ޤުރްއާން ކިޔަވަން ފެށުމުގައި އަޢޫޛު ކިޔުމުގެ ޙުކުމް

ޤުރްއާން ކިޔަވަން ފެށުމުގައި އިސްތިއާޛާ ( އަޢޫޛު ) ކިޔުމަކީ ނަމާދުގައި ވިޔަސް ނަމާދުން ބޭރުގައިވިޔަސް މުސްތަޙައްބު ކަމެއް ކަމުގައި ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ. އެއީ ނަޙްލު ސޫރަތުގެ 98 ވަނަ އާޔަތަށް ބުރަވެތިބެއެވެ. ނަޙްލު ސޫރަތުގެ 98 ވަނަ އާޔަތުގައިވަނީ فَإذا قَرَأتَ القُرآنَ فاستَعِذ بالله من الشيطن الرَّجِيم  މާނައީ “ ފަހެ ކަލޭގެ ފާނު ކިޔަވާވިދާޅުވާނަމަ ، ފަހެ ރަޙްމަތުން ބޭރުކުރެވިފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުމަށް އެދި ﷲ ގެ ރައްކާތެރިކަމަށް އެދި ދަންނަވާށެވެ.

އަނެއްބައި ޢިލްމުވެރިން ދެކިލައްވަނީ ވާޖުބެއް ކަމުގައެވެ. މި ބޭކަލުން ވެސް ދަލީލު ނަންގަވަނީ އިސްވެ ދެންނެވުނު އާޔަތުންނެވެ.

އިސްވެ ދެންނެވުނު ދެ ގޮތުން އިޚްތިޔާރުކުރުން އަޢުލާކަން ބޮޑީ ޖުމްހޫރުންގެ ރަޢުޔަށެވެ. އެއީ އިސްތިޢާޛާ ކުރުމަކީ މުސްތަޙައްބު ކަމެއް ކަމުގައެވެ.

 

ސޫރަތުގެ މެދު ތެރެއިން ފަށާނަމަ އަޢޫޛު ކިޔުމުގެ ޙުކުމް.

ސޫރަތުގެ މެދުތެރެއިން ކިޔެވުން ފަށާނަމަ އަޢޫޛުޢާއި ފެށެން އޮތް އާޔަތް ގުޅުވައިން ވެސް އަދި ވަކިން ވެސް ކިޔެވިދާނެއެވެ. ނަމަވެސް ފަށަން އޮތް އާޔަތުގައި ﷲ ގެ އިސްމަފުޅެއް ނުވަތަ ﷲ އަށް ނިޞްބަތް ކުރެވޭ ޟަމީރުގެ ހާއެއް އޮތް ނަމަ އަޢޫޛުއާއި ގުޅުވައިގެން ނުވާނެއެވެ. އަދި ރަސޫލު ސައްލަﷲ ޢަލައިހި ވައްސައްލަމްގެ ނަންފުޅެއް ނުވަތަ ސިފަފުޅެއް އާޔަތުގެ ފެށުމުގައި ވާނަމަ އަޢޫޛާއި އާޔަތް ގުޅުވައިގެން ނުވާނެއެވެ. އެފަދަ ޙާލަތުގައި އަޢޫޛު ކިޔަވަން ވާނީ ވަކިންނެވެ.

އަދި މިފަދަ ޙާލަތުގައި ގުޅުވަން ބޭނުންވެއްޖެ ނަމަ އަޢޫޛު އާއި އާޔަތާއި ދެމެދަށް ބިސްމި ގެނައުން ވާޖިބު ވާނެއެވެ.

ސަބަބަކީ އަޢޫޛު ކިޔަނީ ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ލިބިގަތުމަށް ކަމަށްވުމުން ފަށާ އާޔަތުގައި ﷲ އާއި ރަސޫލާގެ ނަންފުޅު އައުމުން ގުޅުވައި ކިޔެވުމަކީ ހުތުރުކަމަށް ވާތީއެވެ.

 

ކިޔެވުން މެދުކެނޑުމަށްފަހު އަޢޫޛު ކިޔުމުގެ ޙުކުމް.

ޤުރްޢާން ކިޔަވަމުން ދަނިކޮށް ކަމެއް ދިމާވެގެން ޤުރްއާން ކިޔެވުން މެދުކެނޑިއްޖެނަމަ އަޢޫޛު ކިޔުމުގައި ދެ ޙާލަތޔެއް ވެއެވެ. އެއީ..

  1. ކިޔެވުން މެދު ކެނޑުނީ ޟަރޫރީ ކަމަކަށްޓަކައިނަމަ އަލުން އަޢޫޛޫ ކިޔާކަށް ނުޖެހޭނެއެވެ. މިޘާލަކަށް ކިނބިއްސެއް އެޅުން ނުވަތަ ކެއްސާލަން ޖެހިގެން ކިޔެވުން މެދުކެނޑުން.
  2. ކިޔެވުން މެދު ކެނޑުނީ ކިޔެވުމާއި ނުގުޅޭ ކަމެއްކަމުގައި ވާނަމަ އަޢޫޛު ކިޔަން ޖެހޭނެއެވެ. މިޘާލަކަށް ސަލާމް ބަލައިގަތުން.