ފަލަސްދީނުގައި ހުންނަ މުސްލިމުންގެ ފުރަތަމަ ގިބުލަ ކަމުގައިވާ މަސްޖިދުލް އަގްސާ އަށް ވަދެ އިޒްރޭލުގެ ޒަޔަނިސްޓު ފުލުހުން އަންނަނީ އެކިގޮތްގޮތުން އެތަނުގެ ހުރުމަތް ކަނޑާލަމުންނެވެ. މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު އެކަންތައް ކުށްވެރިކުރަމުން އަންނަ އިރު ބައެއް މުސްލިމް ގައުމުތަކުގެ ވެރިންގެ މެދުގައި އެމައްސަލައަށް ދޭ އަހަމިއްޔަތުކަން ވަނީ ދަށަށް ގޮޮސްފައެވެ. ނަަމަވެސް އެއީ ޔަހޫދީންގެ އަތްދަށަށް މުސްލިމުންނަށް ދޫކޮށްލެވޭ ވަރަށްވުރެ މާތް ބިމެކެވެ. މަސްޖިދުލް އަގްސާ މާތް ވެގެން ވަނީ މިހެންވެ އެވެ.
  1. އެތަނަކީ ބަރަކާތްތެރިވެގެންވާ ތަނެކެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. (سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ) [1] މާނައީ: ”އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ.“

 

  1. އެއީ ބިންމަތީގައި ބިނާކުރެވުނު 2 ވަނަ މިސްކިތެވެ.

އަބޫ ޛައްރު ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. قُلْتُ : يَا رَسُولَ اللهِ، أيُّ مَسْجِدٍ وُضِعَ فِي الْأَرْضِ أَوَّلَ؟ قَالَ : ”الْمَسْجِدُ الْحَرَامُ“. قَالَ : قُلْتُ : ثُمَّ أَيٌّ؟ قَالَ : ”الْمَسْجِدُ الْأَقْصَى“. قُلْتُ: كَمْ كَانَ بَيْنَهُمَا؟ قَالَ : ”أَرْبَعُونَ سَنَةً“. [2]  މާނައީ: ”ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ބިމުގައި އެންމެ ފުރަތަމަ ބިނާކުރެވުނީ ކޮން މިސްކިތެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އަލްމަސްޖިދުލް ޙަރާމެވެ.“ ތިމަން ކަލޭގެފާނު ދެންނެވީމެވެ. ދެން ކޮން މިސްކިތެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އަލްމަސްޖިދުލް އަޤްޞާއެވެ.“ ތިމަންކަލޭގެފާނު ދެންނެވީމެވެ. އެދެމެދުގައިވަނީ ކިތައް އަހަރު ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ސާޅީސް އަހަރެވެ.“

 

  1. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ.

ބަރާއު ބިން ޢާޒިބު ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. صَلَّيْنَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَحْوَ بَيْتِ الْمَقْدِسِ سِتَّةَ عَشَرَ، أَوْ سَبْعَةَ عَشَرَ شَهْرًا، ثُمَّ صَرَفَهُ نَحْوَ الْقِبْلَةِ. [3]  މާނައީ: ”ތިމަންބޭކަލުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، 16 ނުވަތަ 17 މަހު، ބައިތުލް މަޤްދިސްވީ ފަރާތަށް ކުރިމަތިލައްވާ ނަމާދުކުރެއްވީމެވެ. ދެން އެކަލޭގެފާނު ޤިބްލަވީ ފަރާތް ބަދަލުކުރެއްވިއެވެ.“

 

  1. އެއީ (ވަކި މިސްކިތެއްގައި އަޅުކަން ކުރުމުގެ ޤަޞްދުގައި) ދަތުރު ހަދައިގެން އެމިސްކިތްތަކަށް ދިއުން ހުއްދަ 3 މިސްކިތުގެ ތެރެއިން މިސްކިތެކެވެ.

އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ : الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمَسْجِدِ الْأَقْصَى“.  [4]  މާނައީ: ”(ވަކި މިސްކިތެއްގައި އަޅުކަން ކުރުމުގެ ޤަޞްދުގައި ތިން މިސްކިތަކަށް ފިޔަވާ ދަތުރުހަދައިގެން ދިޔުމެއް ނުވެއެވެ. އެއީ މަސްޖިދުލް ޙަރާމް އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތާއި މަސްޖިދުލް އަޤްޞާއެވެ.“

 

  1. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްރާކުރެއްވުނީ އެތަނަށެވެ. އަދި މިޢުރާޖުކުރެވުނީ އެތަނުންނެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. (سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ) [5] މާނައީ: ”އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ.“

  1. މަސްޖިދުލް އަޤްޞާގައި ކުރާ ނަމާދު (މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީ ފިޔަވައި) އެހެން މިސްކިތްތަކުގައި ކުރާ 250 ނަމާދާ އެއްވަރުވެގެންވެއެވެ.

