަވަސްވެއްޖެއެވެ. އެއްޗެތި އުފުލުމާއި ބުރިކުރުމާއި ކޮނުމާއި ދަނޑު ގޮވާން ކުރުމަށް ބޭނުން ކުރާ ހެވީ ލޯޑް ވެހިކަލްތަކާއި މެޝިންތަކުން މިވަނީ އެތައް ގުނައެއް ފަސޭހަވެފައެވެ. ކުރީގައި އެތައް ބަޔަކު ބޭނުން ކޮށްގެން ކުރާ ކަންކަން އެކަނި މިހާރު ކުރެވެއެވެ. ސިއްޙީ ދާއިރާ އަށް ބެލި ކަމުގައި ވިޔަސް ސިއްޙީ ގޮތުން ދިމާވާ ކަންކަން ވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރު ފަސޭހަކަމާއި އެކު ދެނެގަނެވި އެކަށިގެންވާ ފަރުވާ ދިނުމަށް މިވަނީ މަގު ފަހިވެފައެވެ.
ޓެކްނޮލޮޖީ އާއި އޭގެ ބައެއް ނޭދެވޭ އަޘަރުތައް.
ނަމަވެސް ކަންކަން ފަސޭހަވުމަކުން ނިމުނީކީ ނޫނެވެ. އަދި ހަމަ އެކަނި ފަސޭހަވި ވާހަކަތަކުން ފުއްދާލެވޭކަށްވެސް ނެތެވެ. ފަސޭހައިގެ ތެރެއިން ނިކުއިން އެހެން ކަންކަންވެސް އެބަހުއްޓެވެ. ޓެކްނޮލޮޖީގެ ސަބަބުން މުޖުތަމަޢުގައި އެތައް ނޭދެވޭ ކަންކަން ވެސް މިވަނީ އިތުރުވެ ފެތުރެން ފަށާފައެވެ. ޝައްކެއްނެތެވެ. ދަތުރު ފަތުރު އަވަސްވެއްޖެއެވެ. އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ދުއްވާ ހަލުވި އުޅަނދުތައް ގިނަވެއްޖެއެވެ. ހަމައެއާއިއެކު އެ އުޅަނދުތަކުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާތިޘާތައް ވެސް މިވަނީ ގިނަވެފައެވެ. ދިމާވާ ނުރައްކާތެރި އެކްސިޑެންޑްތަކުގައި ކޮންމެ ދުވަހަކު ދަނީ އެތައް ބަޔަކު މަރުވަމުންނެވެ. އަދި އެއްބަޔަކު ނުކުޅެދުންތެރިންނަށް ވަމުންނެވެ. އަނެއްބަޔަކު ވީ ނުވީ ނޭނގި ގެއްލެމުންނެވެ.
ހަމަ އެފަދައިން ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމާއި އުނގަންނައި ދިނުމަށް ވެސް އަޘަރުތަކެއް ކުރުވައެވެ. ދަރިންނާއި ޒުވާނުން ކަންނެއްވެއްޖެއެވެ. ނަތީޖާއަކީ ފަލަމީހުން ގިނަވުމާއި، ޞިއްޙީ އެތައް މައްސަލަތަކާއި ދަރިވަރުންނާއި ޒުވާނުންނާއި ކުރިމަތިވުމެވެ. ހެލިފެލިވެ ނޫޅުމުގެ ސަބަބުން ހަކުރު ބައްލި އިތުރު ވުމެވެ. އަދި ގިނަ ވަގުތު ސްކްރީންތަކުގެ ދޮށުގައި ވަގުތުހޭދަ ކުރުމުން ލޮލުގެ މައްސަލަތައް ގިނަވެއްޖެއެވެ. ދަރިވަރުންގެ ލޯ ފުސްވުމާއި ކަނދުރާގައި ރިއްސުން ފަދަކަންކަން ދަނީ ކުރިމަތިވަމުންނެވެ. މަސައްކަތް ކުރުމަށް ގިނަވަގުތު އެއްތާކު އިށީނދެ އިންނަން ޖެހުމުން މައިކައްޓާއި އުނަގަނޑުގެ މައްސަލަތައް ވެސް ދަނީ އިތުރުވަމުންނެވެ. މިފަދަ އެތައް މައްސަލަތަކާއި މިހާރު މިވަނީ ކުރިމަތިވެފައެވެ. (މިލަރ, ތ.ނ). އަދި ދަރިވަރުން މުދައްރިސުންނަށް ވުރެ ޓެކްމޮލޮޖީއަށް މޮޅުވުމުން މަކަރު ހެދުމާއި ޗީޓްކުރުން ގިނަވުމުގެ ފުރުސަތުބޮޑެވެ (ވޯލްޓަރ, 2020).
