ފިލި ފުރިހަމަ ކުރުން.

 

ޤުރްއާން ކިޔެވުމުގެ ރީތިމަކަމާއި ކިޔެވުމުގެ އޮމާންކަން ގެނުވައިދޭ އެންމެ މުހިންމު ކަންކަމުގެ ތެރެއިން އެއްކަމަކީ ފިލި ފުރިހަމަކޮށް އެއްވަރުކޮށް ހަމަހިފެހެއްޓުމެވެ. ފިލި ފުރިހަމަ ކުރުމޭ ބުނެވެނީ  އެއްކިޔެވުމެއްގައި ފިލި އަދާކުރުމުގައި ފިއްޔަށް ދޭންވާ ވަގުތާއި އަނގައިގެ ހަރަކާތްތަށް އެއްވަރެއްގައި އެއް ހަމައެއްގައި ހިފެހެއްޓުމެވެ.

ޤުރްއާން ކިޔެވުމުގައި ފިއްޔަށް އަނގައިގެ ޙަރަކާތް ކުރަނީ މައިގަނޑު 3 ޙަރަކާތަކަށެވެ. އެއީ އަބަފިލ ، އިބިފިލި އަދި އުބުފިލީގެ ޙަރަކާތަށެވެ. ފިލި ފުރިހަމަ ކުރުމަކީ މި 3 ފިލީގައި ގެންގުޅޭ މިންގަޑުތައް އެއްވަރުކުރުމެވެ. ފިއްޔަށް ދޭންވާ ވަގުތު ފުރިހަމަކޮށް އެއްވަރުކުރުމެވެ.

އަބަފިލި:

އަބަފިއްޔަކީ ކުޑަ އަލިފެކެވެ. ކުޑަ އަލިފެކޭ ބުނެވޭ ސަބަބަކީ އަބަފިލީގައި ހުންނަނީ އަލިފްގެ އަޑުކަމަށް ވާތީއެވެ. ނަމަވެސް އެއީ އަލިފުބާގެ ފުރިހަމަ އަލިފުގެ މިންވަރެއް ނޫނެވެ. އެއީ ކޮންމެ ފިއްޔެއްގައި އޮންނަނީ އެންމެ ޙަރަކާތެއް ކަމަށް ވުމުން، ޢަރަބި އަލިފްގެ ދެބައި ކޮށްފައި އެއްބައި ވާ މިންވަރަށް ފިލި ކިޔަން ޖެހޭތީ ކުޑަ އަލިފެކޭ ބުނަނީއެވެ. ވީމާ އަބަފިއްޔަށް ނިޞްބަތްވާ އަކުރަކީ އަލިފެވެ.

އަބަފިލި އަދާ ކުރާނީ އަނގަ ހުޅުވައިގެންނެވެ. އަނގަ ހުޅުވާނީ ކުއްލިއަކަށް ފިލީގެ އަޑު ބޭރަށް އެއްލައި ގޮތަށެވެ. އެއާއި ޚިލާފަށް ލަސްލަހުން އަނގަ ހުޅުވަމުން ހުޅުވަމުން އަބަފިލި ކިޔަން މަސައްކަތް ކޮށްފި ނަމަ އަބަފަލީގެ އަޑު ދެމިގެން ދާނެއެވެ. ކިޔެވުމުގެ އަވަސް ލަސްމިނަށް ބަލައި ކިޔެވާ ސްޕީޑަށް ވުރެ ފިލި އަވަސް ވެއްޖެ ނަމަ އަބަފިލި ކުރުވާނެއެވެ.

އަބަފިލި އަދާ ކުރާއިރު އަނގައިގެ ޙަރަކާތާއި، އަދި އަބަފިއްޔަށް ދޭ ވަގުތު އެއްވަރުވާން ވާނެއެވެ. އަދި ބަރު އަކުރާއި ލުއި އަކުރުގައި އަބަފިލި ޖެހުމުން އަކުރުގެ ޞިފަތަކަށް ބަލައި އަނގައިގެ ޙަރަކާތް ބަދަލު ކުރަންޖެހެއެވެ. އެހެން ނަމަވެސް ބަރު އަކުރުގައި ކުރާ ޙަރަކާތް ހުރިހައި ބަރު އަކުރުގައި ފިލި ޖެހުމުންވެސް އެއް ކިޔެވުމެއްގައި އެއްގޮތް ކުރަންވާނެއެވެ. ހަމަ އެފަދައިން ލުއި އަކުރުގައި އަބަފިއްޔަށް ކުރާ ޙަރަކާތް ވެސް އެއްކިޔެވުމެއްގައި އެއްވަރުވާން ވާނެއެވެ. ސަބަބަކީ އަކުރު ބަރު ކުރުމާއި ލުއި ކުރުމުގައި އަބަފިލި ޖަހާވަގުތު އަނގައިގެ ބައްޓަމަށް އަންނަ ބަދަލަކީ ވެސް އަކުރުގެ އަޑަށް ބަދަލު ގެނުވާ ކަމަކަށް ވާތީއެވެ.

