- މަޢުޟޫޢުގެ ތަޢާރަފް
21 ވަނަ ޤަރުނާއި އަޅުގަނޑުމެން ކުރިމަތިލައިފައި ވާއިރު މުޖުތަމަޢަތަކާއި، އެ މުޖުތަމަޢު ތަކުގެ ފަރުދުންގެ އުޅުމާއި ގުޅުމާއި އަޚްލާޤާއި ސުލޫކުތަކާއި، ޘަޤާފަތައް ބަދަލުތައް އަންނަމުން ދެއެއެވެ. މި ބަދަލު ތަކާއިއެކު، ވިސްނުމާއި، ފިކުރާއި ، މުޢާމަލާތްތަކާއި އަދި އުނގެނުމާއި އުނގަންނައިދިނުމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުން ދެއެވެ. ޝައްކެއް ނެތް ގޮތުގައި ރަނގަޅު މުޖުތަމަޢެއް ބިނާ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ 2 ބަޔަކީ މައިން ބަފައިންނާއި، އުނގަންނައިދޭ މުދައްރިސުން ނުވަތަ އެދުރުންނެވެ. ރަނގަޅު ޖީލެއް ބިނާ ކުރުމަށް މި ދެބައިމީހުންނަކީ ހޭލުންތެރި އަދި ކަންކަމާއިމެދު އުފެއްދުންތެރި ވިސްނުން ގެންގުޅޭ ބަޔަކަށް ވާންޖެހެއެވެ. އަދި ޚާއްޞަގޮތެއްގައި ޒަމާނީ ވަޞީލަތްތަކާއި، ޢާލާތްތަކަށް މުދައްރިސުން އަހުލުވެރިވެ އުފެއްދުންތެރި ވިސްނުން ގެންގުޅޭ ހުނަރުވެރި ބަޔަކަށްވެ، ދުނިޔެއަށް ލޯ ހުޅުވެން ޖެހެއެވެ.
މުދައްރިސަކު ކުލާހަކަށް ވަދެ ކުރާ މަސައްކަތަކީ ދަރިވަރުންނަށް ހުނަރެއް ނުވަތަ މަޢުލޫމާތެއް ދަސްކޮށްދިނުމެވެ. ކުލާހެއްގައި ކިތަންމެ ގިނައިރު މުދައްރިސަކު ހޭދަކުރި ނަމަ ވެސް އޭނަގެ ފަރާތުން މިދެންނެވުނު 2 ކަމުން ކަމެއް ދަރިވަރުންނަށް ޙާޞިލް ނުވާނަމަ، އޭނާއަށް އުނގަންނައިދެވުނީ ކަމަށް ނުވާނެއެވެ. 21 ވަނަ ޤަރުނުގައި ޓީޗަރުންގެ ދައުރު ވަނީ ވަރަށްވެސް ބޮޑަށް ފުޅާވެފައެވެ. ދަރިވަރުންގެ އުފެއްދުންތެރި ވިސްނުން އިތުރުކުރުމަށް މުދައްރިސުންގެ ދައުރު ވަރަށް ބޮޑެވެ. އެހެނީ މުދައްރިސުންގެ އުފެއްދުން ތެރި ވިސްނުމުން އެކުދިންގެ ސިކުނޑިތަކަށް ޢިލްމުން ފުރާލަން ޖެހޭތީއެވެ.
- ބަދަލުވަމުން އަންނަ މުޖުތަމަޢެއްގައި ކިޔަވައިދިނުން.
ބަދަލުވަމުންދާ މުޖުތަމަޢެއްގައި އުންގަންނައިދިނުމުގައި ބޭނުން ކުރާ ގޮތްތަކާއި، ބޭނުން ހިފާ އާލަތްތަކާއި، ކިޔަވައިދޭ ވައްޓަފާޅިއަށް ބަދަލުތައް އަންނަމުން ދިއުމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެގޮތުން އުނގަންނައިދޭން ބޭނުން ކުރާ ގޮތަތްކަށްވެސް އަންނަނީ ތަފާތު ބަދަލުތައް އަންނަމުންނެވެ. އުނގަންނައިދިނުމަށް ބޭނުން ކުރެވޭ ގޮތްތަކުގެ އިތުރުން މުދައްރިސުނާއި ދަރިވަރުންގެ ރޯލު ވެސް މިވަނީ ބަދަލުވެފައެވެ.
އުނގަންނައިދޭން ބޭނުންކުރާ ގޮތްތަކަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ. ފޮތުގައި އޮންނަ ފިލާވަޅުތައް ހިތު ދަސްކުރުވާ އުސޫލެއް ގެންގުޅުނު ދުވަސްތަކެއް ވެސް ފާއިތުވެއްޖެއެވެ. އެގޮތުން ހިތުދަސް ކުރުން ( ރޯޓް ލާރނިންގ ) އެއީ ކުރީގައި ބޭނުން ކުރަމުން އައިގޮތެވެ. ހިތުދަސް ކުރާ އެއްޗެހިން ޓެސްޓްކުރުން އެއީ އޭރުގައި ބޭނުން ކުރަމުން ދިޔަ ގޮތެވެ. މީގެ 30 ނުވަތަ 40 އަހަރު ކުރިން ކުރާކަމަކީ ކިޔަވައިދޭ ތަކެތި ހިތުދަސްކޮށްދެނީއެވެ. އެއަށްފަހު އެތަކެތި ހިތުދަސްވިތޯ ބެލުމަށް ކިޔައިދޭންޖެހެއެވެ. ހިތުން ކިޔައި ދިނުމުން އެނިމުނީއެވެ (ޔޫސުފް, 2019). ހިތު ދަސްކުރުމަކީ ރަނގަޅު އަދި ބައެއް މައްދާތަކުގައި ކުރަން ޖެހޭވެސް ކަމެކެވެ. އެހެން ނަމަވެސް ކޮންމެ މާއްދާއަކަށް އެ އުސޫލު ގުޅުވުން އެންމެ އެކަށޭނެއެއް ނުވާނެއެވެ.
