އަޞްލީ އަކުރުތައް:

އަޞްލީ އަކުރުތަކަކީ އަލިފްބާގައި ހިމެނޭ 29 އަކުރެވެ. އެއީ ا އިން ي އަށެވެ.

ފަރުޢީ އަކުރުތައް:

ފަރުޢީ އަކުރުތަކޭ ބުނެވެނީ އެއީ ދެ މަޚްރަޖެއްގެ ދެމެދުން ނުކުންނަ އަކުރުތަކާއި، ދެ އަކުރެއްގެ ދެމެދުން ނުވަތަ ދެ ޞިފައެއްގެ ދެމެދުން ނިކުންނައަކުރުތަކަށެވެ.

ފަރުޢީ އަކުރުތަކުގެ ޢަދަދު 08 ކެވެ. އެއީ

  1. ލުއިކުރެވޭ ހަމްޒާ / الهمزة المهملة
  2. އިމާލާ ކުރެވޭ އަލިފް / الألف الممالة
  3. ز ގެ އަޑު އަންނަ ގޮތަށް އިޝްމާމު ކުރެވޭ ص / الصاد المشممة صوت الزاي
  4. و ގެ އަޑު އަންނަ ގޮތަށް އިޝްމާމު ކުރެވޭ ي / الياء المشممة صوت واو
  5. ބަރުކުރެވޭ އަލިފު / الألف المفخمة
  6. ބަރުކުރެވޭ ލާމު / اللام المفخمة
  7. ވަންހަނާ ކުރެވޭ ނޫނު / النون المفخاه
  8. ވަންހަނާ ކުރެވޭ މީމު / الميم المفخاه

 

  1. ލުއިކުރެވޭ ހަމްޒާ / الهمزة المهملة

ހަމްޒާ ލުއިކޮށް ކިޔުމަކީ 2 އަކުރެއްގެ ދެމެދުން ހަމްޒާ ކިޔުމެވެ. ހަމްޒާ ލުއި ކުރެވޭ 3 ގޮތެއްވެއެވެ.

ހ. ހަމްޒާ އާއި އަލިފާ ދެމެދުން ހަމްޒާ ކިޔުން. މިޘާލު ( ފުއްޞިލަތު 44 ءَاعْجَمِيُّ )

ށ. ހަމްޒާ އާއި ޔާ އާއި ދެމެދުން ހަމްޒާ ކިޔުން. މިޘާލު ( ޔޫސުފް 90 أَءِنَّكَ )

ނ. ހަމްޒާ އާއި ވާ އާއި ދެމެދުން ކިޔުން. މިޘާލު ( ޞާދު 08 أَءُنزِلَ )

  1. އިމާލާ ކުރެވޭ އަލިފް / الألف الممالة

އަލިފް އިމާލާ ކުރުމަކީ ޔާގެ މަޚްރަޖަށް ވާ ގޮތަށް ލަނބާލާފައި އަލިފް އަދާ ކުރުމެވެ. އެއީ ދިވެހިން އޭބޭ ފިލި ކިޔާ ގޮތަށް އަލިފް އަދާ ކުރުމެވެ. މިގޮތަށް ޙަފްޞު ރިވާޔަތުގައި އިމާލާ ކުރަނީ ހޫދު 41  ( مَجَرَ ىها ) މި ކަލިމައެވެ.

 

  1. ز ގެ އަޑު އަންނަ ގޮތަށް އިޝްމާމު ކުރެވޭ ص / الصاد المشممة صوت الزاي

މިއީ ص ގެ އަޑު ز ގެ އަޑަށް ވާގޮތަށް ކިޔުމެވެ. ޤިރާއަތު ހަމްޒާގައި ( الصِّرَاطَ )  ގެ ص ކިޔާނީ ز އަށް އިޝްމާމު ކޮށްގެންނެވެ.

  1. و ގެ އަޑު އަންނަ ގޮތަށް އިޝްމާމު ކުރެވޭ ي / الياء المشممة صوت واو

މިއީ ޔާގެ އަޑު ވާވުގެ އަޑަށް ވާގޮތަށް ކިޔުމެވެ. ޤިރާއަތު އިބްނު ހިޝާމް އާއި ކިސާއީ ޤިރާއަތުގައި  ( قِيلَ ) ގެ ي ކިޔާނީ و އަށް އިޝްމާމު ކޮށްގެންނެވެ.

  1. ބަރުކުރެވޭ އަލިފު / الألف المفخمة

މިއީ ބަރު އަކުރެއްގެ ފަހަތަށް މައްދު އަލިފެއް އައުމުން އަލިފް މައްދު ކުރުމުގައި ބަރުކުރެވޭ ޙާލަތެވެ. އަލިފަކީ އަބަދުވެސް ކުރީ އަކުރަށް ތަބަޢަވާ އަކުރެކެވެ. ( الضَّآلّين )

  1. ބަރުކުރެވޭ ލާމު / اللام المفخمة

ލާމަކީ އޭގެ ޒާތުގައި ލުއި އަކުރެކެވެ. ނަމަވެސް ލަފްޡުލް ޖަލާލާގެ ލާމުގެ ކުރިއަށް އަބަފިލި ނުވަތަ އުބުފިލި އައިސްފައި ވާ ޙާލަތުގައި އެ ލާމު ބަރުވާނެއެވެ. ލަފްޡުލް ޖަލާލާ އަކީ ﷲ އެވެ.

  1. ވަންހަނާ ކުރެވޭ ނޫނު / النون المفخاه

އިޚްފާ ކުރެވޭ ނުވަތަ ވަންހަނާ ކުރެވޭ ނޫނުގެ ފަހަތައް އަންނަ އަކުރާއި ނޫނު މަސްހުނިވާނެއެވެ.

  1. ވަންހަނާ ކުރެވޭ މީމު / الميم المفخاه

އިޚްފާ ކުރެވޭ ނުވަތަ ވަންހަނާ ކުރެވޭ މީމު ވަންހަނާ ކުރާނަމަ އެމީމުގެ އަޞްލު ފާޅެއްނުވާނެއެވެ. ނުވަތަ މީމު ފުރިހަމައެއް ނުވާނެއެވެ.