ފެށުން

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

ކީރިތި ޤުރްއާނަކީ ފޮތްތަކުގެ ތެރެއިން އެންމެ މަތިވެރި އެންމެ މާތްވެގެންވާ ފޮތެވެ. އަދި އެފޮތަކަށް އަޅުގަނޑުމެން އެންމެ ލޮތްބާއި ، އިޚްތިރާމާއި ޤަދަރު ދޭންޖެހޭ ފޮތެވެ. އެހެނީ ޤުރްއާނަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާގެ މަތިވެރި ވެގެންވާ ކަލާމްފުޅެވެ. މި ޤުރްއާނަކީ އަނދިރިކަމުގެ ތެރެއިން އަލިކޮށްދެއްވި މަތިވެރިވެގެންވާ ނޫރެކެވެ. އަލިގަދަ ދަލީލު ތަކެކެވެ. ޙާއްޤާއި ބާޠިލު ވަކިކޮށްދިން ފޮތެކެވެ. އަޅުގަނޑުމެންނަށްވާ ރަޙްމަތެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ( ޖާޘިޔާ 20 ) “ މި ޤުރްއާނަކީ މީސްތަކުންނަށްވާ އަލިގަދަ ދަލީލުތަކެކެވެ. އަދި ޔަޤީން ކުރާބަޔަކަށްވާ ހިދާޔަތަކާއި، ރަޙްމަތެކެވެ.“ ވީމާ މިފަދަ ފޮތަކަށް އަޅުގަނޑުމެން ލޯބިކޮށް، އަދަބު އިޚްތިރާމް ކުރުން ޙައްޤު ނޫންހެއްޔެވެ. އެގޮތުން އެފޮތަށް އަދަބުވެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެންނަށް އެނގެން ޖެހެއެވެ. އަދި އެފޮތަށް އިޚްތިރާމް ކުޑަވާ ފަދަ ކިތަންމެ ކުޑަކަމެއް ނަމަވެސް އެ ކަންކަމުން ދުރުވުމަށް އަޅުގަނޑުމެންނަށް  އެކަމެއް އެނގެން ޖެހެއެވެ.

ކީރިތި ޤުރްއާނަށް އަދަބުވެރި ވެވޭނީ އެންމެ ފުރަތަމަ މި ޤުރްއާނުގެ މާތްކަމާއި މަތިވެރިކަން ފަހުމްވެގެންނެވެ. އަދި ޤުރްއާން ކިޔެވުމުން ލިބޭ ފައިދާތަކާއި މަންފާ އެނގި ފަހުމްވުމުންނެވެ. އެހެނީ އެއްޗެއްގެ ފައިދާއެއް ނޭނގޭ ނަމަ އެއާއިމެދު ފަރުވާލެއް ނުބެހެއްޓޭނެތީއެވެ. ކީރިތި ޤުރްއާނުގެ މާތްކަމާއި މަތިވެރިކަމާއި އެފޮތުންލިބޭ ފައިދާތައް އެނގޭނަމަ ނުވަތަ ޤަބޫލުކުރެވޭނަމަ އެފޮތަށް ލޯބިކުރުމާއި އަދަބުވެރިވެރިވުން އިތުރުވާނެއެވެ. އާދެ ޝައްކެއް ނެތްގޮތުގައި އެ ފޮތުން ބަހެއް ބުނެއްޖެމީހަކު ތެދުބުނެފިއެވެ. އެ ފޮތާ އެއްގޮތަށް ޢަމަލުކޮށްފިމީހަކަށް ދަރުމަހުއްޓެވެ. އެ ފޮތާ އެއްގޮތަށް ޙުކުމްކޮށްފިމީހަކު ޢަދުލުވެރިވެއްޖެއެވެ. އެ ފޮތް އަޑުއަހައިފިމީހަކަށް މަންފާކުރާނެއެވެ. އެ ފޮތުގައިވާ ގޮތުގެ މަތިން ދުޢާކޮށްފިނަމަ، އެމީހަކަށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތު ލިބިއްޖެއެވެ. އަދި އެ ފޮތަށް ތަބާވެއްޖެމީހަކު މަގުފުރެދިގެން ނުދާނެއެވެ. އަދި َ އަބާއްޖަވެރިއެއްވެސް ނުމެވާނެތެވެ. ޠާހާ ސޫރަތުގެ 123 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. “ ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް ތަބާވެއްޖެމީހާ )ދަންނާށެވެ!( ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ.“