މިހާރު މިވަނީ ކިޔަވައިދޭން ބޭނުން ކުރާގޮތްތަކަށް ބަދަލުތަކެއް އައިސްފައެވެ. މިހާރު ބާރުއަޅަނީ ގިނަ މާއްދާތަކުގައި ދަރިވަރުންނަށް އެކުދިން ކިޔެވުމުގެތެރެއިން ކުރާ ޢަމަލީ މަސައްކަތްތަކުން އުނގެނުމަށެވެ. އެގޮތުން ދަރިވަރުންނާއި މުދައްރިސުން ގުޅިގެން ކިޔެވުމުގެ ތެރެއިން މަސައްކަތް ކުރުމާއި ކަންކަމާއި މަޝްވަރާ ކުރުންފަދަ ކަންކަމުން ދަރިވަރުނަށް އުނގަންނައިދެވެއެވެ. ދަރިވަރުން މިގޮތައް ކުރާމަސައްކަތްތައް މުދައްރިސުން މޮނިޓަރކޮށް އެކުދިންނަށް އިތުރަށް ދެންބޭނުންވާ އެހީތަކާއި ކުރިއަށްދާންވި މަގު ބުނެދޭން ފަސޭހަވެއެވެ. އެހެން ކަމުން މިހާރު މިވަނީ ދަރިވަރުން އިމްތިޙާނުކުރާގޮތަށްވެސް ބަދަލުއައިސްފައެވެ. އެއީ މުދައްރިސުންގެ ދައުރު ފުޅާކުރުމުގެ ގޮތުންނެވެ. ކިޔަވައި ދިނުމުގައި މިހާރު ބޭނުން ކުރާ މެތަޑް ތަކުގެ ތެރޭގައި ޓީޗަރ ސެންޓަރޑް އެޕްރޯޗް ޓު ލާރނިންގ ( Teacher-Centered Aproach to learning ) އަދި ސްޓުޑެންޓް ސެންޓަރޑް އެޕްރޯޗް ޓު ލާރނިންގ ( Student-Centered Aproach to learning ) އަދި ހައި ޓެކް އެޕްރޯޗް ޓު ލަރނިންގ ( High Tech Aproach to learning ) ހިމެނެއެވެ. (ޓީޗިންގ މެތަޑްސް, 2020)
ޒަމާނީ ޓެކްނޮލޮޖީ މިއޮތީ އަޅުގަނޑުމެން 21 ޤަރުނާއި ކުރިމަތި ލީއިރު އައިސް ވަށާލާފައެވެ. ޒަމާނީ ވަޞީލަތްތައް ބޭނުން ކޮށްގެން މިހާރު ދުރާއި ގާތުގައި ތިބެގެން ވެސް ކިޔަވައިދިނުމަށް މިވަނީ މަގު ފަހިވެފައެވެ. ދަރިވަރުންނަށް ފިލާވަޅުތައް ދިނުމާއި ގޭގައި ކުރާނެ މަސައްކަތްތަށް އެކުދިން ޝައުޤުވެރިވާނެ އެކިގޮތްގޮތައް ތައްޔާރުކޮށް ހަވާލުކުރެވެން އެބަހުއްޓެވެ. އެކުދިންގެ ގޭގައިކުރާ މަސައްކަތްތަކަށް މުދައްރިސުންނަށް ފީޑްބެކް ދެވެންއެބަހުއްޓެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް މުދައްރިސުންނާއި ދަރިވަރުނާއި މުޢާމަލާތުކޮށް ވާހަކަދެއްކެން އެބަހުޓެވެ. މިއީ ކިޔަވައިދިނުމަށް ފަސޭހަވެ އާ ހަރުފަތަކަށް ގެންގޮސްދިން ކަމެކެވެ. ބަދަލުވަމުންދާ މުޖުތަމައެއްގައި މިފަދަ ކަންކަމަށް އުނގަންނައިދޭ އެދުރުން ފަރިތަވާންޖެހެއެވެ.
މުދައްރިސުންނަކީ ދަރިވަރުންގެ 2 ވަނަ މައިންބަފައިންނެވެ. އެކުދިންނަށް އެންމެ ރައްކާތެރިކަން ދީ އަދި އެކުދިންނަށް ދިމާވާ ދަތި އުނދަގޫތަކުން ދުރުކޮށްދޭ ބަޔަކަށް މުދައްރިސުން ވާންޖެހެއެވެ. ދަރިވަރުންނަށް ރަނގަޅު މަގުދައްކައިދީ ކުށުގެ ވެހިން ދުރުކޮށްދޭ ބަޔަކަށް މުދައްރިސުން ވާންޖެހެއެވެ. އަދި ދަރިވަރުންނަށް ނަމޫނާ ދައްކަން ތިބި ބަޔަކަށްވެސް މުދައްރިސުން ވާޖެހެއެވެ. އަދި ކަންކަންކުރާނެ ގޮތް ޢަމަލީ ގޮތުން ދައްކައިދި ނުވަތަ ހުނަރުތައް ދަސްކޮށްދީ މުޖުތަމަޢަށް ފައިދާކުރާ ފަދަ ބަޔަކަށް އެކުދިން ހެދުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާނީ މުދައްރިސުންނެވެ. ސައިކޮލޮޖިސްޓް އަލްބާރޓް ބަންދޫރާގެ ސޯޝިއަލް ލާރނިންގ ތިއަރީގައި ބުނާގޮތުން އިންސާނުން ކަންކަން ދަސްކުރުމަށް ބޭނުންކުރާ ވަޞީލަތަކީ އެހެންމީހުން ކުރާކަންކަން ބަލައި ނުވަތަ އެހެންމީހުން ކުރާކަންކަން ނަކަލުކޮށްގެން އެގޮތަށް އެކަންކުރެވޭތޯބަލާ މީހުން ނުހަނު ގިނައެވެ (ޓެޑަޔޮން, 2012). މުދައްރިސުންނަކީ ހުރިހާގޮތަކުންވެސް ދަރިވަރުންނަށް ނަމޫނާއަކަށް ވެވޭފަދަ ސިފަތަކަކާއި ޤަބޫލުކުރާ އަގުތަކެއްގެ ވެރިބަޔަކަށްވުން ކޮންމެހެންވެސް މުހިއްމެވެ. ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް އުނގަންނައިދިނުމުގެ ގޮތްތަކަށް ބަދަލު ގެންނަން ޖެހެއެވެ. (ޔޫސުފް, 2019)
- އިޖުތިމާޢީ އަދި ޘަޤާފީ ކަންކަމަށްބަލައިން ކިޔަވައިދިނުން.
މުދައްރިސުން ދަރިވަރުންނަށް ނަމޫނާއަށް ވުން އިންތިހާއަށް މުހިންމު ވެފައިވާ ޒަމާނެއްގައި ހިތާމައަކީ މަދުން ނަމަވެސް މުޖުތަމަޢުތަކުން މުދައްރިސުން ބައެއް ފަހަރު ދަރިވަރުންގެ މުޅި މުސްތަޤުބަލު ބަނަކޮށްލާ ބަޔަކަށް ވާތަން ފެނުމެވެ. މުދައްރިސުން ދަރިވަރުންނަށް ޖިންސީ ގޯނާކުރުމާއި، ނަފްސާނީ ގޮތުން ބިރުދެއްކުމާއި، ޢާއިލީ ނުވަތަ ކޮންމެވެސް ހަސަދަވެރިކަމެއްގެ ސަބަބުން ސިޙްރު ހެދުންފަދަ ކަންކަން ވެސް މުޖުތަމަޢުގައި ހިނގައެވެ. މި ފަދަ މައްސަލަތަކާއި ގުޅިގެން މުދައްރިސުންނާއި ބެލެނިވެރިންނާއި، ދެމެދު އޮންނަ އިތުބާރު ކުޑަވެ ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އައސްފައިވާކަން މިހާރުގެ މުޖުތަމަޢުން ފާހަގަކުރެވެއެވެ. ހަމަ އެހެންމެ މިހާރު ކުރިޔާ އަޅާ ބަލާއިރު މި ފަދަ އިޖުތިމާޢީ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ..
