އަބަދުވެސް ބަރުވާ އަކުރުތައް!

 

އަޅުގަނަޑުމެން ދިވެހިންނަކީ ޢާންމު ގޮތެއްގައި ވާހަކަ ދެއްކުމުގައި ބަރުއަކުރުތަކެއް ކިޔާއުޅޭ ބައެއް ނޫނެވެ. އެހެން ކަމުން ބަރު އަކުރު ފުރިހަމައަށް ބަރު ނުކުރެވުން މިއީ ޤުރްއާން ކިޔެވުމުގައި ވަރަށް ގިނަފަހަރު  އަޅުގަނޑުމެން ތެރެއިން ވަރަށްގިނަ ކުދިންނަށް ދިމާވާ ޢާންމު މައްސަލައެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. އަޅުގަނޑުމެން ދިވެހިންނަކީ  އަޅުގަނޑުމެންގެ ޢާންމު ވާހަކަ ދެއްކުމުގައި ބަރުއަކުރުތަކެއް ބޭނުން ނުކުރާތީ ، ޤުރްއާން ކިޔެވުމުގައި އަޅުގަނޑުމެންނަށް ބަރު އަކުރުތައް އަދާކުރުމަށް އުނދަގޫކަމެއް އާދެއެވެ. ނަމަވެސް ޤުރްއާން ކިޔަވާއިރު ޢަރަބި ބަރު އަކުރުތަކަކީ ކޮންމެ ހާލަތެއްގައި ވެސް ބަރުކޮށް ކިޔަންޖެހޭ އަކުރުތަކެވެ.

ކިޔެވުމުގެ ރީތިކަމާއި ޢަރަބިވަންތަ ފަޞާޙާތްތެރި ކިޔެވުމެއް ކިޔަވަން ހުރިހައި ކުދިންވެސް ބޭނުން ވެއެވެ. އަދި ޤުރްއާން ކިޔެވުމުން ލިބެންވާ ފުރިހަމަ ޘަވާބާއި ދަރުމަ ލިބިގެން ދާނީ ޔަޤީނުންވެސް ތަޖުވީދުގެ ހަމަތަކުގެ މަތީން އަކުރުތަކަށް ލިބިގެންވާ މަޚްރަޖާއި ޞިފާތުތައް ފުރިހަމަ ކޮށްގެން ކިޔެވުމުންނެވެ.

ބަރުއަކުރު ބަރުކުރުމަކީ ކިޔެވުމަށް ފުރިހަމަކަމެއް ގެނުވާނެ ކަމެކެވެ. ޤުރްއާން ކިޔެވުމުގައި އަބަދުވެސް ކޮންމެ ޙާލަތެއްގައިވެސް ބަރުކޮށް ކިޔަން ޖެހޭ އަކުރުތަކަކީ خُصَّ ضَغطٍ قِظ އެވެ. މި އަކުރުތަށް އަދާ ކުރުމުގައި ދުލުގެ ފަހަތް މައްޗަށް އުފުލަން ޖެހެއެވެ. ދުލުގެ ފަހަތް މައްޗަށް އުފުލުމުގެ ސަބަބުން އަކުރުގެ އަޑު އަނގަތެރޭގައި ހިފެހެއްޓިފައި ހުރެއެވެ. އަދި އަކުރުގެ އަޑުން އަނގަތެރެ ފުރިގެން ދެއެވެ.  ދުލުގެ ފަހަތް އުފުލުމަށް ތަޖުވީދު ޢިލްމުގައި ކިޔަނީ އިސްތިޢުލާ ( إِستِعلاء ) ކުރުމެވެ. މި އަކުރުތައް އަދާކުރުމުގައި ދުލުގެ ފަހަތް މައްޗަށް އުފުއްލާތީ މި އަކުރުތަކަށް ތަޖުވީދު ޢިލްމުގައި ދެވިފައި ވާ ނަމަކީ އިސްތިޢުލާގެ އަކުރުތަކެވެ. އިސްތިޢުލާއަކީ ބަރު އަކުރުތަކަށް ލިބިގެންވާ ލާޒިމް ޞިފައެކެވެ.

ދުލުގެ ފަހަތް އުފުލުމުން އަކުރުގެ އަޑު ބަރުވާ ސަބަބަކީ އަޑު ނުކުތުމަށް ދުލުގެ ފަހަތް ހުރަސް އެޅުމުގެ ސަބަބުން އަޑުގެ މިޞްރާބު މަތީތަލީގެ މެދުގައިވާ ގޮންޏާއި ދިމާއަށް ބަދަލުވުމެވެ. އޭގެ ސަބަބުން މަތީތަލީގެ މެދާއި ދުލުގެ މެދާއި، ދެމެދު އަކުރުގެ އަޑު ހިފެހެއްޓޭގޮތްވެއެވެ.

