ކީރިތި ޤުރްއާން ކިޔަވާއިރު މަޑުމައިތިރިކަމާއި ޚުޝޫއަތްތެރިކަމާއިއެކު އިނދެ ކިޔެވުން.

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

ކީރިތި ޤުރްއާން ކިޔަވާއިރު ޚުޝޫޢަތްތެރިވުމަކީ އެމީހެއްގެ ހިތާއި ސިކުނޑި އެހެނިހެން ވިސްނުންތަކާއި ފިކުރު ކުރުމުން ދުރުކޮށް ހަމައެކަނި ﷲ އަށް ޚާލިޞްކުރާ ޙާލު މަޑުމައިތިރިކަމާއިއެކު މާނައަށްވިސްނައިން ޤުރްއާން ކިޔެވުމެވެ.

ޢަރަބިބަސް ނޭނގޭ މީހާ ނުވަތަ ޤުރްއާނުގެ މާނަ ނޭނގޭ މީހާއަށް އޮތީ މިޤުރްއާނަކީ ﷲ ގެ މަތިވެރިވަންތަ ކަލާމްފުޅުތަކެއް ނުވަތަ ވަހީބަސްފުޅުތަކެއްކަން ހިތައް ގެނައުމާއި، އެކަލާނގެ ހައިބަވަންތަކަން ހިތަށްގެނެސް ބިރުވެތިވެ މަޑުމޮޅިކަމާއިއެކު، ކިޔެވުމެވެ. އެއްވެސް ޙާލެއްގައި ތިމާއަށް އެކިޔޭ ކަލިމަތަކުގެ މާނަނޭނގޭތީ އެޔަށްފަރުވާލެއް ބެހެއްޓުމެއް ނެތި ނުވަތަ ވިސްނުމެއް ފިކުރެއްނެތި ކިޔެވުމެއްނޫނެވެ.

ޤުރްއާން އުނގެނޭ ކުދިންނާއި އުނގަންނައިދޭ ޓީޗަރުން މިކަމަށް ޚާއްޞަ ސަމާލުކަމެއްދޭންޖެހެއެވެ. ސަބަބަކީ އުނގަންނައިދޭ ކުލާސްތަކުގައި ކުށްކިޔުމުން ހީނހެދުމާއި ދަރިވަރުންނަށް މުދައްރިސުން މަލާމާތުގެ ރާގަށް ބަސްބުނުންފަދަ ކަންކަން ފެނެއެވެ. އުންގަންނައިދިން ކަމުގައިވިޔަސް އަދި އުނގެނޭ ކުއްޖެއް ކަމުގައިވިޔަސް ކިޔަވަނީ ﷲގެ ކަލާމްފުޅެވެ. ﷲ ގެ ކަލާމްފުޅު ކިޔަވަމުން ދަނިކޮށް ކުށެއްކިޔިއްޖެ ނަމަ އަޅުގަނޑުމެންނަށް ޖޯކަކަށްވެ ހުނުމަކީ އެއީ ޤުރްއާނަށް އަދަބުވެރިވުންތޯއެވެ. އެއްވެސް ޙާލެއްގައި އެއީ ރަނގަޅުގޮތެއް ނޫނެވެ. އެފަދަ ޙާލަތުގައި އަވަހަށް ރަނގަޅުކޮށްދިނުމަކީ އެގޭމީހާ ކުރަން ޖެހޭކަމެކެވެ.  މިޘާލަކަށް އެ ކުށްކިޔުން އާޔަތުގައިވަނީ ﷲ ގެ ޢަޛާބުގެ ވާހަކަ ކަމުގައިވަނީ ނަމަވެސް އަޅުގަނޑުމެން ހަމަ ހޭންވީތޯއެވެ. މިއީ ޚުޝޫޢަތްތެރި ކަމާއި މުޅިން އިދިކޮޅު ކަންކަމެވެ. ވީމާ މާނަ ނޭނގުން ކަމުގައިވިޔަސް ﷲގެ ހައިބަވަންތަކަމާއި ކުޅަދުންވަންތަކަން ހިތައްގެނެސް އެކަލާންގެއަށް ބިރުވެތިވާ ޙާލު ޤުރްއާން ކިޔެވާށެވެ. އޭރުން އެފަދަ ކަންކަމުން ދުރުހެލިވެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا﴾ [سورة الإسراء ١٠٩]  މާނައީ: “އަދި އެއުރެން ރޮމުން މޫނުވަތަށް ސަޖިދައަށް ތިރިވެއެވެ. އަދި އެ ޤުރުއާން އެއުރެންނަށް މަޑުމޮޅިކަން އިތުރުކޮށްދެއެވެ.”