މުދައްރިސުންގެ ތެރެއިން މަދު ބައެއްގެ ސަބަބުނު މިހާރު މިވަނީ އަޚްލާޤު ރަނގަޅު މުދައްރިސުންނަށް ވެސް ކިޔަވައިދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. މުދައްރިސުންނާއި، ދަރިވަރުން އަދި މުދައްރިސުންނާއި، ބެލެނިވެރިންގެ މެދުގައި އޮންނަ އިތުބާރު މިވަނީ ވަރަށްބޮޑަށް ގެއްލިގެން ގޮސްފައެއްވެ. އެކަމުގެ ސަބަބުން މުދައްރިސުންނާއި ދޭތެރެ ބައެއް ބެލެނިވެރިންނަށް އަދި ދަރިވަރުންނަށް ވިސްނެނީ ވެސް ނެގެޓިވް ވިސްނުމަކުންނެވެ. މިހެން ވިސްނުމުގެ ސަބަބުން ކުދި ކުދި ކަންކަން ވެސް އޮންނަނީ ބޮޑުވެފައެވެ.
ހަމަ އެފަދައިން ދަރިވަރުންގެ އަޚްލާޤާއި އުޅުމަށްވެސް ތަފާތު ބަދަލުތައް އަންނަމުންދެއެވެ. ޒަމާނީ ވަޞީލަތްތަކުން ފެންނަމުންދާ ފިލްމުތަކާއި ސީރީޒްތަކާއި، ކާރޓޫންތަކާއި ، އެހެނިހެން މަންޒަރުތަކާއި، އިވޭ އަޑުތަކާއި ގުޅިގެން އެކުދިންގެ އުޅުމާއި ގުޅުން ބައްޓަންވެފަ ހުންނަނީ އެފަދަ މަންޒަރުތަކުން ފެންނަ ކޮންމެވެސް ކަރެކްޓަރ އެއްގެ އުޅުމާއި އެއްގޮތަށެވެ. ކުލާހުގައި މުދައްރިސުންނަށް ޖެއްސުން ކުރުމާއި، އެހެންކުދިންނަށް އުނދަގޫކުރުމާއި، ހަޑި ހުތުރުބަސްތައް ބޭނުން ކުރުންހިމެނެއެވެ. އަދި މަސްތުވާތަކެއްޗާ ވައްކަމާއި، މާރާމާރީ ފަދަ ޖަރީމާތަކަށް އަރައިގަންނަ ކުދިންކަން ވެސް ގިނަކަން ފާހަގަކުރެވެއެވެ. އެފަދަ އެތައްކަމަކަށް ހުށަހެޅިފައިވާ ކުދިން މިހާރު މުޖުތަމަޢުގައި ގިނަވަމުން އަންނަކަމީ ހިތާމަ ހުރި ކަންކަމެވެ. މިފަދަ ކަންކަމަކީ ބެލެނިވެރިންނާއި މުދައްރިސުންގެ ވެސް އިހުމާލުން ދިމާވާ އިޖުތިމާޢީ ކަންކަމެވެ. ދަރިވަރުންނަށް ރަނގަޅު ނަމޫނާ ބަޔަކަށް މުދައްރިސުންނާއި ބެލެނިވެރިން ނުވުމުގެ ނަތީޖާއެވެ. ބެލެނިވެރިން އަދި މުދައްރިސުން ފެއިލްވަމުން ދާ މަންޒަރަކީ އެއްވެސް ފަރުދަކު ދެކެން ބޭނުން ވާނެ މަންޒަރެއް ނޫނެވެ. މުދައްރިސުންނާ ބެލެނިވެރިން ނަމޫނާ ދެއްކުމުގައި ފެއިލްވާން ފެށުމުގެ ސަބަބުން ޓީޗަރުންނަށް ވެސް އަދި ދަރިވަރުންނަށް ވެސް ރައްކާތެރިކަމެއް ނެތެވެ.
އިސްވެރިންނާއި ހިސާބުން ފެށިގެން ބެލެނިވެރިނާއި، ޓިޗަރުން އަދި ދަރިވަރުން މިހެން ގޮސް ވަކިވަކި ފަރުދުންނާއި ހަމައަށް ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދީފައިވަނީ އަޅުގަނޑުމެން ޤަބޫލުކޮށްގެން މިތިބި މާތްވެގެންވާ އިސްލާމްދީނުގައެވެ. އަދި އެންމެހައި މީސްތަކުންނަށް އެންމެ ހެޔޮ ރަނގަޅުގޮތް ބަޔާންކޮށްދީފައިވަނީ އިސްލާމީ ޝަރީޢާއާއި ޘަޤާފަތުގެ ތެރެއިންނެވެ. މި ކަންކަމަކީ ޣައިރު މުސްލިމުންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. އެހެން ކަމުން އިސްލާމީ މުޖުތަމަޢަތަކުގެ އިޖުތިމާއީ ފޭރާން ވީދަލައި މުސްލިމުންނަށް ޣައިރު މުސްލިމުންގެ އާދަތައް ރީތިގޮތްތައްކަމަށް ދައްކަން އެބައިމީހުން މަސައްކަތް ކުރަމުންދެއެވެ. އެންނަމަވެސް އިސްލާމީ މުޖުތަމަޢެއްގައި ކިޔަވައިދިނުން ބައްޓަން ކުރެވިފައި ވާންވާނީވެސް އިސްލާމީ އުޞޫލުތަކާއި ފުށުނާރާގޮތަށެވެ. އަދި އެ މުޖުތަމަޢެއްގެ ޘަޤާފަތާއި އާދަކާދަތައް ހުންނަންވާނީ ވެސް އިސްލާމީ ގިއުގަނޑުގެ ތެރޭގައި އިސްލާމް ދީނާއި ފުށު ނާރާ ގޮތަށެވެ. އިސްލާމީ ރިވެތި އަޚްލާޤާއި ސުލޫކުން ބޭރުވެ، ގޯސް ކަންކަމަށް މަގުފަހިވާ ކަންކަމަކީ އަޅުގަނޑުމެން ޤައުމީ ޘަޤާފަތާއި އާދަކާދައިގެ ގޮތުގައި ޤަބޫލުކޮށްގެން ވާނެ ކަންކަމެއް ނޫނެވެ. ދި އިސްލާމް ވެބްސައިޓްގައި (މިދުޙަތު 2021) ހާމަކުރައްވާފައިވާ ގޮތުގައި ”އަޅުގަނޑުމެންނީ މުސްލިމުންނަށް ވީ ހިނދު، އަޅުގަނޑުމެންނަށް ޘަޤާފަތްތަކުގެ ގޮތުގައި ނުވަތަ ޙަޟާރީ ކުރިއެރުންތަކުގެ ގޮތުގައި ކޮންމެ ކަމެއް ބަލައެއް ނުގަނެވޭނެއެވެ. މިފަދަ ކަންތައްތައް އިސްލާމީ عقيدة އާ ފުށޫ އަރައިގެން ނުވާނެއެވެ.“ ވީމާ މުދައްރިސުން ދަރިވަރުންނަށް އުނގަންނައި ދިނުމުގައި ޘަޤާފަތާއި ގުޅުވައިން ފިލާވަޅުތައް ރޭވުމުގައި މިފަދަ ކަންކަމަށް ވިސްނުން މުހިންމެވެ. މިއީ ވެސް މިފަދަ ދުވަސްވަރެއްގައި ދަރިން ހެޔޮމަގަށް އެޅުވުމަށް މުދައްރިސުންގެ ވަރަށްވެސް މުހިންމު ރޯލެއް އޮތް ކަމެކެވެ.
“ މުދައްރިސުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންނާއި، އޮންނަ ގުޅުންތަކުން ކުދިންގެ ކިބައިގައި ވަކި ކަމެއް ހަރުލެއްވުމުގައި އަދި އެކަމެއް ކުރުވާ ގޮތް ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ. ކުއްޖާއާމެދު އެކަމެއް ކުރުވުމުގައި ކަންކުރެވޭ ގޮތް ނުވަތަ މުޢާމަލާތު ކުރުމުގައި ގެންގުޅެވޭ އުޞޫލުތައް ވެސް މިކަމަށް ނުހަނު ބޮޑަށް އަސަރުކުރެއެވެ. މީގެ މާނައަކީ ދަރިވަރުން ގާތުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމު ކުރަން ބާރު އަޅާއިރު މުދައްރިސު އަދި ބެލެނިވެރިޔާ ވެސް ވާންޖެހޭނީ ސީދާ އެކުދިންގެ ކަންކަމަށް އިހުތިރާމު ކުރާ، އެބުނާ ޢަމަލު އެމީހުންގެ ސުލޫކުން ވެސް ނަމޫނާ ދެއްކޭ ބަޔަކަށެވެ. މިދެންނެވި ދެކަމަކީ ވެސް އަޚުލާޤިއްޔާތު އަށަގެންނެވުމުގައި އުނގަންނައިދިނުން ރޭވޭ ގޮތުގެ ތެރެއިން މުދައްރިސުންނާއި އަދި ބެލެނިވެރިންނަށް ވެސް ސަމާލުވެވިދާނެ ކަންކަމެވެ“(ޝާފިޔާ, 2020). ވީމާ 21 ވަނަ ޤަރުނުގައި މުދައްރިސްންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލައި ދަރިވަރުންނާއި މުޖުތަމަޢު އިޞްލާހް ކުރުމަށް، ޙިކުމަތްތެރި ކަމާއިއެކު މަސައްކަތްކުރުމަކީ ވެސް މުދައްރިސުންގެ ވަރަށް މުހިންމު ރޯލެކެވެ.
- އަވަސް އަވަހަށް ބަދަލުވަމުން އަންނަ ޓެކްނޮލޮޖީ
ޓެކްނޮލޮޖީއަކީ މިހާރު ދުނިޔޭގައި ވަރަށް ހަލުވުކަމާއިއެކު ކުރިއަރަމުން އަންނަ އެއް ވަޞީލަތެވެ. އަހަރުން އަހަރަށް ދަނީ އާ އީޖާދު ތަކާއި، އާ ވައްތަރުތަކުގެ ޓެކްނޮލޮޖީ ތަޢާރަފް ކުރަމުންނެވެ. އެގޮތުން ޓެކްނޮލޮޖީ އަކީ މިހާރު ތައުލީމީ ދާއިރާގައި ވެސް ވަރަށް ބޮޑަށް ބޭނުން ކުރެވެމުން އަންނަ އެއްޗެކެވެ. އަދި އެފަދައިން އެޔާއި ނުލައި މިހާރު ކިޔަވައި ނުދެވޭ ހައިވެސް މުހިންމު އެއްޗަކަށް މިވަނީ ޓެކްނޮލޮޖީ ވެފައެވެ. ދާދިފަހުން މި ވަނީ އަޅުގަނޑުމެންނަށް ޓެކްނޮލޮޖީގެ މުހިންމުކަން ތަޖުރިބާ ކުރަންޖެހިފައެވެ.
2019 ވަނަ އަހަރު ފަހުކޮޅު ކުރިމަތިވި ކޮވިޑް 19ގެ ބަލިމަޑު ކަމަކީ މުޅި ދުނިޔެއަށް އޭގެ ރާޅު ބިންދާލި ބޮޑުވެގެން ވާ ވަބާއެކެވެ. އެ ވަބާގެ އަޘަރު އަޅުގަނޑުމެންގެ މި ދިވެހި ރާއްޖެއަށް ވެސް ކުރިމަތިވިއެވެ. އޭގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެގެން ދިޔައެވެ. ރަށްރަށަށް އަރާ ފޭބުން މަނާވެ، ޢާންމުން ބޭރަށް ނިކުމެ އުޅުން މަނާކުރިއެވެ. ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލުތައް ބަންދުވިއެވެ. އެހެންކަމުން ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރި އުޅުމާއި، އުޅުމާއި ގުޅުމާއި ތަޢުލީމީ ދާއިރާއަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްގެން ދިޔައެވެ. ޝައްކެއް ނެތްގޮތުގައި އެންމެ ބޮޑު ދަތިތަކާއި ކުރިމަތިވި 1 ދާއިރާއަކަށް ތަޢުލީމީ ދާއިރާ ވެގެން ދިޔައެވެ.
ޒަމާނީ ހޯދުންތަކާއި އިޖުތިމާޢީ ވެހީންގެ ތަފާތު މަސައްކަތުން ދައްކާ ގޮތުގައި، އިންސާނުން ބެހެނީ 2 ބަޔަކަށެވެ. ފުރަތަމަ ބަޔަކީ މުޞީބާތުގެ ތެރެއިން ދަރުސް ލިބި ތަރުބިއްޔަތު ހޯދާ މީހުންނެވެ. އިބްރާހީމް ޝާކިރު (2014). ވީމާ ކޮވިޑް 19 ގެ މުޞީބާތުން އަޅުގަނޑުމެން ވެސް ދަރުސް ލިބިގަންނަން ޖެހެއެވެ. އަޅުގަނޑުމެން ވިސްނަން ޖެހިއްޖެއެވެ. ކޮވިޑް 19 ގައި ގޭ ބަންދުވެ، ތަޢުލީމީ ދާއިރާ ހުއްޓުމަކަށް އައިސް ދަރީންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހި ރާއްޖެއަކީ ވެސް އިންޓަނެޓާއި މިޒަމާނުގެ ޓެކްނޮލޮޖީއާއި ޒަމާނީ އާލާތްތައް ބޭނުންކުރަމުން ފައްކާ ވަމުން އަންނަ ޤައުމެކެވެ. އެގޮތުން ސުކޫލު ދަރިވަރުންގެ ފޮތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރުމާއި، ކުދިންނަށް ޓެބްލެޓް ދިނުން ފަދަ ކަންކަން ސަރުކާރުން ދަނީ ކުރަމުންނެވެ. ޔުނިވާރސިޓީތަކާއި، ސްކޫލުތަކާއި، ކޮލެޖްތަކާއި، އަދި ޓިއުޝަން ދޭ ކުލާސްތަކުގައި ވެސް ސްމާރޓް ޑިވައިސް އަދި އެހެނިހެން ޒަމާނީ އާލާތްތައް ވަނީ ބޭނުން ކުރަން ފަށާފައެވެ.
ސްމާރޓް ހުރިހައި އެއްޗެއް ގެންގުޅުނު ނަމަވެސް ބޭނުން ކުރަން ތިބި މުދައްރިސުން ސްމާރޓް ނުވާނަމަ ސްމާރޓް ޑިވައިސްތަކުން އަދި ކިއެއްތަ ސްމާރޓް ކިތަންމެ އާލާތެއް ގެންގުޅުނަސް މަންފާއެއް ނުކުރާނެތެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެއްވަރަކަށް ވެސް ހޭލުންތެރި މީހުން ނެތްވާހަކައެއް ނޫނެވެ. ހޭލުންތެރި މީހުން އަދި ޒަމާނީ ޢާލާތް ބޭނުން ކުރަން ދަންނަ މީހުން ފުދޭވަރަކަށް މި މުޖުތަމަޢުގައި ވެސް އެބަ ތިއްބެވެ. ހަމަ އޭގެ އިދި ކޮޅު ވެސް ފެންނަން ފުދޭވަރަކަށް އެބަ އޮތެވެ.
