އަކުރެއް އުފަންކުރުމުގައި އަކުރުގެ މަޚްރަޖުގައި ތަފާތު 3 ގޮތަކަށް އަޑު ބޭނުން ކުރެވެއެވެ. އެއީ ތަޖުވީދު ޢިލްމުގައި ބޭނުން ކުރާ ގޮތުން ނަމަ..

 

ރިޚްވާ، ( މަޚްރަޖުގައި އަޑު ދެމުން )

ތަވައްސުޠު،  ( މެދު މިނަކަށް އަޑު ދެމުން )

ޝިއްދާ ( މަޚްރަޖުގައި އަޑު ބަންދު ކުރުމެވެ. )

 

ހަނދާނުގައި ބަހައްޓަންވީ މި 3 މަސައްކަތް ކުރާނީ އަކުރު އަދާ ކުރާ ވަގުތު އަކުރުގެ މަޚްރަޖުގައި ކަމެވެ. ނުވަތަ އަކުރުގެ މަޚްރަޖާއި ހަމައިންނެވެ.

ރިޚްވާ ކުރުމޭ ތަޖުވީދު ޢިލްމުގައި ބުނެވެނީ އަކުރު އަދާ ކުރާ ވަގުތު މަޚްރަޖުގައި ޖެހޭލެއް ފަސޭހަވުމުން ނުވަތަ މަޚްރަޖަށް ބާރުލެވޭ މިންވަރު ކުޑަވުމުން ފުއްޕާމެއިން ދޫކުރާ ވައި ނުވަތަ އަޑުނަރުގައި ޖެހި ނުކުންނަ އަޑުގެ ވައި މަޚްރަޖާއި ހަމައިން ބޭރަށް ނުކުންނާނެ ޖާގަ ލިބުމުން މަޚްރަޖު ފަހަނައަޅައި ބޭރަށް ނުކުމެގެން ދިޔުން ނުވަތަ ދެމިގެން ދިޔުމެވެ. އަޑު ދެމޭވަގުތު ހުސް ވައިތަކެއް މަޚްރަޖުން ބޭރަށް ދެމުން ނުވަަތަ އަޑުގެ ވައި މަޚްރަޖުން ބޭރަށް ދެމެނީ ކަމުގައި ވިޔަސް މެއެވެ. މި އަކުރުތަކުގައި ފިލިޖެހިގެން ވާ ޙާލަތުގައި ފިލީގެ އަޑުގެ ކުރިން އަކުރުގެ އަޑު މަޚްރަޖުން ދެމޭނެއެވެ. މިޘާލަކަށް ف  ކިޔާ އިރު ފިލިޖެހުމުގެ ކުރިން ތުންފަތާއި ދަތާއި ދެމެދުން ފުރަތަމަ ނުކުންނާނީ ފާ ގެ ވައި އަޑެވެ. އެ އަޑަށް މި ކިޔަނީ ف އެވެ. ވީމާ މި އަކުރު ކިޔާއިރު އަޑު މަޚްރަޖުން ބޭރަށް ދޫވެފައި ހުރެއެވެ. އެޔަށް މި ކިޔަނީ ރިޚްވާ އެވެ. އެގޮތުން ރިޚްވާ ކުރެވޭ އަކުރުތަކުގެ ޢަދަދަކީ 15 އެވެ. އެއީ ث ح خ ذ ز س ش ص ض ظ غ ف و ه ي. އެވެ.

ޝިއްދާ ކުރުމޭ ބުނެވެނީ އަކުރު އަދާ ކުރާ ވަގުތު މަޚްރަޖުގައި ޖެހޭލެއް ބާރުވުމުން ނުވަތަ މަޚްރަޖަށް ލެވޭ ބާރު ބޮޑުވުމުން، އެއީ ފުއްޕާ މެއިން އަންނަ ވައި ނުވަތަ ފުއްޕާމެއިން ދޫކުރާ ވައި އަޑުނަރުގައި ޖެހި ނުކުންނަ އަޑުގެ ވައި ކަމުގައިވިޔަސް، މަޚްރަޖާއި ހަމައިން ބޭރަށް ނުކުންނާނެ ޖާގަ ނުލިބުމުން މަޚްރަޖާއި ހަމަޔަށް އައިސް ބަންދު ވުމެވެ. މިޘާލަކަށް ب އަދާ ކުރާ ވަގުތު އަޑުނަރާއި ހަމައިން އުފެދޭ އަޑާއިއެކު، ނުކުމެގެން އަންނަ އަޑުގެވައި އައިސް 2 ތުންފަތް ޖެހޭ ހިސާބުން ބަންދުވެއެވެ. ދެތުންފަތް ނައްޓާލުމުން މެނުވީ އަޑުގެ ވަޔަށް ބޭރަކަށް ނުނިކުމެވޭނެއެވެ. ޝިއްދާ ވާ އަކުރުތަކުގެ އަޑު ފިލީގެ ޙާލަތުގައި ފާޅުވާނީ ވެސް ފިލި ޖެހީމައެވެ. ވީމާ މިފަދަ އަކުރުތައް ކިޔާއިރު އަޑަށް މަޚްރަޖާއި ހަމައިން ބޭރަށް ނުކުންނާނެ ޖާގަ ނުލިބުމުން މަޚްރަޖުގައި އަޑު ބަންދުވެއެވެ.  އެކަމަށް ކިޔަނީ ޝިއްދާއެވެ. ޝިއްދާގެ އަކުރުތަކުގައި ހޭދަވާ ވަގުތު ރިޚްވާގެ އަކުރުގައި ހޭދަވާ ވަގުތައްވުރެ ކުރުވާނެއެވެ. ޝިއްދާކުރެވޭ އަކުރުތަކަކަކީ ء ج د ق ط ب ك ت

ތަވައްޞުޠު ކުރުމޭ ބުނެވެނީ އަކުރުގެ މަޚްރަޖުގައި ޖެހޭ ވަގުތު މަޚްރަޖުން އެއްކޮށް އަޑު ދެމިގެން ނުދާތީ ކޮންމެސް ވަރަކަށް އަކުރުގެ އަޑު މަޚްރަޖުން ދެމުމަށެވެ. ނުވަތަ ޝިއްދާ ވާ ވަގުތު އެއްކޮށް މަޚްރަޖުގައި ބަންދުވާ ފަދައިން މަޚްރަޖުން އެއްކޮށް އަޑު ބަންދުވެފައި ނުވެ ކޮންމެސް މިންވަރަކަށް އަޑު ދެމުމަށެވެ. ވީމާ މި އަކުރުތަކުގައި ރިޚްވާ ފަދައިން އަޑު އެއްކޮށް ދަމާލައިނގެން ނުވާނެއެވެ. ތަވައްޞުޠުގެ އަކުރުތަކުގެ މަޚްރަޖަށް ވާޞިލްވާ ވަގުތު އޭގެ ޒާތުގައި މަޚްރަޖުގައި އުފެދޭ އަޑުގެ މިންވަރުން ތަވައްޞުޠު ފުރިހަމަވާނެއެވެ. އިތުރަށް އަޑު ދަމަން މަސައްކަތް ކޮށްފި ނަމަ ރިޚްވާކުރުމާ އެއްގޮތްވާނެއެވެ. ތަވައްޞުޠު ކުރެވޭ އަކުރުތަކަކީ  ل ن ع م ر

ޕީޑީއެފް ފައިލް ހުޅުވާލާ.