ޓެކްނޮލޮޖީ ކުރިއަރައިން ގޮސް މިހާރު ފޭރުމާއި ވައްކަން ވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ދަނީ ކުރަމުންނެވެ. އަދި މީސްމީހުންގެ ސިއްރުމަޢުލޫމާތުތައް ދަނީ ފަޅާއަރުވައި ބްލެކްމެއިލްކޮށް ފަޟީހަތްވެސް ކުރަމުންނެވެ. ތަފާތު ޑިވައިސް ތަކާއި ކެމެރާތައް ބޭނުން ކޮށްގެން މީސްމީހުންގެ ގޭތެރެ ބެލުންފަދަ ކަންކަންވެސް މިވަނީ ފެތުރެން ފަށާފައެވެ. ވީމާ ޓެކްނޮލޮޖީގެ ސަބަބުން ނުބައިކަންކަން ކުރަންބޭނުން މީހުންނަށް ވެސް އެފުރުސަތުވަނީ ވަރައް ފަހިވެފައެވެ. އެހެން ކަމުން
ޓެކްނޮލޮޖީ އާއި ބީރައްޓެހިވުމުން ދިމާވެދާނެ ގޮންޖެހުންތައް
ބަދަލުވަމުން ދާ ދުނިޔޭގައި މިއަދު އެންމެ ބޮޑު ކުރިއެރުމެއް އައިސްފައި މިވަނީ ޓެކްނޮލޮޖީއަށެވެ. މި ޒަމާނުގައި ޓެކްނޮލޮޖީއާއި ނުލައި އެއްވެސް ކަމެއް ނުވާނޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އަދި ޒަމާނީ ވަޞީލަތްތައް ބޭނުން ކުރަންނޭނގޭ މީހަކީ މިއަދު މުޖުތަމަޢުގައި އެތައް ތަކުލީފެއް އުފުލަން ޖެހޭނެމީހަކަށް ވާނެއެވެ. ސަބަބަކީ ފައިސާގެ މުޢާމަލާތަކާއި ވަޒީފާގެ މާހައުލުގައި ވެސް އެންމެ ބޮޑަށް ބަރޯސާވެފައި މިވަނީ މިއަދު ޓެކްނޮލޮޖީ އަށެވެ. އެއްތަނުން އަނެއްތަނަށް ފޮނުވާ ސިޓީ ނުވަތަ އެހެނިހެން ޑޮކިއުމެންޓްސް ވެސް ފޮނުވާ ހަދަނީ ޓެކްނޮލޮޖީގެ އެހީގައެވެ. ވީމާ މިއަދު އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީއާއި ދަރިވަރުން އަދި މުދައްރިސްން ބީރައްޓެހިވެގެން ޤައުމު ބިނާ ކުރުމަކީ ނާދިރު ކަމެކެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް އުނގަންނައިދޭން ތިބި ދާރިސުންނެވެ.