އަބޫ ޛައްރު ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިމަންބޭކަލުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިބެގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތާއި ބައިތުލް މަޤްދިސްއާ (އެބަހީ: މަސްޖިދުލް އަޤްޞާ ހުރިބިމާ) ދެތަނުން ކުރެ އެންމެ މާތްވެގެންވަނީ ކޮން ތަނެއްކަމާ ބެހޭގޮތުން ވާހަކަދެއްކީމެވެ. ފަހެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  ”صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَرْبَعِ صَلَوَاتٍ فِيْهِ، وَلَنِعْمَ الْمُصَلَّى هُوَ،  وَلَيُوشِكَنَّ أَنْ يَكُونَ لِلرَّجُلِ مِثْلُ سِيَةِ فَرَسِهِ مِنَ الْأَرْضِ، حَيْثُ يَرَى مِنْهُ بَيْتَ الْمَقْدِسِ خَيْرٌ لَهُ مِنَ الدُّنْيَا جَمِيعًا“. [6]  މާނައީ: ”ތިމަންކަލޭގެފާނުގެ މިސްކިތުގައި (މަސްޖިދުއް ނަބަވީގައި) ކުރާ އެއް ނަމާދު އެތާނގައިކުރާ (މަސްޖިދުލް އަޤްޞާގައިކުރާ) 4 ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. އަދި ނަމާދުކުރާ ތަނެއްގެ ގޮތުގައި (ބައިތުލް މަޤްދިސްއަކީ) ކޮންފަދަ ހެޔޮތަނެއް ހެއްޔެވެ. މީހެއްގެ އަތުގައި އަހުގެ ވާފަށެއް ވަރުގެ ބިންކޮޅެއް އޮވެފައި އެބިންކޮޅުން ބައިތުލް މަޤްދިސް ފެންނަ ނަމަ މުޅި ދުނިޔެއަށްވުރެ އެކަން ހެޔޮކަމުގައި އޭނާދެކޭނެ ދުވަސް އައުން ގާތް ވެއްޖެއެވެ.“

މި ޙަދީޘްފުޅުން އެގިގެންދާ ގޮތުގައި މަސްޖިދުލް އަޤްޞާގައި ކުރާ 4 ނަމާދު ހެޔޮކަމުގެ ގޮތުން މަސްޖިދުއް ނަބަވީގައި ކުރާ 1 ނަމާދާ އެއްވަރުވެގެންވެއެވެ.

މަސްޖިދުއް ނަބަވީގައި ކުރާ ނަމާދު (މަސްޖިދުލް ޙަރާމް ފިޔަވައި) އެހެންތަންތާކުރާ 1000 ނަމާދާއި އެއްވަރުވެގެންވެއެވެ. އެހެންކަމުން މަސްޖިދުލް އަޤްޞާގައި ކުރާ އެއްނަމާދު (މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީ ފިޔަވައި) އެހެންތަންތާކުރާ 250 ނަމާދާ އެއްފަދައެވެ.

والله أعلم.

 

  1. ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި ބައިތުލް މަޤްދިސް ފަޠަހަވުން ހިމެނެއެވެ.

ޢައުފް ބިން މާލިކު ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”اعْدُدْ سِتًا بَيْنَ يَدَيِ السَّاعَةِ: مَوتِي، ثُمَّ فَتْحُ بَيْتُ الْمَقْدِسِ…..“  [7]  މާނައީ: ”ތިމަންކަލޭގެފާނާއި ޤިޔާމަތާދެމެދު 6 ކަމެއް ގުނާށެވެ. (އޭގެތެރޭގައި) ތިމަންކަލޭގެފާނު އަވަހާރަވެ ވަޑައިގަތުންވެއެވެ. ދެން ބައިތުލްމަޤްދިސް ފަޠަހަވުންވެއެވެ. ….“

 

މި އާރޓިކަލް ލިޔުމުގައި މައުލޫމާތު ހޯދާފައިވާ ބައެއް މަސްދަރުތައް:

  • ދިސަލަފިއްޔާ ޑޮޓް ނެޓް (ވެބްސައިޓް)
  • އައްދުރަރުއް ސަނިއްޔާ ޑޮޓް ނެޓް (ވެބްސައިޓް)
  • ދަލީލުލް ވާޢިޡި އިލާ އަދިއްލަތިލް މަވާޢިޡް (ފޮތް)

[1]  سورة الإسراء: 1

[2]  صحيح البخاري: ( 3366 )

[3]  صحيح البخاري: ( 4492 )

[4]  صحيح البخاري: ( 1189 )

[5]  سورة الإسراء: 1

[6]  رواه الحاكم : ( 4492 )  وصححه ووافق الذهبي، والألباني كما في صحيح الترغيب: ( 1179 )

[7]  صحيح البخاري: ( 3176 )

އެޑިޓަރ ނޯޓު: މި އާޓިކަލަކީ އިލްމް އެމްވީ ގައި ޝާއިއު ކޮށްފައިވާ އާޓިކަލެކެވެ.