ކޮވިޑްގެ ސަބަބުން މުޅި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެގެން ދިޔަ އިރު ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ޒަމާނީ ވަޞީލަތްތައް ބޭނުން ކޮށްގެން ކަންކަން ރާވާ އިންތިޒާމްކުރިއެވެ. އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގެ މުދައްރިސުންނާއި މުޖުތަމަޢު އޮތީ އޮންލައިން ޕްލެޓް ފޯމްތަކަށާއި އަދި ސްމާޓް ޑިވައިސްތަކަށް އެދެވޭވަރަށް ހޭލުންތެރި ވެފައޭ ނުދެންނެވޭނެއެވެ. ފުދޭ ވަރަކަށް ގިނަ ޓީޗަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުން ވެގެން ދިޔައީ އުނދަގޫ ކަމަކަށެވެ. އަދި ކިޔަވައިދޭން ބޭނުން ކުރާނީ ކޮން ޓޫލްއެއްތޯ ވެސް ދެނެގަންނަށް ދަތިވިއެވެ. ވައިބަރ ބޭނުން ކޮށްގެން ވެސް ބައެއް ކުލާސްތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން އަޙްމަދިއްޔާ ސްކޫލުގެ ވެބްސައިޓުގައި އަޙްމަދު އަރީފް ލިޔުއްވާފައިވެއެވެ. “ ސްކޫލްތައް ބަންދުކުރަން މިނިސްޓްރީއިން ނިންމިއިރު އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ސްކޫލް އޮތީ އެއްވެސް ވަރަކަށް ތައްޔާރުވެފައެއް ނޫނެވެ. އެހެންކަމުން ގޫގުލް ކުލާސްރޫމާއި، ގޫގުލް މީޓްސް މެދުވެރިކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް އަޙްމަދިއްޔާއަށް ޖެހުނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާށެވެ.“ (ޢަރީފް, 2020) . މި ދަތި ތަކަކީ ހަމަ އެކަނި އަޙްމަދިއްޔާ ސްކޫލުން ތަޖުރިބާ ކުރި ކަމެއްނޫނެވެ. މިއީ ހަމަ ވަރަށް ގިނަ ސްކޫލުތަކުން ތަޖުރިބާކުރި ކަންކަމެވެ. މިކަމުގެ ސަބަބުން އޮންލައިންކޮށް ކިޔަވައިދިނުމަށް ގޮންޖެހުން ތަކެއް ކުރިމަތިވެ ލަސްތަކެއްވެގެން ދިޔައެވެ. އެހެންކަމުން ފުރަތަމަ ޖެހުނީ ސްކޫލުތަކުން އޮންލައިން ޕްލެޓްފޯމްތަކަށާއި، ސްމާރޓް ޑިވައިސް ތަކަށް ޓީޗަރުން އަހުލުވެރި ކުރުވާށެވެ. ޓީޗަރުން އަހުލުވެރި ވުމަކުން އަދި ނުފުދެއެވެ. ބެލެނިވެރިންވެސް އެ ކަމަށް އަހުލުވެރި ކުރުވަން ޖެހެއެވެ. އާދަމް ނަޞީރު އިބްރާހީމް ވިދާޅުވާ ގޮތުގައި “ ވިސްނަން ޖެހެއެވެ. ކަމެއް ކުރުމަށްޓަކައި ކަމެއްގެ އެކޮޅުމިކޮޅަށް ދުރާލައި ވިސްނިގެން ނޫނީ ކަމެއް ކާމިޔާބު ނުކުރެވޭނެތީއެވެ. އަދި ދެމެގެއްޓެނިވި ގޮތަކަށް ކަމެއް ކުރިޔަށް ގެންދެވޭނީ ކަންހިނގާމަގު ވިސްނައިގެން ކަމަށް ވާތީއާއި ކަމެއް ނިމުމުން އެކަންވީ ގޮތާއިމެދު، ފިކުރުކޮށް އެކަމެއް އިޞްލާޙްކޮށްގެން ނޫނީ އެކަމެއް އިތުރަށް ފުރިހަމަ ނުކުރެވޭނެތީއެވެ.“ (ނަޞީރު, 2012)
- ޓެކްނޮލޮޖީ ބަދަލުވަމުން އައުން
ކިޔަވައިދިނުމުގައި އެކި ޒަމާންތަކުގައި އެކި ކަހަލަ ޢާލަތްތައް ތަޢާރަފުކުރަމުން އީޖާދުކުރަމުން އައިސް މިހާރު މިވަނީ ޓެކްނޮލިޖީގެ ސަބަބުން ވަރަށް ވެސް ފަސޭހަވެފައެވެ. އަދިވެސް ކަންކަން ފަސޭހަވާނެ އިތުރު ގޮތްތައްދަނީ ހޯދަމުންނެވެ. ބެންޖާމީން ހެރޯލްޑް ( 2016) ހާމަކުރައްވާ ގޮތުގައި ރިސާޗްތަކުން ދައްކަނީ އާޓެކްނޮލޮޖީތައް ތަޢާރަފު ވަމުން ބަދަލުވަމުން ދާވަރަށް ގިނަ ޓީޗަރުންނަށް އެ ޓެކްނޮލޮޖީ އަށް ބަދަލުވާން ލަސްތަކެއް އަންނަކަމަށެވެ. ސަބަބަކީ އަހުލުވެރިވުމަށް އަންނަ ލަސްކަމެކެވެ. އެހެންނަމަ ވެސް ކޮންމެ އާ ޓެކްނޮލޮޖީއެއް ތަޢާރަފުކުރަނީ އެއިން ފަސޭހަތަކެއް ބޭނުން ކުރާމީހުންނަށް ހޯދައިދިނުމަށެވެ. އެގޮތުން ކިޔަވައި ދިނުމުގައި އަޅުގަނޑުމެން ބޭނުން ކުރަމުން މިހާރު މިދާ ޕްރޮޖެކްޓަރ އަދި ކޮންޕިއުޓަރާއި އިންޓަރނެޓް ތަޢާރަފްވި ޒަމާންތަކަށް ބަލާލުން މުހިންމެވެ.
1925ވަނަ އަހަރު ފިލްމް ސްޓްރިޕް ޕްރޮޖެކްޓަރ ބޭނުން ކުރަން ފެށުނެވެ. މިއީ އަލި ބޭނުންކޮށް ފޮޓޯ ދައްކަން ބޭނުންކޮށް އުޅުނު އެއްޗެކެވެ (އަކަނެގްބޫ, 2013). ކަމަކަށްފަހު ކަމެއް ކުރިއަރަމުން ގޮސް 1940 ވަނަ އަހަރު އޯވާރ ހެޑް ޕްރޮޖެކްޓާރ ތަޢާރަފް ވެގެން ދިޔައެވެ. މިކަމުގެ ސަބަބުން ސްކޫލް ތަކުގެ އުނގަންނައިދިނުމަށް އިތުރު ފަސޭހަތަކެއް ވެގެން ދިޔައެވެ. މިއީ ލޯގަނޑެއްގެ އެހީގައި އަލި ފޮނުވައިގެން ބޭނުން ކުރާ އެއްޗެކެވެ. މި ބޭނުންކުރުމުން ވަގުތުގެ ބޮޑު ބައެއް ސަލާމަތްވެގެންދެއެވެ. ބޯޑުގައި ދޭން ބޭނުންވާ އެއްޗެއް އޯ.އެޗް.ޕީ އިންދައްކާލެވޭނެއެވެ. މިފަދަ ވަޞީލަތްތައް ބޭނުންކުރުމުން ފިލާވަޅުތަކަށް ކުދިން ގަޔާވާނެއެވެ.