ހަމައެފަދައިން ޤުރްއާން ކިޔަވާން ވާނީ މަޑުމައިތިރިކަމާއިއެކުއެވެ. މަޑުމައިތިރި ވުމަކީ ތެޅިފޮޅި އަވަސް އަރުވާލައިންގެން ނުކިޔެވުމެވެ. ޤުރްއާން ކިޔަވާއިރު ކިޔަވަންވާނީ އަކުރުތައް ސާފުވާގޮތަށެވެ. އެނގިފައިވާ ތަޖުވީދުގެ ހަމަތަކުގެމަތީންނެވެ. މުސްކުޅިން ބުނާފަދައިން ކުރޮޅިގުނާ ގޮތަށްކަށް ނޫނެވެ. މާނައަކީ ކިޔާނުކިޔާ ނޭގޭހައި އަވަހަކަށް ނޫނެވެ. އެފަދައިން ކިޔަވާނަމަ އެއީ ޤުރްއާން ކިޔެވުމުގެ ޢަދަބާ ޚިލާފުކަމެކެވެ. އަދި ކިޔެވުމުގެ މަޤުޞަދާއިވެސް ފުށޫއަރާ ކަމެކެވެ.

ޤުރްއާން އުނގެނުމަށް ނުވަތަ ހިތުދަސްކުރުމަށްޓަކައި ވިޔަސް އަވަސްއަރުވާލައިން ކިޔެވުމަކީ އަދަބާއި ޚިލާފުކަމެކެވެ. ކީރީތި ޤުރްއާން އުނގެނުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަސައްކަތްޕުޅު އަވަސްކުރެއްވުމުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. ( لَا تُحَرِّك بِه لِسَانَكَ لِتَعْجَلَ به ) ޤިޔާމާ 16 މާނައަކީ “ އެޤުރްއާން ލިބިވަޑައިގަތުން އަވަސްކުރެއްވުމަށްޓަކައި ކަލޭގެފާނުގެ ދޫފުޅު، އެ ޤުރްއާނާއިގެން ޙަރަކާތްތެރި ނުކުރައްވާށެވެ.“

 

ކީރިތި ޤުރްއާން ކިޔަވާނަމަ ތަޖުވީދުގެ ޤަވައިދުތަކާއި އެއްގޮތަށް ކިޔެވުން.

ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކުގެމަތީން ކިޔެވުމަކީ ޢައިނިއްޔަ ފަރުޟެކެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނީ ތަޖުވީދުގެ ހަމަތަކުގެ މަތީންނެވެ. ﷲގެ ވަހީގެ މަލާއިކަތާ ޖިބްރީލް އަމީން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވައްސަލަމަށް ކީރިތި ޤުރްއާން ދަސްކޮށްދެއްވީ ތަޖުވީދުގެ ހަމަތަކުގެ މަތީންނެވެ. އަދި އެކަލޭގެފާނު ކިޔަވާވިދާޅުވީ ތަޖުވީދުގެ ހަމަތަކުގެ މަތީންނެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީންނަށް ޤުރްއާން އުނގަންނައިދެއްވީ ވެސް ތަޖުވީދުގެ ހަމަތަކުގެމަތީންނެވެ. ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވައިފައިވެއެވެ. ( وَرَتِّلِ القُرآنَ تَرتِيلا  ) މުއްޒައްމިލް 04 މާނައަކީ “ އަދި ލަސްލަހުން ކިޔަވައި ވިދާޅުވާށެވެ. “

ތަޖުވީދު ޢިލްމުވެރިން ދެކިލައްވައި ގޮތުގައި ތަރުތީލުކޮށް ކިޔެވުމަކީ ތަޖުވީދުގެ ހަމަތަކުގެމަތީން އަކުރުތަކުގެ މަޚްރަޖުން އެއަކުރުތަކުގެ އެންމެހައި ޙައްޤުތައް ނުގެއްލޭގޮތަށް ކިޔަވާ ކޮންމެ ކިޔެވުމެކެވެ. އެއީ އަވަސްކޮށް އަދި ލަސްކޮށް ކިޔެވިކަމުގައި ވިޔަސްމެއެވެ. ތަޖުވީދުގެ ހަމަތަކާއި ޤުރްއާނުގެ ކަލިމަތަކަށް ދޫފަރިތަމިންވަރަކުން، އެ ހަމަތަކުގެ މަތީން އެމީހަކަށް އަވަސްކޮށްކިޔެވިދާނެއެވެ.

ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރްއާން ކިޔެވުމަކީ ކީރިތި ޤުރްއާނަށް އަދަބުވެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަމެކެވެ. މިއީ މުސްލިމް ކޮންމެ ފިރިހެނަކާއި އަންހެނަކަށް ކުރުން ވާޖިބުވެގެންވާ ކަމެކެވެ. ވީމާ އަޅުގަނޑުމެން ޤުރްއާން ތަޖުވީދުގެ ހަމަތަކުގެމަތީން ކިޔަވަން އުނގެނުމަށް ލަދުގަނެ ފަސްޖެހިގެން ނުވާނެއެވެ. އަޅުގަނޑުމެން މުސްލިމުންނަށްވީތީ ކޮންމެހެން ކުރަން ޖެހޭކަމެއްގޮތުގައި ދެކިގެން އަދި ޤުރްއާނަށް އަދަބުވެރިވުމުގެގޮތުން ޤުރްއާން ތަޖުވީދުގެ ހަމަތަކުގެ މަތީން ކިޔަވަން ދަސްކުރެވެން އޮތް އެންމެހައި ގޮތްތައް ހޯދަންވާނެއެވެ. އަދި ތިމާއާއި ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވައި މީހުން ނުވަތަ ފަރާތްތަކަށްވެސް މިކަމަށް ބާރުއަޅާށެވެ.

ޒަމާނުންސުރެ ވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބޭފުޅުން ޤުރްއާން ތަޖުވީދަށް ކިޔަވަން ދަރިންނަށް ދަސްކޮށްދޭން މަސައްކަތް ކުރާކަމީ ވަރަށް އުފާކުރާކަމެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ކުޑައިރު އެފުރުޞަތު ނިލިބި ބޮޑުވެފައިތިބި ބޭފުޅުންވެސް  އެބަތިއްބެވެ. ބައެއް ބޭފުޅުން ޤުރްއާން ކިލާސްތަކަށްދާން ލަދުގަނެއެވެ. ނުވަތަ އުމުރުން ތަންކޮޅެއް ދުވަސް ވުމުން ކޮންމެހެން ކުރަން ޖެހޭކަމެއްގޮތައް ނުދެކެއެވެ. އަދި އަނެއްބައި ބޭފުޅުން ބަލައިން ކިޔަވާލަން އެނގުމުން ފުއްދާލާތަން އާދެއެވެ. ހަމަ އެފަދައިން ދަރިންނަށް ވެސް އެމަގު ދައްކާތަން އާދެއެވެ. ދަރިންނަށް ވެސް 1 ޚަތިމް ކުރެވުނީމަ މައިންބަފައިންގެ ވާޖިބު ކެނޑުނީކަމުގައި ދެކެއެވެ. ބަލައިން ކިޔަވަން އެނގުމުން ނުވަތަ 1 ޚަތިމް ކޮށްދެވުނީމާ ނިމުނީއެއް ނޫނެވެ. ޤުރްއާން ކިޔަވާން ޖެހޭނީ ބާވައިލެއްވުނުގޮތަށް ތަޖުވީދުގެ ހަމަތަކުގެމަތީންނެވެ. އަދި ދަރީންނަށް ތަޖުވީދުގެ ހަމަތަކުގެމަތީން ކިޔަވަން ދަސްކޮށްދޭން ވާނެއެވެ.

ޤުރްއާން ތަޖުވީދުމަގުން ކިޔަވަން ޖެހޭނީ ހަމައެކަނި މުދިމުންނާއި ، ޤުރްއާން ކިޔަވައިދޭ މުދައްރިސުންނެއް ނޫނެވެ. މިއީ ވަކި ދާއިރާއަކަށް ވާޖިބު ކަމެއްނޫނެވެ. މިކަންކަން ދަރިންނަށް ވެސް ބުނެދީ އެކުދިން ކޮންމެ ދާއިރާއަކުން ކިޔެވި ކަމުގައިވިޔަށް މިކަމަށް ފަރުވާކުޑަ ނުކުރުމަށް ދަރިންނަށް ނަޞޭހަތްތެރިވާން ވާނެއެވެ. އަދި އެކަމަށް މަގު ދައްކަންވާނެއެވެ.

އަޅުގަނޑުމެން ދިރިއުޅުގައި ބޭނުންވާ ކަންކަމަށް ވަގުތުހޯދުމާއި، އެކަންކަން ކުރެވޭނެގޮތަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ބައްޓަންކޮށް މަގުފަހިކުރާ ފަދައިން ޤުރްއާނަށް އަދަބުވެރިވުމުގެ ގޮތުން ޤުރްއާން ތަޖުވީދުގެ ހަމަތަކުގެމަތީން ކިޔަވަން ވެސް ވަގުތު ހޯދާ މަގުފަހިކުރާބަޔަކަށް އަޅުގަނޑުމެން ވަމާތޯއެވެ. ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީ ޤުރްއާން އުނގެނި ޤުރްއާނަށް ޢަމަލުކޮށް ޤުރްއާނަށް އަދަބުވެރިވާ ބަޔަކު ކަމުގައި ލެއްވުމެވެ.