އިބިފިލި:

އިބިފިއްޔަކީ ކުޑަ ޔާއެކެވެ. ކުޑަ ޔާ އެކޭ ބުނެވޭ ސަބަބަކީ އިބިފިލީގައި ހުންނާނީ ޔާ ގެ އަޑު ކަމަށްވާތީއެވެ. ނަމަވެސް އެއީ މައްދުކުރެވޭ ( ދެމޭ ) ފުރިހަމަ ޔާގެ މިންވަރެއް ނޫނެވެ. އެއީ ކޮންމެ ފިއްޔެއްގައި އޮންނަނީ އެންމެ ޙަރަކާތެއް ކަމަށް ވުމުން، ޢަރަބި މައްދުކުރެވޭ ޔާގެ ދެބައި ކޮށްފައި އެއްބައި ވާ މިންވަރެވެ. ވީމާ އިބިފިއްޔަށް ނިޞްބަތްވާ އަކުރަކީ ޔާއެވެ.

އިބިފިލި އަދާ ކުރާނީ ދިވެހިން ވެސް އިބިފިލި ކިޔާފަދައިންނެވެ. އެއީ ތިރީ ކަތުރު ކަށިގަނޑު ތިރިކޮށްލައިގެންނެވެ. އެހައި ބޮޑަށް ކަތުރުކަށިގަނޑު ތިރީކުރާކަށް ނުޖެހޭނެއެވެ. އިބިފިލި އަދާ ކުރުމުގައިވެސް ޙަރަކާތް ލަސްލަހުން ކުރާނަމަ އިބިފިލީގެ އަޑު ދެމިގެން ދާނެއެވެ. ވީމާ ފިލި ބޭރަށް އެއްލައި ގޮތަށް ކުއްލިއަކަށް ޙަރަކާތް ކުރުމުން ނޫނީ ފިލި ފުރިހަމަ ނުވާނެއެވެ.

އުބުފިލި:

އުބުފިއްޔަކީ ކުޑަ ވާވެކެވެ. ކުޑަ ވާވެކޭ ބުނެވޭ ސަބަބަކީ އުބުފިލީގައި ހުންނަނީ ވާވުގެ އަޑު ކަމަށް ވާތީއެވެ. ނަމަވެސް އެއީ މައްދު ކުރެވޭ ( ދެމޭ ) ފުރިހަމަ ވާވުގެ މިންވަރެއް ނޫނެވެ. އެއީ މައްދުގެ ވާވުގެ އެންމެ ކުރު މިންވަރަކީ 2 ހަރަކާތެވެ. ނަމަވެސް ފިއްޔެއްގައި އޮންނާނީ އެންމެ ޙަރަކާތެކެވެ. ވީމާ އެއީ މައްދުކުރެވޭ ވާވުގެ ދެބައި ކޮށްފައި އެއްބައި ވާ މިންވަރެވެ. އެހެން ކަމުން އުބުފިލި ނިޞްބަތްވާ އަކުރަކީ ވާވެވެ.

އުބުފިލި އަދާ ކުރަނީ ދެތުންފަތް އޫ ކޮށްގެންނެވެ. ދެ ތުންފަތް އޫކުރުމަކީ ދެ ތުންފަތް ދޭތެރެ ކުޑަ ހުސްޖާގައެއް ބާއްވާފަ ދެ ތުންފަތް އެކީ ކުރިޔަށް ދަމާލުމެވެ. އުބުފިއްޔަކީ ދިވެހިން ވެސް ބޭނުން ކުރާ ފިއްޔެކެވެ. އެހެން ނަމަވެސް އަޅުގަނޑުމެން ދިވެހިން 2 ތުންފަތް އޫކޮށްގެން އުބުފިލި ކިޔައި ނޫޅެމެވެ. ވީމާ ދިވެހި ވަރަށް ގިނަ ކުދިންނަށް ޤުރްއާން ކިޔެވުމުގައި އުބުފިލި ރަނގަޅަށް ފުރިހަމަ ނުކުރެވޭކަން ފާހަގަކުރެވެއެވެ. އުބުފިލި ކިޔުމުގައިވެސް ތުންފަތުގެ ޙަރަކާތް ލަސްވެއްޖެ ނަމަ ފިލީގެ އަޑު ދެމޭނެއެވެ. އުބުފިލި އަދާކުރުމުގައި ދެ ތުންފަތް އޫކުރަންވާނީ އަޑާއެކު ކުއްލިއަކަށް ބޭރަށް ފިލި އެއްލައި ގޮތަށެވެ. ރަނގަޅަށް ޙަރަކާތް ނުކުރެވިއްޖެ ނަމަ ފިލީގެ އަޑު ކުރުވުން އެކަށީގެން ވެއެވެ. ނުވަތަ އުބުފިލީގައި ހުންނަން ޖެހޭ އޫ އަޑު ނުހުރެ ދާނެއެވެ. ދިވެހިންނަކީ އުބުފިއްޔާއި ،އޮބޮފިއްޔާއި، އަދި އޯބޯ ފިލި ކިޔައި އުޅޭ ބަޔަކަށް ވުމުން މި 3 ފިލި ދިވެހި ބަހުގައި ވެސް ތަފާތު ކުރެއެވެ. ވީމާ ޤުރްއާން ކިޔަވާއިރު އުބުފިއްޔަށް އޮބޮފިލި ކިޔުމަކީ ދިވެހިންގެ ކިބައިން މަދުން ނޫނީ ނުފެންނާނެ ކަމެކެވެ. އެހެން ނަމަވެސް އުބުފިއްޔަށް ނުވެ އޮބޮފިއްޔަށް ނުވާ ގޮތަށް ކިޔޭތަން އަންނަކަން ފާހަގަ ކުރެވެއެވެ. އެއީ ރަނގަޅަށް ތުންފަތް ޙަރަކާތް ނުކުރުމުން ކުދިންނަށް ދިމާވާ މައްސަލައެކެވެ.