1950ގައި ޓީވީ އާންމުވުން ވެގެންދިއުން ހިމެނެނީވެސް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ޗެއިނަށް އިތުރުވި ބޮޅެއްގެ ގޮތުގައެވެ. މަންޒަރާއި އަޑު އެއްފަހަރަށް ފެނުމުން ކުދިންނަށް ގިނަ އެއްޗެހިތަކެއް އޮޅުން ފިލުމުގެ ފުރުޞަތު އޮންނާނެއެވެ. ހަމަ ލޮލަށް ނުފެންނަ ކިތައްމެ އެއްޗެއް ލޮލަށް ފެނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
1960 ގެ މެދެއްހާ ހިސާބުގައި މައިކުރޯ ކޮމްޕިއުޓަރ ގެ ޒަމާން ފެށުން ވެގެން ދިޔައީ އުނގެނުމާއި، އުގަންނައި ދިނުމަށް އައި އިތުރު ފަހިކަމެއް ކަމުގައެވެ. 1971 ވަނަ އަހަރު އިންޓެލް ކޯޕަރޭޝަން އިން މައިކްރޯ ޕްރޮސެސަރ ނުވަތަ މައިކްރޯ ޕްރޮގްރާމެބަލް ކޮމްޕިއުޓަރ ޗިޕް ތަޢާރުފުކުރި އެވެ. 1975ވަނަ އަހަރު އެމް އައި ޓީ އެސް އިން އެންމެ ފުރަތަމަ މައިކްރޯ ކޮމްޕިއުޓަރ، އަލްޓައަރ ތަޢާރަފް ކުރިއެވެ. ރޮބަރޓް މެޓްކާފް ނަމަކަށް ކިޔާ މީހަކު އެންމެ ފުރަތަމަ ލޯކަލް އޭރިއާ ނެޓްވޯކް (ލޭން) އުފެއްދިއެވެ. އިތަރނެޓްގެ ނަން ދީފައިވާ މި ނެޓްވޯކް އުފެއްދީ ޒެރޮކްސް ޕާކް (ޕަލޯ އަލްޓޯ ރިސާރޗް ސެންޓަރ) ގައެވެ. ކަންކަން މިހެންގޮސް 1980ގެ އަހަރުތަކުގެ ފަހުކޮޅު ކޮމްޕިއުޓާރ އާންމު ވާން ފެށިއެވެ.
ޒަމާންނަށް އަންނަ ކުރިއެރުމާއި އެއްގޮތަށް އުނގަންނައި ދިނުމުގައި ގެންގުޅޭ އާލާތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައެވެ. 1988 ގައި ކޮމްޕިއުޓާރގެ އާއިލާއިން ލެޕްޓޮޕް ތަޢާރަފްވިއެވެ. ލެޕްޓޮޕަކީ ހުރިހާ ގޮތަކުންވެސް ފަސޭހަ އެއްޗެއް ކަމުގައި ވެގެންދިއައެވެ. ހިފައި ގެންގުޅުމުގައްޔާއި އުފުލާ ގެންގުޅުމުގައި އެތައް ތަނެއް ލުއިވެގެން ދިއައެވެ. ކުލާސް ރޫމްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށީ ސްމާރޓް ބޯޑު ކަހަލަ ވަޞީލަތްތައް ތަޢާރަފް ވާން ފެށުމުންނެވެ. 1991 ވަނަ އަހަރު ސްމާރޓް ބޯޑު ތަޢާރަފްވުން ކުރިން ކުލާސްތަކުގައި ބޭނުން ކުރަމުން އައި ބްލެކް ބޯޑާއި ވައިޓް ބޯޑުގެ ބޭނުންކުރުން މަދުވެގެން ދިޔައެވެ. އެފަދަ ފޯރުންތެރިކަން ހުރި ކޮންމެ ބަޔަކުވެސް ޒަމާނީ ވަޞީލަތްތައް ކުލާސް ރޫމްތަކަށް ތަޢާރަފް ކުރަމުން ދިއައެވެ. ނަތީޖާއަކަށް ވެގެންދިއައީ މިފަދަ ތަކެތީގެ އެހީގައި އުނގަންނައިދިނުމުން ދަރިވަރުންނަށް ވަރަށް ގިނަ ގުނަ ފައިދާތަކެއް ވެގެން ދިޔަކަމެވެ.
ތަފާތު ބޮޑެތި ބަދަލުތައް އައިސް 2000 ވަނަ އަހަރު އިންޓަނެޓް ތަޢާރަފްވެގެން ދިއުން ވެގެން ދިޔައީ އެޑިޔުކޭޝަން ޓެކްނޮލޮޖީގެ ރޮނގުން އައި ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައިއެވެ. އިންޓާރނެޓްގެ އެހީގައި ތަފާތު އެޕްލިކޭޝަންތައް ބޭނުންކޮށްގެން ރައްޓެހިންނާއި ގާތްގުޅުމެއް އުފެއްދިގެންދިއައެވެ. ހަމައެއާއެކު އޮޅުން ފިލުވަން ބޭނުންވާ މަޢުލޫމާތެއް އިންޓަރނެޓްގެ އެހީގައި ފަސޭހަކަމާއެކު ލިބެން ހުރެއެވެ. މިއަދު ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް އުޅޭމީހަކަށް ފަސޭހަކަމާއެކު ތަޢުލީމް ހާޞިލް ކުރުމުގެ ފުރުޞަތު އިންޓަރނެޓް ޒަމާނީ ވަޞީލަތްތަކުގެ އެހީގައި މި އޮތީ ފަހިވެފައެވެ. އޮންލައިންކޮށް ތަފާތު ކޯސްތައް ފުރިހަމަ ކުރުމުގެ ފުރުޞަތު މިވަނީ މިއަދު ލިބިފައެވެ. މިއީ ހައްތަހާވެސް އެޑިއުކޭޝަނަލް ޓެކްނޮލޮޖީން އައިސްފައިވާ ކުރިއެރުމެވެ. އަދިވެސް މިއީ ހުއްޓުމެއް ނޫނެވެ. ކުރިއަށް އޮތްތަނުގައިވެސް ތަފާތު އެތައް އައު އުފެއްދުންތަކެއް އުފަންވާނެކަން ޔަޤީނެވެ.