ހަމައެކަނި ދުލުގެ ފަހަތް އުފުލުމުން އަކުރުގެ އަޑު ފުރިހަމައަށް ބަރު ކުރެވޭނެހެއްޔެވެ.؟ ހަމައެކަނި ދުލުގެ ފަހަތް އުފުލުމުންވެސް އަކުރުގެ އަޑަށް ބަރުކަން އަންނާނެއެވެ. ނަމަވެސް އެންމެ ފުރިހަމައަށް އަކުރު ބަރުކުރުމަށްޓަކައި ޢާރިޟް ޞިފައެއް ބަރު އަކުރުތަކަށް ދޭންޖެހެއެވެ. އެއީ ތަފްޚީމް ކުރުމެވެ. ޢާރިޟް ޞިފަތަކަކީ ލާޒިމް ޞިފައަށް ފަހު އަކުރަށް އިތުރު ފުރިހަމަކަމާއި، ރީތިކަން ގެނުވައިދިނުމަށް ދެވޭ ޞިފަތަކެވެ. ވީމާ ބަރުއަކުރުތައް އިތުރަށް ފުރިހަމަ ކޮށްލުމަށް ދެވޭ ޢާރިޞް ޞިފައަކީ ތަފްޚީމް ކުރުމެވެ.

ތަފްޚީމް ކުރުމަކީ އަނގައިގެ އެތެރެ އަކުރުގެ އަޑުން ފުރާލުމެވެ. ތަފްޚީމް ކުރުމަށްޓަކައި އަކުރު އަދާ ކުރާވަގުތު ދޫ ގޮނިކޮށްލަން ޖެހެއެވެ. ދޫ ގޮނިކުރުމޭ ބުނަނީ ދުލުގެ ފަހަތް އުފުލައި، ދުލުގެ މެދުގައި ގޮންޏެއް އޮންނާނެ ގޮތައް ދުލުގެ ކޮޅު ކުޑަކޮށް ހިއްލާލުމެވެ. އެއީ އަޑު އަނގަތެރެއިން ދޫވެގެން ދިޔަ ނުދިނުމަށް ކުރެވޭ ކަމެކެވެ. އެއީ ސަމުސާ އޮންނަ ކަހަލަ ގޮތަކަށް ދުލުގެ ބައްޓަން ބަދަލުކުރުމެވެ. ސަމުސަލުގައި ވެސް އެއްޗެހި ހަރުލަނީ ގޮނިކޮށް އޮންނާތީ ނޫންތޯއެވެ؟

އަބަދުވެސް ބަރުވާ އަކުރުތަކުގެ ތެރޭގައި އަދި ވަކީން ޚާއްޞަކޮށް ބަރުވާ އަކުރުތަކެއް އޮވެއެވެ. އެއީ އެއަކުރުތަށް އަދާ ކުރުމުގައި ދުލުގެ ފަހަތާއިއެކު ދުލުގެ ބޮޑުބައެއް މައްޗަށް އުފުލައި، މަތީތައްޔާއި ދުލާ ދެމެދުގައި އޮންނަ ޖާގަ ކުޑަކޮށް އެދޭތެރޭގައި އަކުރުގެ އަޑު ހިފެހެއްޓުމެވެ. މިގޮތަށް ދުލުގެ ބޮޑުބައެއް މައްޗަށް އުފުލުމަށް ތަޖުވީދު ޢިލްމުގައި ކިޔަނީ އިޠުބާޤު ( إِطبَاق ) ކުރުމެވެ. އިޠުބާޤުގެ އަކުރުތަކަކީ އިސްތިޢުލާގެ އަކުރުތަކުގެ ތެރެއިން ص ض ط ظ އެވެ. އިޠުބާޤަކީ ވެސް އިސްތިޢުލާ ކުރުމާއިއެކު މި އަކުރުތަކަށް ލިބޭ ލާޒިމް ޞިފައެކެވެ.

އަބަދުވެސް ބަރުވާ އަކުރުތައް އަދާކުރުމުގައި ވަރަށްގިނަ ކުދިންނަށް ހެދޭ ގޯހެއް އޮވެއެވެ. އެއީ ބަރު އަކުރުގައި އަބަފިލިޖެހުމުން ފިއްޔަށް މަޚްރަޖުން ނައްޓާލުމާއިއެކު، ދުލުގެ ކޮޅުވެސް ދޫ ކޮށްލުމެވެ. އޭގެ ސަބަބުން މަޚްރަޖަށް ވާޞިލްވާ ވަގުތު އަކުރުބަރުވާ މިންވަރަށް އަބަފިލި ޖެހުމުން ބަރު ނުވެ އަނގަތެރެއިން އަޑު ދޫވެގެން އެއްބައި ބޭރަށް ދާގޮތް ވެއެވެ. މިކަމުގައި އަނގައިގެ ބައްޓަމަށް ގެންނަށް ޖެހޭ ބަދަލު ނުގެނައުމުންވެސް އެކަން އެހެން ދިމާވެއެވެ. ބަރު އަކުރުގައި އަބަފިލިޖެހުމުން ހިނިތުން ވާ ގޮތަށް ތުންފަތް ދެފަރާތައް ގެންގޮސްގެން ނުވާނެއެވެ. އަނގަ ހުޅުވާނީ އިންގޮތަށެވެ. އަދި އޯ އަޑު އަންނަ ގޮތަކަށްވެސް ނޫނެވެ.

އަނގައިގެ ޙަރަކާތަކީވެސް ޤުރްއާން ކިޔެވުމުގައި އެއް މިންގަޑެއްގައި ގެންގުޅެންޖެހޭ ކަމެކެވެ. އެކި ފަހަރު އެކި ވަރަށް ޙަރަކާތް ކުރުމަކީ ކިޔެވުމުގައި ހުތުރު ކަމެއް އެކުލެވިގެން ދާނެ ކަމެކެވެ.