الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

މުސްލިމް ކޮންމެ މަޔަކާއި ބަފަޔަކުވެސް ދަރިންގެ ހިތުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ބޭނުންވާނެއެވެ. އަދި އެދަރިންނަކީ ޤުރްއާން ރީތިކޮށް ކިޔަވާ ޤުރްއާނަށް ލޯބިކުރާ ބަޔަކުކަމުގައި ވުމަށް އެދޭނެއެވެ. ދަރިން ޤުރްއާނަށް ލޯބި ވުމަކީ ހަމައެކަނި އެދަރިން ޤުރްއާނުގައިވާ އާޔަތްތަށް ހިތުދަސްކުރުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ޤުރްއާނުގައި ވަނީ ކޮންއެއްޗެއްކަން އެކުދިންނަށް ކިޔަވަމުން ދާވަގުތު އެނގިގެން ކިޔެވުމާއި، އޭގެ ސަބަބުން ޤުރްއާން ކިޔެވުމަށް އެކުދިން ހިތްޖެހުމެވެ. އެގޮތުން މި ލިޔުމުގައި މި ފާހަގަކޮށްލަނީ ދަރިންގެ ހިތުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ކުރެވިދާނެ 5 ކަމެކެވެ.

  1. ޤުރްއާނުގައިވާ ރީތި އިބުރަތްތެރި ވާހަކަތައް ދަރިންނަށް ކިޔައިދިނުން.

ކުޑަ ކުދިންނަކީ ވާހަކައަޑުއަހާ ހިތްވާ ބައެކެވެ. ފްލޯކް ޚިޔާލީ ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި ޤުރްއާނުން ރީތި ޢިބްރަތްތެރި ވާހަތައް ކިޔައިދޭށެވެ. ޤުރްއާނުގައިވާ ކޮންމެ ވާހަކައަކީ އެއިން މުހިންމު ފިލާވަޅުތަކަކާއި ޢިބުރަތްތަކެއް ލިބޭ ވާހަކަތަކެކެވެ. ޤުރްއާނުގައިވާ ރީތިވާހަކަތަށް ހިމެނޭ ކުޑަކުދިންގެ ފޮތްތަށް ބޭނުން ކޮށްގެން ކުދިންނަށް އެވާހަކަތައް ކިޔައިދޭށެވެ. އަދި އެކުދިން ލައްވާ އެވާހަކަތައް ކިޔުއްވާށެވެ. އެވާހަކަތަކުން ލިބޭ ޢިބުރަތާއި ފިލާވަޅުތައް ބުނެދޭށެވެ.  އެއިރުން އިރާދަކުރެއްވިއްޔާ ޤުރްއާނަށް އެކުދިން ހިތުގައި އޮންނަ ލޯބިއިތުރުވާނެއެވެ.

 

  1. ދަރިންނަށްޓަކައި ދުޢާކުރުން.

ދުޢާއަކީ މުއުމިނާގެ ހަތިޔާރެވެ. މުސްލިމުން ކޮންމެ ކަމަކަށްވެސް އެދި ދަންނަވާ އަދި ވާތްގަށް އެދި ދަންނަވަންޖެހޭނީ ﷲ ގެ ޙަޟްރަތުގައެވެ. އެކަލާނގެ ތަޥްފީޤު ދެއްވައި މިންވަރުކުރެއްވި ކަމެއް ނޫނީ ކުރުމުގެ ކުޅަދާނަކަށް އަޅުގަނޑުމެން އެއްވެސް އިންސާނަކަށް ކުރުމަށް ކުޅަދާނަވެގެންނުވެއެވެ. ﷲ އީ އުނދަގޫކަންކަން ފަސޭހަކޮށްދެއްވާ އިލާހެވެ. އެކަލާނގެ ފަސޭހަކޮށްދެއްވި ކަމެއްމެނުވީ އަޅުގަނޑުމެންނަށް ފަސޭހަކޮށްދޭނެ އެހެން ފަރާތެއް ނުވެއެވެ. ވީމާ ދަރިންނަށްޓަކައި ކުރެވިދާނެ ރަނގަޅު ދުޢާތައް ހޯދާށެވެ. ދަރިންގެ ހިތްއަލިކޮށްދެއްވުމަށާއި، އެކުދިންގެ ދޫފަސޭހަކޮށްދެއްވުމަށާއި، އެކުދިންގެ ޢިލްމު އިތުރުކޮށްދެއްވުމަށާއި އަދި ޞާލިޙު ދަރިންކަމުގައި އެކުދިން ލެއްވުމާއި އެކުދިންނަށް ﷲގެ ރަޙްމަތް ލެއްވުމަށް އެދި ދުޢާކުރާށެވެ. އަދި މީނޫނަސް ދަރިންނަށް ކުރަން ރަނގަޅު އެހެން ދުޢާތައްވެސް ގިނަގިނައިން ކުރާށެވެ. ދަރިންނަށްޓަކައި ބައްޕަ ކުރާދުޢާ ކުރުމަކީ ވަރަށްމުހިންމު ކަމެކެވެ. އެހެނީ ޢިޖާބަ ކުރަނިވި 3 މީހެއްގެ ދުޢާގެ ވާހަކަ ބަޔާކުރެއްވާފައިވާ ޞައްޙަ ޙަދީޘެއްގައި ބައްޕަ ދަރިއަށް ކުރާ ދުޢާ ހިމެނެއެވެ.