އެގޮތުން މިހާރު މިވަނީ ކިޔަވައިދިނުން ވަރަށް ބޮޑަށް އިންޓަރނެޓާއި ގުޅިފައެވެ. އެގޮތުން އޮންލައިންކޮށް ކިޔަވައިދިނުމަށް އެކި ކަހަލަ ޓެކްނޮލޮޖީ ޓޫލްސްތައް މިވަނީ ބޭނުން ކުރަންފަށާފައެވެ. އެހެންކަމުން ލައިވް ކުލާސްތައް ކުރިއަށް ގެންދިއުމަށް މައިކްރޯސޮފްޓް ޓިމްސް ، ގޫގްލް މީޓް އަދި ޒޫމްފަދަ ޓޫލްސް ބޭނުން ކުރެއެވެ. އަދި ދަރިވަރުން އެސެސް ކުރުމާއި ފިލާވަޅުތައް ހާވާލު ކުރުމަށް ވަރަށް ބައިވަރު ތަފާތު ޓެކްނޮލޮޖީ ޓޫލްސްތައް ބޭނުން ކުރަމުން ގެންދެއެވެ. އެގޮތުން ބައެއް ޓޫލްސްތަކަކީ ގޫގްލް ކުލާސްރޫމް ، ކަހޫޓް ، ކުއިޒްލެޓް ، ޕެޑްލެޓް ، ސީސޯވް އަދި ގޫގްލް ފޯމްއެވެ. މި ފަދަ ޓޫލްސްތަކަކީ ދަރިވަރުން ވަރަށް ގަޔާވާ ގޮތައް މަސައްކަތްތައް ތައްޔާރު ކުރެވޭ ގޮތައް ޑިވޮލަޕަރސް ތައްޔާރު ކޮށްފައިވާ ޓޫލްސްތަކެކެވެ. އެހެން ކަމުން މި ފަދަ ޓޫލްސްތައް ދަސްކޮށް ބޭނުނު ކުރަން ފަރިތަވުމަކީ ޓީޗަރުންގެ ކިޔަވައި ދިނުމުގައި އަދާ ކުރާ ރޯލަށް އިތުރު ބޮޅަކަށް ވެގެންދާނެއެވެ.
ޓެކްނޮލޮޖީ ކުރިއަރައިން ގޮސް މިހާރު ކަންކަން ފަސޭހަވެފައިވާ ވާހަކައަކީ އަޑަށް ބާރުލާފައި އެންމެންވެސް ދައްކާ ވާހަކައެކެވެ. ރަނގަޅު ވާހަކައެކެވެ. އެއީ ޙަޤީޤަތެވެ. ޓެކްނޮލޮޖީ ދަންނަ މީހުންނަށް، ކަންކަން އަވަސް ވެއްޖެއެވެ. ކަންކަން ފަސޭހަވެއްޖެއެވެ. ކުރީގައި އެތައް ގަޑިއިރެއް ހޭދަކުރަންޖެހޭ ކަންކަން މިހާރު ވަރަށް އަވަހަށް ވަރަށް ފަސޭހައިން ނިންމާލެވެއެވެ. ކުރީގައި އެތައްދުވަހެއް ފަހުން ފޯރުކޮށްދެވޭ މަޢުލޫމާތު މިހާރު ސިކުންތު ކޮޅެއްގެ ތެރޭ ފޯރުކޮށްދެވެއެވެ. އަދި މަޢުލޫމާތު ހޯދަން ބޭނުން މީހަކަށް ދުނިޔޭގެ އެކި ހިސާބުން އެކި މީސް މީހުން ގާތުން މަޢުލޫމާތު ހޯދެއެވެ. ވަކި ދާއިރާއެއް އިސްތިސްނާ ވުމެއް ނެތެވެ. ހުރިހައި ދާއިރާއެކެވެ. ރަނގަޅާއި، ގޯސްވެސް މެއެވެ. ރަނގަޅު ކަންކަން ކުރަން ބޭނުން މީހަކަށް ރަނގަޅު ކަންކަން ހޯދެއެވެ. ނުބައި ކަންކަން ހޯދަން ބޭނުން މީހުންނަށް ނުބައި ކަންކަން ވެސް ހޯދެއެވެ.
ކިޔަވައިދިނުމަށް ޓެކްނޮލޮޖީގެ ސަބަބުން ފައިދާ ކުރިފަދައިން ގެއްލުންވެސް ވިއެވެ. މުދައްރިސުންނަށާއި ދަރިވަރުންނަށް ސިއްހީ މައްސަލަތަކާއި ކުރިމަތިވެވެ. ގިނަވަގުތު ސްކްރީންތަކަށް ބެލުމުން ލޮލަށް ލިބޭގެއްލުން މީގެތެރޭހިމެނެއެވެ. ޓެކްނޮލިޖީގެ ސަބަބުން ދަރިވަރުން އަމިއްލައަށް ނުބައި މަސްދަރުތައް ބޭނުން ކޮށްގެން ގޯސް މަޢުލޫމާތު ހޯދައި އެކުދިންނަށް ނުބައި މަންޒަރުތައް ފެނުން އިތުރުވެ އިޖްތިމާޢީ ފޭރާން މިވަނީ ވީދިފައެވެ. އަދި ކިޔެވުމާއި ދަރިވަރުން ދުރަށް ގޮސް ތަފާތު ގޭމްތަކާއި ސޯޝަލްމީޑިއާ ޕްލެޓް ފޯމްތަކުގައި ހޭދަކުރާ ވަގުތު އިތުރުވެގެން ދިޔައެވެ.
- ތަފާތު ގިންތިތަކުގެ ކުދިންނަށް ބަލައި ކިޔަވައިދިނުން.
ދިރާސާތަކުން ދައްކާ ގޮތުގައި އެކި ކުދިންނަށް އުނގެނެން ފަސޭހަވަނީ އެކި ގޮތަށެވެ. އެކި ކުދިންގެ އުނގެނޭ ވައްޓަފާޅި ތަފާތެވެ. ވީމާ 21 ވަނަ ޤަރުނުގައި ކިޔަވައި ދޭ މުދައްރިސުން ވާން ޖެހޭނީ އެކިއެކި ކުދިންނާއި ގުޅިގެން އެކުދިންގެ ޙާލަތު އެނގިގެން ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކުރަން ދަންނަ ބަޔަކަށެވެ. ދަރިވަރުން އުނގެނޭ ގޮތްތައް ކަމަށް ފްލެމިން އަދި މިލްސް ( 1992 ) ހާމަކުރާގޮތްތަކަކީ VARK އެވެ. އެއީ V ވިޒުއަލް ލަރނާސް ( އެއްޗެހިބަލައިން ދަސްކުރާކުދިން ). A އޮޑިޓަރީ ލަރނަރސް ( އަޑުއަހައިން ދަސްކުރާކުދިން ) ، R ރީޑް އެންޑް ރައިޓް ލަރނަރސް ( ކިޔުމާއި ލިޔުމުން ދަސްކުރާކުދިން ) ، K ކައިނެސްތެޓިކް ލާރނަރސް ( ކަންކަން ކޮށްގެން ދަސްކުރާކުދިން ) މިއެވެ.
