ރީތިއަޑުން އެހެން މީހުން އަޑުއަހާ ހިތްވާގޮތަށް ޤުރްއާން ކިޔެވުން.

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

ރީތި އަޑުން ކީރިތިޤުރްއާން ކިޔަވައި އެހެން މީހުން އަޑުއަހައި ހިތްވާގޮތަށާއި، ސާފުވާގޮތަށް ކިޔެވުމަކީ ޤުރްއާނަށް އަދަބުވެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަމެކެވެ. އެކަމަށްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް ބާރުއަޅުއްވާފައެވެ. އެކަލޭގެފާނު ހަދީޘްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ “ އެމީހެއްގެ އަޑު ޤުރްއާން ޒީނަތްތެރި ނުކުރާމީހަކީ ތިމަންމެންގެ ތެރެއިން ވާ މީހެއް ނޫނެވެ. “ ( ޞަޙީހް ބުޚާރީ 7527 ). މި ބަސްފުޅުން އެނގިގެންދަނީ އެކަމަށް އެކަލޭގެފާނު ބާރު އަޅުއްވާފައިވާ މިންވަރެވެ. އަދިއެކަން ނުކުރާ މީހަކީ ﷲގެ ރަސޫލާގެ ސުންނަތައް ފުރިހަމައަށް ތަބަޢަވާ މީހެއްނޫންކަމެވެ.

ކީރިތިޤުރްއާން އެމީގެއްގެ އަޑުން ޒީނަތްތެރި ކުރުމަކީ ކޮބާހެއްޔެވެ؟ އެއްވެސް ޙާލެއްގައި ހަޅޭލައްވައި ގޮތައް ކިޔެވުމާއި، މިއުޒިކީ ރާގަކަށް ނުވަތަ ބަންޖެއް ކިޔާފަދައިން ކިޔުމަކީ އެއީ ޤުރްއާން ޒީނަތްތެރި ކުރުމެއް ނޫނެވެ. އެހެނެއްކަމަކު، ޤުރްއާން އެހެން މީހުނަށް އަޑުއިވޭފަދައިން އަޑުހަރުކޮށް ކިޔެވުމާއި، އަކުރުތަކުގެ މަޚްރަޖުން ޞިފަތައް ފުރިހަމަކުރުމާއި، ފަސެހަކަމާއި މަޑުމޮޅިކަމާއިއެކު ކިޔަވައި، އަދި ކިޔަވާ މީހާގެ އަޑުން އުފާވެރިކަން ނުވަތަ ހިތާމަވެރިކަން ފާޅުކޮށް އަޑުއަހާ މީހުންގެ ޖަޒުބާތުތަކާއި ކުޅެލައި ހިތުގެ އެންމެ ފުންމިނަށް އަޘަރު ކުރާ ފަދަގޮތަކަށް ކިޔެވުމަކީ އެއީ ޤުރްއާން އެމީހެއްގެ އަޑުން ޒީނަތްތެރި ކުރުމެވެ.

އިބްނު ކަޘީރު ވަދާޅުވެފައިވެއެވެ. “ ދީނީ ގޮތުން އޮންނަގޮތަކީ މީހުންގެ ހިތްތަކަށް އަޘަރުކުރާނެ ފަދަ ރީތި ގޮތަކަށް ރީތި އަޑުން ގުރުއާން ކިޔެވުމެވެ. އެކިޔަވާ ރާގަކުން، އޭގެ މާނަޔާ މެދު ވިސްނާ ހިތްތަކަށް މަޑުމޮޅިކަން ވަންނަ ފަދައިން ކިޔެވުން އެއީ ގުރުއާން ކިޔަވަން އެންމެ އައުލާ ކަން ބޮޑުގޮތެވެ. ގުރުއާން ކިޔަވާއިރު، ލަވަ ކިޔާ ފަދައިން ނުވަތަ، މިޒަމާނުގައި މީހުން ތަރައްޤީ ކޮށްފައިވާ، މިއުޒިކް ނުވަތަ އެހެންވެސް މުނިފޫހިފިލުވުމުގެ ގޮތުން ބޭނުންކުރެވޭ އެއްވެސް ކަހަލަ ޅެމެއް ނުވަތަ ބަންޖެއް ފަދައިން  ކިޔެވުމަކީ ހުއްދަ ކަމެއް ނޫނެވެ.“ ( ފަޟާއިލުލް ޤުރްއާން ސ.114 )

ޝައްކެއް ނެތްގޮތުގައި ރީތިއަޑުން ރާގުން ޤުރްއާން ކިޔަވާ މީހުންގެ ކިޔެވުން އަޅުގަނޑުމެން އަޑުއަހައި ހިތްވެއެވެ. އަދި އެމީހެއްގެ ކިޔެވުން ރެކޯޑިން ހޯދައިން އަޑުވެސް އަހަމުއެވެ. އަދި އަޑުއަހަން ގިނައިރު ތިބެވެންވެސް ތިބެވެއެވެ. އަދި ހަމައެފަދައިން އަޅުގަނޑުމެން ރަމަޟާން މަހުގެ ތަރާވީޙް ނަމާދަށް ބަލާލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުން ބަލަނީ އަޑުއަހައިލަން ފަސޭހަ އެންމެ ރީތިކޮށް ކިޔަވާ ޤާރީއެއްގެ ފަހަތުގައި ތަރާވީޙް ނަމާދުކުރެވޭތޯ ނޫންތޯއެވެ. އަދި އެފަދަ އިމާމުން ތިބި މިސްކިތްތައްބަލައި، އެމިސްކިތަކަށް ތަރާވީޙަށް ދިއުމަށް ޝައުޤުވެރިވެއެވެ. އެފަދަ އިމާމުން ނެތް ރަށެއްނަމަ ނުވަތަ މިސްކިތެއްނަމަ ބޭރުން މީހަކު ގެނެސްގެން ވެސް ތަރާވީޙް ކުރުވައެވެ. އެއީ ގިނަވަގުތުތަކެއް ހޭދަވާ ނަމާދަކަށް ވުމުން ޝައުޤުވެރިކަމާއިއެކު އެ އިމާމާގެ ކިޔެވުން އަޑުއަހައިލަން ތިބެން ފަސޭހަވުމުންނެވެ. މި ކަމުންވެސް އެނގިގެންދަނީ އަޅުގަނޑުމެންގެ އަޑުން ޤުރްއާން ޒީނަތްތެރި ކުރުމަކީ މުހިންމު ކަމެއްކަމެވެ.

ދުޢާއަކީ އަޅުގަނޑުމެން އެންމެނަކީވެސް އެމީހެއްގެ އަޑުން ޤުރްއާން ޒީނަތްތެރިކުރުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލައްވައި އެކަމުގެ ތަޥްފީޤުދެއްވުމެވެ.