  1. ގިނަގިނައިން ޤުރްއާން އަޑު އިއްވުން.

އެންމެ ތުއްތު އިރުންސުރެ ޤުރްއާން ދަރިންނަށް އަޑުއިއްވާށެވެ. ޤާރީއެއްގެ ކިޔެވުން އޯޑިއޯޖަހައިގެން ވިޔަސް ރަނގަޅުވާނެއެވެ. ނިދަންއޮންނަ ވަގުތުވެސް ޤުރްއާން އޯޑިއޯޖަހާފައި ބަހައްޓާށެވެ. ތުއްތު އިރުންސުރެ ޤުރްއާން އަޑުއިއްވާނަމަ އެކުދިން ނިދަން އޮންނަގަޑީގައި ޤުރްއާން އަޑުއެހުމަށް ލޯބިކުރަންފަށާނެއެވެ. އަދި ދަރިންނާއިއެކު ޤުރްއާން އަޑުއެހުމަށް ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް  ހޯދާށެވެ. އެކުދިންނާއިއެކު ޤުރްއާން އަޑު އަހަމުން އަޑުދަށުން ކިޔަވާށެވެ.

ޤުރްއާން އަޑު އެހުމަކީ ކުދިންގެ ކިޔެވުން ރީތިވާ ކަމެކެވެ. އަޑު މަޚްރަޖު ރީތިވެ ރާގު ދަސްވުމާއި ޤުރްއާނުން ތަކުރާރުކޮށް އިވޭ އާޔަތްތައް ހިތުދަސްވާނެއެވެ. އޭރުން އެކުދިންގެ ހިތުގައި ޤުރްއާނަށް އޮންނަ ލޯބި އިތުރުވާނެއެވެ.

  1. ބައެއް އާޔަތްތަކުގެ މާނަ ކިޔައިދިނުން.

ޤުރްއާނުގެ ބައެއް އާޔަތްތަކުގެ މާނަ ދަރިންނަށް ކިޔައިދޭށެވެ. ޚާއްޞަކޮށް ކުދިން ކިޔަވަމުންދާ ހިސާބުން ކަލިމަތަކާއި އާޔަތްތަކުގެ މާނަ ކިޔައިދޭށެވެ. އޭރުން އެކުދިން ކިޔަވަމުން ދާވަގުތު އެ އާޔަތްތަކުގެ މާނައަށް ވިސްނޭނެއެވެ.

  1. ނަމޫނާ ދެއްކުން.

އިންސާނުން ކަންތައްތައް ދަސްކުރަނީ އެހެން މީހުން ކަންކަން ކުރާގޮތްބަލައިންނެވެ. ނުވަތަ މާހައުލުން ފެންނަ ކަންތައްތަކަށް ބިނާކޮށެވެ. ވީމާ ތިބާ ޤުރްއާން ކިޔަވާ އަދި އަޑުއަހައި ދަރިންނަށް އެކަމުގައި ނަމޫނާދައްކާށެވެ. މައިންބަފައިން ޤުރްއާން ނުކިޔަވާ އަދި އަޑު ނާހާ ދަރިންގާތު ކިޔެވުމަށް ބުނާނަމަ އެ ކުދިން އެކަން ކުރުމަށްވުރެ ގާތީ އެކަން ނުކުރުމާއި ޤުރްއާނާއި ދުރުވުމެވެ. މައިންބަފައިން ޤުރްއާނަށް ލޯބިވާކަން ދަރިންނަށް ޢަމަލުން ދައްކާށެވެ. އޭރުން ދަރިންވެސް އިރާދަކުރެއްވިއްޔާ ޤުރްއާނަށް ލޯބިކުރާނެއެވެ.