ވީމާ ޓީޗަރުންގެ ދައުރަކީ މިހުރިހައި ގިންތިއެއްގެ ކުދިން އެޕްލައިވާނެ ފަދަ ގޮތަކަށް ފިލާވަޅުތައް ރޭވުމެވެ. އެހެން ކަމުން ހުރިހައި ޙިއްސެއް ބޭނުނު ކުރެވޭ ގޮތައް ގެންދެވޭ ފިލާވަޅެއް ނަމަ ފިލާވަޅު ކުރިއަށް ގެންދިއުމުގައި އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ކުދިންނަށް ފިލާވަޅާ ގުޅޭ އެއްޗެހި މި ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި ޕްރެސެންޓެޝަން އިން ދައްކަން ޖެހެއެވެ. އެއީ ވިޒުއަލް ލާރނަރސް އަށް އެގޮތް ފަސޭހަވާނެތީއެވެ. ޕްރެޒެންޓްކޮށް ކިޔައިދޭށެވެ. އޭރުން އޯޑިޓަރީ ލަރނަރސް އަށް ފަސޭހަވާނެއެވެ. ފިލާވަޅާ ގުޅޭގޮތުން ގުރޫޕްމަސައްކަތެއް ހަވާލުކުރާށެވެ. ނުވަތަ ހުށަހެޅުމެއް ހުށަހަޅަން ހަވާލު ކުރާށެވެ. އޭރުން ކަންކަން ކޮށްގެން ދަސްކުރާކުދިންނަށް ފަސޭހަވެގެން ދާނެއެވެ. މިފަދަ ކަންކަމަށް ބަލައި އުނގަންނައިދިނުން ރޭވުމަކީވެސް 21 ވަނަ ޤަރުނުގައި މުދައްރިސުންގެ ވަރަށް މުހިންމު ރޯލެކެވެ.
- ނިންމުން
ޒަމާންތައް ބަދަލުވަމުން ގޮސް މުޖުތަމަޢަށް 21ވަނަ ޤަރުނުގައި މިހާރު އައިސްފައި މިވާ ބަދަލުތަކަކީ މީގެކުރިން ބަޔަކު ތަސައްވަރު ކޮށްފައިނުވާ ފަދަ ބަދަލުތަކެކެވެ. ޒަމާނަށް އަންނަ ކޮންމެ ހެޔޮ އަދި ފަސޭހަ ބަދަލުތަކަކީ އަޅުގަނޑުމެން ވެސް އޭގައި ހިފައިން ކުރިޔަށް ދާންޖެހޭ ބަދަލުތަކެވެ. އެހެންނޫންނަމަ މުޖުތަމަޢުގައި ކަންކަން ކުރުމަށާއި އުޅުމާއި ގުޅުމަށް އުނދަގޫތަކެއް ކުރިމަތިވެގެން ދާނެއެވެ. ކިޔަވައިދެއްވާ މުދައްރިސުންނަކީ އެޒަމާނަކަށް އަންނަ ބަދަލުތަކަށް އެންމެ ފުރަތަމަ އަހުލުވެރިވާން ޖެހޭބައެވެ. އެހެން ނޫނީ އެ މުޖުތަމަޢަކަށް އެއިރެއްގައި އަންނަ ބަދަލުތަކުގެ ހެޔޮ އަޘަރެއް ނުކުރާނެއެވެ.
ވީމާ މުދައްރިސުން ކިޔަވައިދިނުމުގައި ބޭނުން ކުރާ ގޮތްތަކަކީ މުޖުތަޢަށް އަދި ޒަމާނަށް އެކަށޭނެ އުފެއްދުންތެރި އަދި ކުރިއަށް ވިސްނައިން ބޭނުން ކުރާގޮތްތަކަށް ވުން ވަރަށްވެސް މުހިންމުވާނެއެވެ. އެހެން ކަމުން ބަދަލުވަމުން އަންނަ މުޖުތަމަޢެއްގައި ، މުޖުތަމަޢަގެ އަފުރާދުންގެ ގެ ވިސްނުމާއި ގުޅުމާއި އަޚްލާޤާއި ޘަޤާފަތަށާއި، އަދި ބޭނުން ކުރާ އަދި ބޭނުންކުރެވިދާނެ ވަޞީލަތްތަކަށް އަހުލުވެރިވުމަކީ ކިޔައިވައިދެއްވާ މުދައްރިސުން ކުރަންޖެހޭ ކަމެކެވެ.
ރިފަރެންސް ލިސްޓް:
- އިބްރާހީމް ޝާކިރު، ވެނީލާގެ (2014). ކަމަކަށް ސަމާލުވުމުގައި އޭގެ ކުރިއާއި ފަސް، އަދި އެކަމުގެ ތެރެ. މަޢުލޫމާތު ލިބުނީ އޮކްޓޯބަރ25، 2021. ނެގީ http://saruna.mnu.edu.mv/jspui/bitstream/123456789/695/1/21-24.pdf އިން.
- އާދަމް ނަޞީރު އިބުރާހީމް( 2012 ). ކަމަކަށް ސަމާލުވުމުގައި އޭގެ ކުރިއާއި ފަސް، އަދި އެކަމުގެ ތެރެ. ( އިންޓަރވިއު)
- ޢަލީ ޔޫސުފް ( 2019 ). 21 ވަނަ ޤަރުނުގައި ޓީޗަރުން. މަޢުލޫމާތު ލިބުނީ އޮކްޓޯބަރު28، 2021. ނެގީ http://alyoosuf.blogspot.com/2019/10/21.html އިން.
- ވަރކް ލަރން ( ތ.ނ) ވަރކް މޮޑަލަޓިސް. މަޢުލޫމާތު ލިބުނީ އޮކްޓޯބަރު30، 2021. ނެގީ https://vark-learn.com/introduction-to-vark/the-vark-modalities/ އިން.
- އެކަނެގްބޫ ( 2013 ). ވިޒަން އޮފް ލަރނިންގ. މަޢުލޫމާތު ލިބުނީ އޮކްޓޯބަރ30، 2021. ނެގީ https://edtechmagazine.com/k12/article/2013/02/vision-learning-history-classroom-projectors އިން.
- ޓެކް ޑޮޓް ކޮމް ( 2020). ޓީޗިންގ މެތަޑްސް. މަޢުލޫމާތު ލިބުނީ އޮކްޓޯބަރ30، 2021. ނެގީ https://teach.com/what/teachers-know/teaching-methods/ އިން.
- ޓެޑަޔޮން ( 2012 ). ބަންދޫރާ ސޯޝަލް ލާރނިންގ ތިއަރީ. މަޢުލޫމާތު ލިބުނީ އޮކްޓޯބަރ30، 2021. ނެގީ https://www.researchgate.net/publication/267750204_Bandura’s_Social_Learning_Theory_Social_Cognitive_Learning_Theory އިން.
- އާމިނަތު ޝާފިޔާ ( 2020 ) ވެލިޔުސް އެޑިއުކޭޝަން ނުވަތަ އަޚްލާޤިއްޔާތު ދަސްކޮށްދިނުން. މަޢުލޫމާތު ލިބުނީ އޮކްޓޯބަރ31، 2021. ނެގީ https://aafathis.mv/archives/57522 އިން.
- މިދުޙަތު އިރުފާން ( 2021 ). މުސްލިމުންގެ ޙަޟާރަތާއި ޘަޤާފަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އޭގެ ޙައްލު. މަޢުލޫމާތު ލިބުނީ އޮކްޓޯބަރ 31، 2021. ނެގީ https://dhisalafiyyah.net/article/37924 އިން.
ބެންޖާމީން ހެރޯލްޑް ( 2016). ޓެކްނޮލޮޖީ އިން އެޑިއުކޭޝަން. މަޢުލޫމާތު ލިބުނީ ނޮވެމްބަރު 02، 2021. ނެގީ https://tedna.org/wp-content/uploads/2016/02/technology-in-education_-an-overview-education-week.pdf އިން.