ޓެކްނޮލޮޖީއާއި ބީރައްޓެހިވުމުން ދިމާވެދާނެ ގޮންޖެހުންތައް އުނގަންނައިދޭ މީހުންނާއި ހިސާބުން ފަށަމާ ހިނާށެވެ. އެގޮތުން ކިޔަވައިދޭ މުދައްރިސުން، އެއްވެސް މާއްދާއެއް އިސްތިސްނާ ނުވާގޮތައް މިއަދުގެ ޓެކްނޮލޮޖީއާއި ޒަމާނީ އާލަތްތަކަށް ބީރައްޓެހިވެއްޖެނަމަ ދިމާވާނެ އެތަށް ގޮންޖެހުންތަކެއް އެބަ ހުއަޓެވެ. ސްކޫލުތަކުގަޔާއި ޓިއުޝަން ކުލާސްތަކުގައި ވެސް މިހާރު ބޭނުން ކުރަން ފަށާފައި މިވަނީ ޒަމާނީ ވަޞީލަތްތަކެވެ. އެގޮތުން ކޮމްޕިއުޓަރުން ޕްރެޒެންޓޭޝަން ހަދަން ނޭނގޭނަމަ ކުލާހުގައި ޒަމާނީ ވަޞީލަތްތައް ހުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ހަމަ އެފަދައިން ޕްރެޒެންޓެޝަން ހުށަހެޅުމަށް ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕް ގުޅައި ޕްރޮޖެކްޓަރ ފަދަ ތަކެތީގެ ބޭނުން ހިފައި އެތަކެތީގެ ސެޓިންގ ހަދަން ނޭނގޭނަމަ ކުލާހަށް ވަންނަ އިރު މައްސަލައެއް ދިމާވެފައި ހުރިނަމަ އެ ދުވަހުގެ ފިލާވަޅު ކުރިޔަށް ނުގެންދެވުން ފަދަ ކަންކަން ދިމާވާނެއެވެ. އަދި މީގެ އިތުރުން ކުލާހުގައި ކުދިން ޝައުޤުވެރިވާނެ ގޮތައް ވޯކްޝީޓް ފަދަ ތަކެތި ދެވޭނީ ވެސް އެތަކެތި ހަދަން ބޭނުން ކުރާ ސޮފްޓްވެއަރ ތަކަށް އަހުލުވެރިވެހެގެންނެވެ. އަދި ޕްރިންޓް ކުރަންވެސް އެނގިގެންނެވެ. ވީމާ މިހުރިހައި ކަމަކަށް މުދައްރިސުން އަހުލުވެރިވުމުން އުނގަންނައިދިނުމުގައި ވަރައް ފަސޭހަވެގެންދާނެއެވެ. އަދި އުންގަންނައި ދިނުމުގައި ކުރިން އުފުލި ބުރަޔާއި ހޭދަ ކުރި ވަގުތުތައް ކުރުވެ ވަގުތު ސަލާމަތްކުރެވޭނެއެވެ.
2019 ވަނަ އަހަރު ކުރިމަތިވި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން މިވަނީ އަނެއްކާވެސް ބޮޑު ބަދަލެއް އުނގަންނައިދިނުމަށް އައިސްފައެވެ. އެއީ މިއަދު މިވަނީ އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކޮށްގެން ކިޔަވައިދޭން ފަށާފައެވެ. ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމުން ޤައުމުތަކާއި ރަށްތައް ބަންދުކޮށް ސުކޫލުތަކާއި ޢާންމު ޚިދުމަތްދޭ ތަންތަން ބަންދުކުރަން މަޖުބޫރުވިއެވެ. އޭގެ ސަބަބުން އޮންލައިން ޕްލެތްފޯމްތަށް ބޭނުން ކޮށްގެން ކިޔަވައިދޭން މަޖުބޫރުވިއެވެ. އެހެން ނަމަވެސް ގިނަ މުދައްރިސުން އޮނަލައިން ޕްލެޓްފޯމްތަކަށް އަހުލުވެރިވެފައެއް ނެތެވެ. އަދި ޒަމާނީ ވަޞީލަތްތަކަށް ވެސް ވަރަށްގިނަ މުދައްރިސުން އަހުލުވެރިފައި ނުވާކަން ފާހަގަކުރެވުނެވެ. އެގޮތުން ރާއްޖޭގެ ބައެއް ސްކޫލުތަކުން ވެސް އެކަންވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އަޙްމަދިއްޔާ ސްކޫލުގެ ވެބްސައިޓުގައި ލިޔުއްވާފައިވެއެވެ. “ ސްކޫލްތައް ބަންދުކުރަން މިނިސްޓްރީއިން ނިންމިއިރު އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ސްކޫލް އޮތީ އެއްވެސް ވަރަކަށް ތައްޔާރުވެފައެއް ނޫނެވެ. އެހެންކަމުން ގޫގުލް ކުލާސްރޫމާއި، ގޫގުލް މީޓްސް މެދުވެރިކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް އަޙްމަދިއްޔާއަށް ޖެހުނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާށެވެ.“ (ޢަރީފް, 2020) ސަބަބަކީ ހަމަ މުދައްރިސުން އެ ޕްލެޓް ފޯމްތަލަށް އަހުލުވެރި ނުވުމެވެ.
