ޤިބްލައަށް ކުރިމަތިލައިން އިނދެ ޤުރްއާން ކިޔެވުން.

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

ކީރިތި ޤުރްއަން ކިޔަވާއިރު ޤިބްލައަށް ކުރިމަތި ލުމަކީ ދީނީގޮތުންބަލާއިރު އިތުރު ޘަވާބާއި ދަރުމަ ލިބޭ ކަމެއްނޫނެވެ. އެހެން ނަމަވެސް ކީރިތި ޤުރްއާން ކިޔަވާއިރު ޤިބުލައަށް ކުރިމަތިވާގޮތަށް އިނދެ ކިޔެވުމަކީ އަދަބުވެރިވުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ އެދެވިގެން ކަމެކެމެވެ. އެހެނީ އެއީ ބައެއް ބޭފުޅުން ދެކިލައްވާގޮތުގައި ޤުރްއާން ކިޔެވުމަކީ ވެސް އަޅުކަމެއްކަމުގައި ވާތީ، ޤުރްއާން ކިޔަވާއިރު ނަމާދުފަދައިން ޤިބުލައަށް ކުރިމަތިލައިން އިނދެ ކިޔެވުމަކީ އެ ކިޔަވާމީހާގެ ހިތުގައި ޤުރްއާން ކިޔެވުމަށާއި، އެޤުރްއާނަށް އޮންނަ ލޮތްބާއި، ޤަދަރު އިޚްތިރާމް އޮތްމިންވަރު ހާމަވެގެން ދާނެ ކަމެއްގެގޮތުގައެވެ.

ޤުރްއާން ހަނދުމަކުރުމަށާއި، ކިޔެވުމަށް ﷲ ތަޢާލާވަނީ ފަސޭހަކޮށްދެއްވާފައެވެ. ޤުރްއާން ކިޔެވުމުގައި ތަކުލީފެއް ލިބިގަތުމެއްނެތެވެ. އިށީނދެ އިނދެގެންނާއި، ކޮޅަށްހުރެގެންނާއި، އޮށޯވެއޮވެގެނާއި، މަސައްކަތްކުރަމުންނާއި، ވެހިކަލް ދުއްވަމުންވެސް އަދި އޮފީސް މާހައުލުގައި އުޅެމުންވެސް  ޤުރްއާން ކިޔެވިދާނެއެވެ. މާތް ﷲ ކީރިތިޤުރްއާނުގައި އަލްޤަމަރު ސޫރަތުގައި ވަޙީ ކުރައްވާފައިވައި ވެއެވެ. ( وَلَقَد يَسَّرنَ القُرآن لِلذِّكرِ فَهَل مِن مُدَّكِر )“ ހަމަކަށަވަރުން، ތިމަންރަސްކަލާންގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށްދެއްވީމެވެ. ފަހެ ހަނދުމަކުރާމީހަކުވޭ ހެއްޔެވެ؟ ”