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ހަމަކަށަވަރުން މީސްތަކުންގެ ތެރޭގައި اللهއަށްވާ އަހުލުންތަކެއްވެއެވެ.“ ޞަހާބީ ބޭކަލުން ސުވާލުކުރެއްވިއެވެ. އޭ اللهގެ ރަސޫލާއެވެ! އެއީ ކޮން ބައެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ”އެބައިމީހުންނަކީ ޤުރްއާނުގެ އަހުލުންނެވެ. اللهގެ އަހުލުންނެވެ. އަދި އެކަލާނގެ ޚާއްޞަކުރައްވާފައިވާ މީހުންނެވެ .“( رواه ابن ماجه 215 ،) ( وهو ف صحيح اجلامع )2165. އަދި ޤުރްއާނުގެ ސަބަބުން މީސްތަކުންގެ ތެރެއިން ބައެއް މީހުން މަތިވެރި ކުރައްވައެވެ. އަދި އަނެއްބަޔަކު ނިކަމެތި ކުރައްވައެވެ. ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަމަކަށަވަރުން މި ޤުރުއާނުގެ ޒަރީޢާއިން ބަޔަކުމީހުން الله މަތިވެރިކުރައްވައި، އަދި އަނެއްބަޔަކު ނިކަމެތިކުރައްވައެވެ.“ رواه مسلم 817 . އަދި ޤުރްއާން އުނގެނި އުނގަންނައިދޭ މީހާއަކީ އެންމެ ހެޔޮ މީހާކަމަށް އިޝާރާތްކުރަށްވައި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ތިޔަބައިމީހުން ކުރެ އެންމެ ހެޔޮމީހަކީ ޤުރްއާން އުނގެނި، އަދި އެ ފޮތް އުގަންނައިދޭ މީހާއެވެ.“ رواه البخاري 5027 .

ކީރިތި ޤުރްއާން ކިޔެވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭ މަތިވެރި އަޅުކަމެކެވެ. އެކަން ބަޔާން ކޮށްދެއްވާ ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.  ”اللهގެ ފޮތުން އަކުރެއް ކިޔަވައިފިމީހަކަށް، އެ އަކުރުގެ ސަބަބުން އެމީހަކަށް ހެޔޮކަމެއްވެއެވެ. އަދި ހެޔޮކަމަކީ އޭގެ ދިހަގުނަވާ ހެޔޮކަމެކެވެ. ﴿ الم ﴾ އަކީ އަކުރެއްކަމުގައި ތިމަންކަލޭގެފާނު ޙަދީޘް ނުކުރައްވަމެވެ. އެހެނެއްކަމަކު، އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ.“  رواه الترمذي (2910)، وهو ف صحيح الترغيب والترهيب (1416 . މީގެ އިތުރުން ކީރިތި ޤުރްއާން ކިޔަވާ މީހުންނަށް ޤިޔާމަތް ދުވަހު ހުރި އުފާވެރިކަމެއްގެ ވާހަކަ ބަޔާން ކޮށްދެއްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. “ ތިޔަބައިމީހުން ޤުރްއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހު އެ ފޮތުގެ އަހުލުވެރިންނަށް ޝަފާޢަތްތެރިވުމަށް އަންނާނެއެވެ“. رواه مسلم ( 804 )

މި ފޮތުން އަޅުގަނޑުމެންނަށް މި ހުރިހައި ފައިދާތައް ދުނިޔެއާއި އާޚިރަތުގައި ލިބެން އޮތް އިރު އަޅުގަނޑުމެން އެފޮތަށް އަދަބު އިޚްތިރާމް އަދާކުރުން ޙައްޤު ނޫންތޯއެވެ. ކީރިތި ޤުރްއާނަށް އަދަބުވެރި ވުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ބައިވަރު ކަންކަން އެބަހުއްޓެވެ. އެގޮތުން ބައެއް މުހިންމު ކަންކަން ފާހަގަކޮށްލާނަމެވެ.

އަދިނުނިމޭ…

މައްޗަށްދޭ