ކުރިން ތަޖުރިބާ ކޮށްފައި ނެތުމުން މުދައްރިސްންނަށް ވީ އޮންލައިންކޮށް ކިޔަވައިދިނުން ބޮޑު ގޮންޖެހުމަކަށެވެ. އޮންލައިނ ޕްލެޓްފޯމްތައް ދަސްކޮށް ބޭނުން ކުރަން ދުވަސް ނެގިއެވެ. އަދި ޕްލެޓްފޯމްތަކުގެ ފީޗަރސްތައް ބޭނުނު ކުރަން ނޭނގުމުގެ ސަބަބުން އެތައް އުނދަގޫތަކެއް މުދައްރިސްން ތަޙައްމަލު ކުރަން ޖެހުނެވެ. އެކަށީގެން ވާގޮތަށް ފިލާވަޅުތައް ކުރިއަށް ނުގެންދެވުން ވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި އޮންލައިންކޮށް ސަބްމިޓްކުރާ ދަރިވަރުންގެ ފިލާވަޅުތައް ބަލައި ޗެކު ކުރަންވެސް ބައެއް މުދައްރިސުންނަށް ވީ ދަތިވިކަމަކަށެވެ. ދަރިވަރުން އެސެސް ކުރާނެ ޓެކްނޮލޮޖީ ޓޫލްތަކަކީ ކޮބައިކަން ވެސް އަދި ބޭނުން ކުރާނީ ކިހިނެއްކަން ނޭނގުމުން އެސެސް ކުރުމަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވި ކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކަންކަމަށް މުދައްރިސުން ބީރައްޓެހި ނަމަ އޭގެ ނޭދެވޭ އަޘަރު ދަރިވަރުންނަށް ވެސް ކުރާނެއެވެ.
މުދައްރިސުން ޓެކްނޮލޮޖީއާއި ބީރައްޓެހި ނަމަ ދަރިވަރުންނާއި ބެލެނި ވެރިންނަށް ވެސް އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރަން ދަތިތަކެއް ދިމާވުން އެކަށީގެންވެއެވެ. ސަބަބަކީ ދަރިވަރުންނަށް ވެސް އޮންލައިން ޕްލެޓްފޯމްތައް ވެގެންދާނީ އައު އެއްޗަކަށެވެ. އެ ދަރިވަރުންނަށް އޮންލައިން ޕްލެޓްފޯމްތަކުގައި ކުރަންވީ މަސައްކަތްތަކާއި ކުރަންވީގޮތުގެ އިރުޝާދު ދޭން މުދައްރިސަށް ނޭނގޭނަމަ ދަރިވަރުންނަށް މަސައްކަތްތައް ކުރާނެގޮތެއް ނޭނގުން އެކަށިގެންވެއެވެ. ވީމާ އުނގަންނައި ދިނުމުގައި ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެގެން ދާނެއެވެ.
ދަރިވަރުން ޓެކްނޮލޮޖީއާއި ބޭރައްޓެހިވެއްޖެނަމަ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތައް ވެސް އެބަހުއްޓެވެ. އެގޮތުން މުދައްރިސުން ހަވާލުކުރާ ފިލާވަޅުތަކާއި، މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުމަށް އުނދަގުވެއެވެ. އައި މަޢުލޫމާތު ހޯދުމަށްވެސް އުނދަގޫވާނެއެވެ. މި ޒަމާނުގައި ފޮތްތަކާއި ގިނަ ލިޔުންތައް މިދަނީ ކަރުދާހުގެ ބަދަލުގައި ޑިޖިޓަލްކުރެވެމުންނެވެ. ވީމާ ކޮމްޕިއުޓަރާއި ޓެބްލެފަދަ ތަކެތި ބޭނުން ކުރަން ނޭނގޭނަމަ ދަރިވަރުންނަށް ގޮންޖެހުން ތަކާއި ކުރިމަތިލާންޖެހޭނެއެވެ. އޭގެ ސަބަބުން އަދި މުދައްރިސުންނަށް ވެސް އޭގެ ތަކުލީފް އުފުލަން ޖެހިގެން ދާނެއެވެ. ޚާއްޞަ ގޮތެއްގައި ކޯސްތަކާއި މަތީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް މިޒަނާމުގެ ޓެކްނޮލޮޖީގެ ވަޞީލަތްތައް އެނގެންޖެހެއެވެ. ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވުމުން ދަރިވަރުންނަށް އިތުރުމަޢުލޫމާތު އިންޓަރނެޓްގެ ޡަރީއާއިން ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އަދި އެތައް ބުރައެއް އުފުލަން ޖެހުނު ކަންކަން ފަސޭހަވެގެން ދާނެއެވެ. މިސާލަކަށް ކިޔަވަން ގެންގުޅެ ފޮތްތަށް ނުވަތަ ހޭންޑައުތްތައް ކަރުދާސް ގޮތައް ގެންގުޅުމަކީ މޭޒުމައްޗާއި ކަބަޑު ތަކުގެ ޖާގަހިފައި އަދި ހޯދަން ބޭނުނުން ވުމުން ގިނަފަހަރަށް ހޯދަން ވެސް ވަގުތު ނަގާ ކަންކަމެވެ. އެހެން ނަމަވެސް ކޮމްޕިއުޓަރ ނުވަތަ ޓެބްލެޓް ފަދަ ތަކެތީގައި އެފަދަ އެއްޗެހި ރައްކާ ކޮށްފައި ހުންނަ ނަމަ މޭޒުމަތީގެ ޖާގަ ހުސްވުމާއި ހޯދަން ފަސޭހަވެއެވެ.
ވަޒީފާގެ މާޙައުލުގައިވެސް ޓެކްނޮލޮޖީ ބޭނުން ކުރަން ނޭނގޭނަމަ ވަރަށްބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެއެވެ. ވީމާ ސްކޫލުތަކުން ކިޔަވައިން ވަޒީފާއަށް ނުވަތަ ޢާންމު މުޖުތަމަޢަށް ދަރިވަރުން ނުކުންނަ އިރު ޓެކްނޮލޮޖީއަށް އަހުކުވެރި ކުރުވުން މިވަނީ މުހިންމު ކަމަށް ވެފައެވެ. މިހާރު ވަޒީފާއަށް ކުރިމަތިލާން ޖެހެނީ ވެސް އޮންލައިންކޮށެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާތަކަށް އިޢުލާނު ކުރަނީ ވެސް އޮންލައިން ޕްލެޓްފޯމްތަކުގައެވެ. އަދި ހަމައެފަދައިން ވަޒީފާގެ މާޙައުލުގައި އޮފީސްތަކުގައި ކުރާ ގިނަ މަސައްކަތްތައް ވެސް ކުރަނީ މިހާރު ޓެކްނޮލޮޖީގެ އެހީގައެވެ. އެހެން ކަމުން ޓެކްނޮލޮޖީއާއި ބީރައްޓެހި މީހަކު ވަޒީފާއަށް ނަގައިފި ނަމަ ދެ ފަރާތައް ވެސް އޭގެ އުނދަގޫ ތަޙައްމަލު ކުރަންޖެހޭނެއެވެ. ވީމާ އެންމެ ކުޑަމިނުން ވަޒިފާގެ މާޙައުލުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަން އެނގޭވަރަށް ޓެކްނޮލޮޖީއަށް އަހުކުވެރި ވުމަކީ މި ޒަމާނުގައި ކޮންމެހެން ކުރަން ޖެހޭ ކަމަކަށް މިވަނީ ވެފައެވެ.
ޢާންމު ދިރުއުޅުމުގެ ވައްޓަފާޅިވެސް މިވަނީ މިހާރު ޓެކްނޮލޮޖީއާއި ނުލައި ނޫޅެވޭ ވަރަށް ބަދަލުވެފައެވެ. އަނެއްގައި ވެސް ބަލާލަން މި ޖެހުނީ ކޮވިޑްގެ ބަލިމަޑުކަމުގައި ޢާންމު ދިރިއުޅުން ޓެކްނޮލޮޖީއާއި ގުޅުނު މިންވަރަށެވެ. ގެ ތަކުގައި ބޭރަށް ނުނިކުމެ ރައްޔިތުން ބަންދުވުމުން ޖެހުނީ ކާބޯ ތަކެއްޗާއި ގެޔަށް ބޭނުންވާ އެހެނިހެން ސާމާނު ތަންތަނަށް ގުޅައިން ނުވަތަ ކޮންމެވެސް ސޯޝަލް މީޑިއާ އެޕްލިކޭޝަނަކުން އޯޑަރު ކުރާށެވެ. ފޯނަށް އަހުލުވެރި ނުވެ ތަންތަނަށް ގުޅަނީ ކިހިނަކުން ހެއްޔެވެ.؟ ވީމާ މޮބައިލް ފޯނު ބޭނުން ކުރަން އެނގުން މުހިންމެވެ. އެންމެ ފަހުން ކަންކަންވީ ގޮތް ވިސްނާލަމާހެއްޔެވެ! ވިޔަފާރި ކުރާ ތަންތަނަށް ބާރުބޮޑުވެ ފިހާރަތަކާއި ކާބޯ ތަކެތި ވިއްކާތަންތަނަށް ފޯނަށް ޖަވާބުދާރި ނުވެވެން ފެށިއެވެ. އެހެންކަމުން ރައްޔިތުންގެ ޝަކުވާ ގިނަވާން ފެށުމުން ވިޔަފާރިތަކުން ޙައްލެއް ލިބޭތޯ އެކި ގޮތްތައް ބޭނުން ކުރަން ފެށިއެވެ. އެކަމަށް ޙައްލު ގެނެސް ދިނީވެސް ހަމަ ޓެކްނޮލޮޖީއެވެ. ދެން ފިހާރަތަކުން އޯޑަރ ނަގަން ފެށީ ވައިބަރ ނުވަތަ ކޮންމެވެސް އޮނަލައިން އެޕްލިކޭޝަނެއް ބޭނުން ކޮށްގެންނެވެ. އަނެއްބަޔަކު އެ ހާލަތުގައި ރައްޔިތުންނަށް ފަސޭހަ ހޯދައިދިނުމަށް އީ ކޮމާސް ވެބްސައިޓްތައް ހެދިއެވެ. ލިބެން ހުންނަ ހުރިހައި ވައްތަރެއްގެ މުދާ ވެބްސައިޓް މެދުވެރިކޮށް ބަލައި އޯޑަރު ކުރެވޭ ގޮތަށެވެ. ވީމާ ފޯނަކުން ގުޅަން އެނުގުނަސް އަދި ފުދުނީއެއް ނޫނެވެ.
އަދި ކިޔެއް ހެއްޔެވެ. އެ ޙާލަތުގައި ކޮވިޑަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާތީ އެކަކު އަނެކަކާއި ބައްދަލުވެ އުޅެން ޞިއްޙީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރުން އަންނަ ޑެލިވަރީ ކުރާ މީހުންނާއި ބައްދަލުވެ ނަގުދު ފައިސާއިން މުޢާމަލާތުކުރުން ރައްކާތެރިކަމަށް ނުވިއެވެ. އަދި ބައެއް ފިހާރަތަކުން ނަގުދު ފައިސާގެ ބަދަލުގައި ޓްރާންސްފަރ ކުރަށް އެދެމުންދިޔައެވެ. އަނެއްކާވެސް މިޖެހުނީ ޓެކްނޮލޮޖީއާއެވެ. އެއީ އޮންލައިން ބޭންކް ޓަރާންސްފަރ އެވެ. ވީމާ މިޒަމާނުގައި ޓެކްނޮލޮޖީ މިވަނީ ހުރިހައި ދާއިރާތަކަށް ވަދެފައެވެ. އަޅުގަނޑުމެންނަށް އެއާއި ނުލާ ނޫޅެވޭހައި ވެސް މުހިންމު އެއްޗަކަށް ވެފައެވެ.
ވީމާ ފަސޭހަގޮތްތައް އިންސާނުން ހޯދަމުން ތަރައްޤީ ކުރަމުން ދަނީ މިފަދަ އެތައް ސަބަބަކަށްޓަކައެވެ. އެ ފަސޭހަތަކުގައި ނުހިފާނަމަ ބަދަލުވަމުން މިދާ ދުނިޔޭގައި އެމީހަކު ލޯފަން ބީރުމީހަކަށް ވުރެ ވެސް އުނދަގުލުގައި އުޅެންޖެހިދާނެއެވެ. ސަބަބަކީ މިއަދުގެ ޓެކްނޮލޮޖީ މިވަނީ ލޯފަން މީހުންނަށް ވޮއިސް އެކްޓިވް އެންޑް ކޮމާންޑް ތަޢާރަފް ކޮށްދީފައެވެ. އަދި ބީރު މީހުންގެ އަތުގައި ވެސް މިވަނީ ހަފާފައެވެ. އެއީ ސްކްރީން ބަލައިން އެމީހުންނަށް ކަންކަން ކޮށްލެވޭހާއި ފަސޭހަ ކޮށްދެވިފައެވެ.
ކަން މިހެން ހުރުމާއި އެކު އުނގެނުމާއި އުނގަނައިދިނުން ޓެކްނޮލޮޖީއާއި ނުލައި ފުރިހަމަވާނީ ކިހިނަކުން ހެއްޔެވެ.؟ މުދައްރިސުން އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކޮށް ދަރިވަރުންނަށް ޓެކްނޮލޮޖީގެ ބޭނުމާއި އޭގެ ފަސޭހަތައް ދަސްކޮށްދީ ދަރިވަރުން އުނގެނުމުގައި ހެޔޮގޮތުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުން މެނުވީ މި ޒަމާނުގައި އުނގެނުމާއި އުނގަންނައިދިނުން ފުރިހަމަވީ ކަމަކަށް ނުބެލެވޭނެއެވެ.
ނިންމުން
މި މަޒުމުނު ލިޔެ ނިންމާލުމުގެ ތަޢުފީޤުދެއްވި ކަމައްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ހުއްޓެވެ. އަޅުގަނޑަށް މި މަސައްކަތުގެ ސަބަބުން ވަރަށް ފައިދާ ހުރި މަޢުލޫމާތުތަކެއް ލިބުނުކަން ފާހަގަކުރަމެވެ. އެގޮތުން އުނގެނުމާއި އުނގަންނައި ދިނުމަށް ޓެކްނޮލޮޖީ ތަޢާރަފުވެގެން ކުރި އަރަމުން އައި ގޮތް އެނގުންކަން ފާހަގަކުރަމެވެ. އަދި އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީގެ މުހިންމުކަމާއި، ހެޔޮގޮތުގައި ބޭނުން ކުރުމުގެ މުހިންމުކަން އެނގުންކަން ވެސް ފާހަގަކޮށްލެވެ.
ޙަވާލާ ލިސްޓް
- ހެރަން, މ. (29/މެއި/2015). ހިސްޓްރީ އޮފް އެޑިއުކޭޝަން ޓެކްނޮލޮޖީ. Retrieved from އިންސްޓިޓިއުޓް އޮފް ޕްރޮގޮރެސިވް އެންޑް ލަރނިންގ: http://institute-of-progressive-education-and-learning.org/a-history-of-education-technology/
- ޝާފިޔާ, އ. (09/އޮކްޓޯބަރު/2020). އާފަތިސް. Retrieved from ދަރިވަރުންނަށް ޑިޖިޓަލް ލިޓްރަސީ ދަސްކޮށްދިނުމުގެ މުހިންމުކަން: https://aafathis.mv/archives/56171
- ބްރެންޓްލޭޖެންސީ. (d.). Retrieved from six ways to use technology for personal development: https://www.brantleyagency.com/technology-for-personal-development/
- ޢަރީފް, އ. (20/ޖުލައި/2020). އޮންލައިންކޮށް ކިޔަވައިދިނުން އައު ފެށުމެއް. Retrieved from އަހްމަދިއްޔާ: https://ahmadhiyya1982.mv/195
- މިލަރ, ކ. (ތ.ނ). Disadvantages of technology in education. Retrieved from futureofworking: https://futureofworking.com/10-advantages-and-disadvantages-of-technology-in-education/
- ވޯލްޓަރ, ޖ. (28/އޮކްޓޯބަރ/2020). 7 disadvantages of technology in education. Retrieved from dejaofficeblog: https://www.dejaoffice.com/blog/2020/10/28/7-disadvantages-of-technology-in-education/
